ރަޝިޔާ އާއި ބެލަރޫސްގައި އޮންލައިންކޮށް ކިޔަވައިދޭންޖެހޭ ހާލަތެއް ނެތްކަމަށް ނިންމައިފި

ރަޝިޔާ އާއި ބެލަރޫސްގައި އޮންލައިންކޮށް ކިޔަވައިދޭންޖެހޭ ހާލަތެއް ނެތްކަމަށް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2022 11:18
0

ރަޝިޔާ އަދި ބެލަރޫސްގައި ހިންގަމުންދާ މެޑިސިން ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ޖެހޭ ޙާލަތެއް އަދި ނެތް ކަމަށް އެޔުނިވަރސިޓީތަކުން ބުނެފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބެލަރޫސްގެ ޔުނިވަރސިޓީތަކުން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެގައުމުގެ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިގެންކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ކްލާސްތައް އޮންލައިންކުރުމުގެ ވިސްނުމެއް ބެލަރޫސް ސަރުކާރުގެ ނެތް ކަމަށެވެ.

އަދި ދަރިވަރުން ބެލަރޫސްގައި ތިބޭ އިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔުނިވަރސިޓީތަކުން ޔަގީންކޮށްދޭކަމަށްވެސް ޔުނިވަރސިޓީތަކުން ދިވެހި ސަރުކާރަށް އަންގާފައިވާކަމަށެވެ. ރަޝިޔާގެ ޔުނިވަރސިޓީތަކުންވެސް ވަނީ ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނުފެންނަކަމަށް ބުނެފައެވެ.

ބެލަރޫސް އާއި ރަޝިއާ ގައި ވަރަށް ގިނަ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުން ގެންދެއެވެ. ރަޝިޔާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފަށައި، އެސަރަހައްދުގެ ހާލަތު ގޯސްވެފައިވާތީ ޔޫކްރެއިންގެ އިވާނޯ ފްރެންކްވިސްކްގައި މެޑިސިން ކިޔަވަމުން ދިޔަ ބައެއް ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.

ރަޝިއާއާއި ޔޫކްރެއިންގެ މަޞްރަހު ގޯސްވެ ހަނގުރާމަ އިޢުލާން ކުރުމާ ގުޅިގެން އެ ޤައުމުގައި ކިޔަވަން ތިބި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަޑިއިރެއްގެ ތެރޭގައި ބޭންކާ ވާހަކަ ދައްކައިގެން އެ ތަނުގައި ތިބި ދަރިވަރުންގެ އެކައުންޓް ލިމިޓްވެސް އިތުރުކޮށްދީފައެވެ. އަދި މިހާރުވެސް އެ ޤައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުްނނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލަބީޤް މުޙައްމަދު މާހިދު
ނުރައްކަލެއް ނެތް. ވިސާ ކާޑު، މާސްޓަރ ކާޑު ބްލޮކްކޮށްފަ. ސްވިފްޓުން ބޭރުކޮށްފަ. ބޭންކު ޓްރާންސެކްޝަންތަކަށް ދަތިކޮށްފަ. ސޯޝަލް މީޑިއާ ތޯއްޗެއް ދެން ނުލިބޭގޮތް ހަދާނީ. މިހުރިހާ ކަމަކަށް ފުރުޞަތު ހުޅުވައިދިން މީހަކީ ޕުޓިން. ޕުޓިންގެ ދައުރު ހަމަވުމުން ވެރިކަމުން ފައިބާފާނެ. އަދި ޢުމުރު ހަމަވުމުން މަރުވެސް ވެދާނެ. އާޚިރުގައި ހުރިހާ ގެއްލުމެއް ރަޝިޔާއަށް. ރަޝިޔާ ރައްޔިތުންނަށް، އަދި ރަޝިޔާގައި ދިރިއުޅޭ / ކިޔަވާ / މަސައްކަތްކުރާ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް.