ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމާލާ ދެމުންދާތާ 4 ވަނަ ދުވަހަށް އަލި ވިލާފައިވާއިރު، މި ހަގުރާމާފައި މިހާތަނަށް 240 މަރުވެ އަދި އަނިޔާ ލިބިފައއިވާކަން ޔޫއެންގެ އިންސާނީ އެހީދޭ އޭޖެންސީން ހާމަކޮށްފިއެވެ.
ޔޫއެންއިން ހާމަ ކޮށްފައިވާ ރަސްމީ ހިސާބުތައް ބުނާގޮތުން، މި 240 މީހުންގެ ތެރޭގައި މަރުވެފައިވާ މީހުންގެ އަދަދަކީ 64 އާންމު ރައްޔިތުންނެވެ.
އަދި މީގެ އިތުރުން މި އުދުވާން ފެށިފަހުން މިހާތަނަށް ޔޫކުރެއިންގެ 150،000 މީހުން ރެފިއުޖީންގެ ގޮތުގައި އެގައުމު ދޫކޮށް ގޮސްފައިވާ ކަމަށްވެސް ޔޫއެންއިން ހާމަ ކޮށްފައި ވެއެވެ. އަދި ޔޫކުރެއިން އަވައްޓެރި ގައުމުތަކުން ދަނީ، ޔޫކުރެއިން އިން ހިޖުރަ ކުރާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދެމުންނެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދޭން ފެށިތާ 4 ދުވަސް ވެފައި ވާއިރު، ރަޝިއާއިން ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއެކުވެސް، ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ބާރުގެ ދަށަށް ދިޔަނުދީ ޔޫކުރެއިން ސިފައިން ހިފަހައްޓާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.
ޔޫކުރެއިން ސިފައިންގެ ރައްދު ހަމަލާތަކާއެކު، ރަޝިއާއަށް އަދިވެސް ޔޫކުރެއިންގެ ވެރިރަށް އެގައުމުގެ އަސްކަރިއްޔާގެ ބާރުގެދަށަށް ގެނެވިފައި ނުވާއިރު، ރަޝިއާއިން މިހާރުވަނީ ކީވްގެ ކައިރީގައިވާ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީ އެ ކާރުޚާނާ ފުނޑު ފުނޑު ކޮށްލާފައެވެ. އަދި ރަޝިއާގެ ސިފައިން ކީވްއާއި ދިމާލަށް ކުރިޔަށް ޖެހެމުން ދާއިރު، ކީވްގެ ރައްޔިތުން ބިންގަރާސްތަކުގައި ހިމާޔަތް ހޯދުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ އަންފާފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އަސްކަރީ ހަމަލާތައް އިތުރު ކޮށްފައިވާއިރު، ޔޫރަޕާއި އެމެރިކާއިން، އެންމެފަހުން ވަނީ، ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމުގެ ގޮތުން، ސްވިފްޓް އިންޓަރނޭޝަނަލް ޕޭމަންޓު ސިސްޓަމުން ރަޝިއާ ބޭރުކުރުމަށް ނިންމާފައެވެ.
އަދި ސުވިފްޓުން (SWIFT) ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ނިންމާފައިވާ މިނިންމުން ތަންފީޒު ކުރުމަށް އެ ކުންފުނިން ތައްޔާރު ވަމުން ދާކަމުގައެވެ.
ސޮސައިޓީ ފޯރ ވާރލްޑްވައިޑް އިންޓަރބޭންކު ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (SWIFT) ނެޓްވާރކުން ރަޝިއާ ބޭރުކުރުމަކީ، ރަޝިއާއިން ދުނިޔޭގެ ގިނަ ގައުމުތަކާއެކީ ވިޔަފާރީގެގުޅުން ދެމެހެއްޓުން ހުއްޓުމަކަށް އައިސް، ރަޝިއާގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާނޭ ވަރުގެ، އެގައުމަށް ދެވޭ ވަރުގަދަ އަދަބަކަށް ވެގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ