ރަޝިއާގެ ފައިސާ، ރުބެލްގެ އަގު ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ހޯމަ ދުވަހު ދަށަށް ހިގައްޖެއެވެ.
ރަޝިއާގެ ފައިސާގެ އަގު ދަށަށް ގޮސްފައި މިވަނީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް އަރާ، އަގައުމަށް އަސްކަރީ ހަމަލާ ދޭން ފެށުމާއެކު، ޔޫރަޕާއި ހުލަނގުގެ ގިނަ ގައުމުތަކުން ރަޝިއާއި ދެކޮޅަށް އިގުތިސާދީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަަޅާފައި ވަނިކޮށެވެ.
ހުޅަނގާއި ޔޫރަޕުން ރަޝިއާއި ދެކޮޅަށް އަޅަމުންދާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން އެގައުމުގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަކަށް ގެނައުމާއެކު، އިންވެސްޓަރުންވަނީ، ރައްކާތެރި ކަރެންސީތައް ކަމުގައިވާ އެމެރިކާ ޑޮލަރާއި ޔެން އާއި ދިމާލަށް މިސްރާބު ޖަހާފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް މިހާރު ދެމުންދާ ހަމަލާތަކަކީ، ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމައަށްފަހު، ޔޫރަޕްގެ ގައުމަކާއި ދެކޮޅަށް ހިންގެމުންދާ އެންމެ ބޮޑު އުދުވާންއެވެ.
ރަޝިއާގެ ރައީސްގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތަކާއެކު، މުޅި ޔޫރަޕްގެ ސަރަހައްދުގެ ހާސްކަން އިންތިހާއަށް މައްޗަށް ގޮސްފައިވާރިރު، އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، އިނގިރޭސިވިލާތް، ޖަޕާން، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވަނީ، ރަޝިއާއަށް އަދަބު ދިނުމުގެ ގޮތުން، އެގައުމާ ދެކޮޅަށް އިގްތިސާދީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
މިގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން ރަޝިއާގެ ބައެއް ބޭންކުތައް ބޭރުކުރުމަށް ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން މިހާރުވަނީ ނިންމާފައެވެ. އަދި ރަޝިއާގެ ފްލައިޓްތަކަށް މުޅި ޔޫރަޕްގެ ވައިގެ ސަރަހައްދު ވަނީ ބަންދު ކުރެވިފައެވެ.
އެހެންނަމަވެސް ފިވަޔަޅުތަކާއެކުވެސް، ރަޝިއާގެ ސެންޓްރަލް ބޭންކުގައި 650 ބިލިއަން ޑޮލަރުގެ ރިޒާވެއް ހުރިހަމުގައި އެބޭންކުން ވަނީ ބުނެފައެވެ. އަދި އާންމު ކަސްޓަމަރުންގެ އެކައުޓުތައްވެސް ނުހިފަހައްޓާނޭކަމަށް ބުނެ، އާންމު މުއާމަލާތައް އާންމު އުސޫލުން ކުރިޔަށް ގެންދާނޭ ކަމަށް މި ބޭންކުން ބުނިނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ހުޅަނގުން ރަޝިއާއި ދެކޮޅަށް ދަތި ކުރަމުން ދިޔަވަރަކަށް އޭގެ އަސަރު ރަޝިއާއަށް ދާނީ އިހުސާސް ވަމުންނެވެ. މީހުންތައް ދާނީ އޭޓީއެމްތަކުގައި މިހާރަށްވުރެ ބޮޑަށް ތޮށްޖެހެމުންނެވެ. ލިކުއިޑިޓީއެއް ނުހިފެހެއްޓޭނެއެވެ.
ރަޝިއާގެ ފައިސާގެ އަގު ވެއްޓި ޑޮލަރަކަށް ޖެހޭ މިންވަރުވަނީ 119 ރުބެލްއަށް ވެއްޓި، %30 ދަށަށް ގޮސްފައެވެ. އެންމެ ފަހުން ރަޝިއާގެ ފައިސާގެ އަގު އެންމެ ބޮޑަށް ވެއްޓިފައިވަނީ، %29 އިން، ޑޮލަރަކަށް ޖެހޭ މިންވަރު 118 އަށެވެ.