ޔޫކުރެއިންއާއި އިންވެގެން އޮންނަ ބެލަރޫސްގެ ބޯޑަރުކައިރީގައި ބޭއްވުމަށް ހަމަޖެހުނު ސުލްހައިގެ ވާހަކަތައް ރަޝިއާއި ޔޫކުރެއިންގެ އޮފިޝަލުން ފަށައިފިއެވެ.
މި މަޝްވަރާތައް ކުރިޔަށް ދަނީ، އަވަށްޓެރި ބެލަރޫސްގައި މަޝްވަރާ ކުރުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުން އެންމެ ފުރަތަމަ ޔޫކުރެއިން އިން ގަބޫލުނުކޮށް ރައްދުކުރުމަށްފަހު، މަޝްވަރާތައް ބެލަރޫސްގެ ބޯޑަރު ކައިރީގައި ކުރިޔަށް ގެންދާގޮތަށް ހަމަޖެހިގެން ދިއުމާއެކުއެވެ.
މި މަޝްވަރާތަކުގައި ޔޫކުރެއިންގެ ފަރާތުން ބައިވެރިވަމުންދަނީ އެގައުމުގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރުގެ އިތުރުން، ޑިފެންސް މިނިސްޓަރާއި އަދި ފޮރިންގ މިނިސްޓަރުގެ ނާއިބެވެ. ރަޝިއާގެ ފަރާތުން މިވާހަކަތަކުގައި އެންމެ އިސްކޮށް ބައިެވރިވެ ވަޑައިގަންނަވަނީ ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން އިސް މުޝީރެއް ކަމުގައިވާ ލާޑިމިރި މެޑިންސްކީއެވެ.
ވާހަކަތަކުގެ ކުރިން ޔޫކުރެއިން ބުނެފައިވަނީ، އެގައުމުން ބޭނުންވަނީ ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނައުމަށާއި، ރަޝިއާގެ ހުރިހާ ސިފައިން އެގައުމުން ފޭބުމަށް ކަމަށެވެ. ރަޝިއާގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ އިސް ނެގޯޝިއޭޓަރ ވިދާޅުވެފައިވަނީ، އެގައުމުން ބޭނުންވަނީ، ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އެއްބަސްވުމަކަށް އައުމަށް ކަމުގައެވެ.
އެހެންނަމަވެސް ވާހަކަތަކުގެ ކުރިން ޔޫކުރެއިން ބުނެފައިވަނީ، މިވާހަކަތަކުން އާދަޔާ ޚިލާފު ބޮޑު ބަދަލެއް ފެނިގެން ހިގައިދާނެކަމަށް އެގައުމުން އުއްމީދެއް ނުކުރެއެވެ.
ރަޝިއާއި ޔޫކުރެއިންއާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށިފައިވާއިރު، އުއްމީދު ކުރިވަރުގެ ކުރިއެއުމަށް ހަގުރާމާގައި ނުލިބުމުގެ ކަންބޮޑުވުން ރަޝިއާގެ ލީޑަޝިޕްގައި މިހާރު ހުރިކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނަން ފަށާފައެވެ. އެހެންނަމަވެސް ބައެެއް ހިސާބުތަކުގައި ރަޝިއާ ސިފައިންނަށް ކުރިއެރުން ލިބެމުންދާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.
އަދި ޔޫރަޕްގެ ގިނަ ގައުމުތަކުން މިހާރުދަނީ، ޔޫކުރެއިންއަށް ހަތިޔާރު ސަޕްލައި ކުރަމުންނެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އެރުމާއި ގުޅިގެން، ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިގުތިސާދީ ވިޔަވަޅުގެ ސަބަބުން ރަޝިއާގެ އިގުތިސާދަށް ދަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ސެންޓްރަލް ބޭންކުން މިހާރުވަނީ އެ ބޭންކުގެ އިންޓަރެސްޓް ރޭޓް ދެގުނަގޮށް، އިންޓަރެސްޓް ރޭޓް %9.5 އިން %20 އަށް މަތި ކޮށްފައެވެ.