އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޖިމީ
08 ނޮވެމްބަރ 2020 06:06
0

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނަޢީމްއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.


އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން މަޢޫލޫމާތުދެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅުގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.