ރާއްޖޭގެ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި މިހާރު އޮތް އެމްޑީޕީގެ ވެރިކަން ނިމެންދެން ރައްޔިތުންނަށް ހަތިޔާރު ލިބޭގޮތް ހެދުން ލަސްވެއްޖެ ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވައްކަމާއި ފޭރުމާއި، ކުށްތައް އިންތިހާއަށް ގިނަވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މަލީހު ވިދާޅުވީ، ރާއްޖޭގައި މިއަދު އެއްވެސް އަމާންކަމެއް ނެތްކަމަށެވެ. ފެނިގެންދަނީ އަމާންކަން ގާއިމްކުރުމުގެ ޒިންމާ އުފުލަން ހުންނެވި ހޯމް މިނިސްޓަރ އިމްރާންވެސް ސިހުރު ފަންޑިތައިގެ އަވާގައި ޖެހިފައިވާ މަންޒަރުކަމަށެވެ.
މަލީހު ވިދާޅުވީ ރޯމާ ދުވާލު ރައްޔިތުންގެ ގޭގެއިން ވައްކަންކޮށް، ފޭރުން އިންތިހާއަށް އިތުރުވަމުންދާއިރު މިކަންކަމަށް ހުއްޓުމެއް ނާންނަކަމަށެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމަކަށްވާއިރު އެކަންކަން ނުކުރެވޭކަމުގައިވާނަމަ މިހާރު އޮތް އެމްޑީޕީގެ ވެރިކަން ނިމެންދެންވެސް ރައްޔިތުންނަށް ހަތިޔާރު ލިބޭނެ ގޮތް ހެދުން ލަސްވެއްޖެ ކަމުގައި މަލީހު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ މުދަލާ ގެދޮރާ ޒާތީ ދިރި އުޅުމަށް ބޮޑެތި ކުށްވެރިން އަރައިގަނެ ރޯމާ ދުވާލު ވައްކަން އާންމު ވެގެން ދާއިރު މިނިސްޓަރ އިމްރާން ސިހުރު ފަންޑިތައިގެ އަވާގަ. ސަލާމަތާއި ރައްކަލަށް އެމްޑީޕީގެ ވެރިކަން ނިމެންދެން ރައްޔިތުންނަށް ހަތިޔާރު ލިބޭގޮތް ހެދުން ލަސްވެއްޖެ.
– މަލީހު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ހިންގޭ ކުށްތައް މަދު ކުރުމަށް އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ފުލުހުން ރަށްތަކުގައި ގާއިމްވެ ތިބުންކަމަށާއި، ސަރުކާރުން ވަރަށް ރޭވުން ތެރިކަމާއިއެކު އެމަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
މާލެއާއި އަތޮޅުތެރޭގައި ވައްކަމާއި ފޭރުމާއި، އެނޫންވެސް ކުށްތައް އިންތިހާއަށް އިތުރުވަމުންދާތީ މިކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގިނަ އާންމު ރައްޔިތުންވެސް ދަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ