ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ މުއްދަތު 30 ދުވަހަށް ކުޑަކުރަނީ

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ މުއްދަތު 30 ދުވަހަށް ކުޑަކުރަނީ

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2022 01:17
0

ހައިކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ހުށައަޅަންޖެހޭ މުއްދަތު ތިރީސް ދުވަހަށް ކުޑަކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިޞްލާހެއް ހުށައަޅައިފިއެވެ.

މި އިޞްލާހު ކޯތްތަކާއި ބެހޭ ޤާނޫނަށް ހުށައެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. އޭނާ ހުށައެޅި ބިލުގައި ވަނީ ކޯތްތަކާިއ ބެހޭ ޤާނޫނަށް ގިނަ އިޞްލާހުތަކެއް ގެނައުމަށް ހިމަނުއްވާފައެވެ.

މި ބިލު ހުށައެޅުއްވުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ޢަދުލުއިންޞާފުގެ ނިޒާމުގައި ހިމެނޭ ޝަރުޢީ ކޯޓުތަކާއި އެ ކޯޓުތަކުން ހިންގާ ޝަރީޢަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ ގޮތުގެމަތިން، އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްއާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުމަށްޓަކައިކަމަށެވެ. މީގެ އިތުރުން ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް އިޞްލާހުކުރުމަކީވެސް މަޤްޞަދެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިޞްލާހު ގެނައުމަކީވެސް މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓްތަކުގެ ޤާނޫނަށް ޙަސަން ޒަރީރު ހުށައެޅުއްވި އިޞްލާހުތަކުގެ ތެރޭގައި ހައިކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ހުށައަޅަން ބޭނުންނަމަ 30 ދުވަހުގެ ތެރޭގައި ސްުޕްރީމް ކޯޓަށް ހުށައަޅާންވާނެކަމަށެވެ. ކޯޓުތަކާއި ބެހޭ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ ހައިކޯޓުން ނިންމާ މައްސަލައެއް ހުކުމްކުރި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައިކަމަށެވެ.

ޒަރީރު ހުށައެޅުއްވި އިޞްލާހުގެ ބިލުގައި ހައިކޯޓުން ނިމޭ މައްސަލައެއް، ނިމޭ ތާރީޚުންފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓް މައްސަލައިގެ ޚާސްމުންނަށާއި، އެ މައްސަލައިގެ މަސްލަހަތު އޮތް އެހެން ފަރާތްތަކަށް ދޭންވާނެކަމަށް ބުނެފައިވެއެވެ.

މި ބިލުގައި ވަނީ ރާއްޖޭގެ ހައިކޯޓަށް ައްޔަންކުރެވޭ ފަނޑިޔާރުން ޤާއިމްވެ ތިބެންޖެހޭނީ މާލޭގައިކަމަށާއި، ނަމަވެސް ފަނޑިޔާރުގެ ޢަދަދަށް ބަލައި ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓްގެ އަޑުއެހުންތައް ބޭއްވިދާނެކަަމަށެވެ.

މީގެ އިތުރުން މި ބިލުގައިވަނީ، ހައިކޯޓުގެ އުތުރާއި ދެކުނުގެ ގޮފި އުވާލުމަށްވެސް ހިމަނާފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތަކެއް ޤާއުިމްކުރީ ކުރީ ސަރުކާރުގައި ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާހަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.