ޔޫއެންގެ ސެކިއުރީޓި ކައުންސިލަށް ހުށަހެޅުނު، ރަޝިއާއި ދެކޮޅު ގަރާރު ރަޝިއާއިން ވީޓޯ ކޮށްފި

ޔޫއެންގެ ސެކިއުރީޓި ކައުންސިލަށް ހުށަހެޅުނު، ރަޝިއާއި ދެކޮޅު ގަރާރު ރަޝިއާއިން ވީޓޯ ކޮށްފި

Author
ހުސެއިން
26 ފެބްރުއަރީ 2022 07:59
0

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކޮށް ޔޫއެންގެ ސެކިއިރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ރަޝިއާއިން ވީޓޯ ކޮށްފިއެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ނެގި މި ވޯޓު ރަޝިއާއިން ވީޓޯ ކޮށްފައިވާއިރު، ޔޫއެން ސެކިއުރިޓީ ކައުންސިލްގެ 11 ގައުމަކުން މި ގަރާރަށް ވޯޓު ދީފައި ވެއެވެ. 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ގަރާރު ފާސްވުމަށް ބޭނުންވަނީ ސެކިއުރިޓީ ކައުންސިލްގެ 9 ގައުމުގެ ވޯޓެވެ.

އެމެރިކާއިން ޑްރާފްޓް ކޮށްގެން ޔޫއެންއަށް ހުށަހެޅި މި ގަރާރަށް އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވަނީ ޗައިނާ އާއި ޔުއޭއީގެ އިތުރުން އިންޑިއާއިންނެވެ.

ޔޫއެންގެ ސެކިއުރީޓީ ކައުންސިލުން މިގަރާރު ފާސްނުވުމުން ދެން ގަރާރު ހުށަހެޅިގެންދާނީ ޔޫއެންގެ އާންމު މަޖިލީހަށެވެ. އެހެންނަމަވެސް ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ގަރާރުތަކަކީ އެއަަށް އަމަލުކުރުން މެމްބަރު ގައުމުތަކުގެ މައްޗަށް ލާޒިމް ގަރާރުތަކަކަށް ވިނަމަވެސް، އާންމު މަޖިލިހުގައި ގައުމުތަކުން ވޯޓު ދީގެން ފާސްކުރާ ގަރާރުތަކަކީ އެގަރާރުތަކަށް އަމަލްކުރުން މެމްބަރު ގައުމުތަކުގެ މައްޗަށް ލާޒިމް ގަރާރުތަކެއް ނޫނެވެ. ޔޫއެންގެ އާންމު މަޖިލިހަކީ ދުނިޔޭގެ 193 ގައުމުގެ މައްޗަށް އެކުލެވިގެންވާ އެ ޖަމިއްޔާގެ އެންމެ ބޮޑު ގުނަވަނެވެ.

"މި ޔޫއެންގެ ޒިންމާދާރުކަން ކުޑަ، ދާއިމީ މެމްބަރަކު ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، ޔޫއެންއާއި ބައިނަލްއަގުވާމީ އުސޫލުތައް މުގުރާލުމަށްފަހު އަވައްޓެރި ގައުމަކަށް ދެމުންދާ އުދުވާން އަހަރެމެން ކުށްވެރިކުރަން، އަދި އަހަރެމެން އެންމެން މިތިބީ ޔޫކުރެއިންގެ ފަހަތުގައި،" ރަޝިއާއިން މިގަރާރު ވީޓޯ ކުރުމާއި ގުޅިގެން، ޔޫއެންގައި ވާހަކަ ދައްކަވަމުން، އެމެރިކާއިން ޔޫއެންއަށް ކަނޑަައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީން ފީލްޑް ވިދާޅުވެފައި ވެއެވެ.

ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވީޓޯ ކުރުމުގެ ބާރު އޮންނަނީ، ރަޝިއާގެ އިތުރުން، ޗައިނާ، އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސިވިލާތަށެވެ.

ޔޫއެންގެ މިގަރާރަށް ޗައިނާއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވަނީ، މީގެ ހަފްތާތަކެއް ކުރިން، ދެގައުމުގެ ގުޅުން އޮތީ "އިންތިހާއަށް ބަދަހިކޮށް" ކަމަށް ދެގައުމުންވެސް އިއުލާންކޮށް، ޓައިވާނާއި ޔޫކުރެއިންގެ މައްސަލާގައި ދެގައުމުންވެސް އެއްގައުމުން އަނެއްގައުމަށް އެއްބާރުލުން ދޭނެކަމަށް ވައުދުވެ އަދި ހުޅަނގާއި ދެކޮޅަށް ދެގައުމުންވެސް އެކީ މަސައްކަތް ކުރާނެކަން ހާމަ ކޮށްފައި ވަނިކޮށެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅިގެންދިޔަ މިގަރާރަކީ "ރަޝީއާއާއި ދެކޮޅު" ގަރާރެއްގެ ގޮތުގައި ސިފަކުރައްވަމުން، މިގަރާރަށް ވޯޓު ނުދިން 3 ގައުމަށް، ރަޝިއާއިން ޔޫއެންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ރަޝިއާއިން ދަނީ، ޔޫކުރެއިންއަށް އަރާ، އެގައުމުގެ ވެރިރަށް ހިފުމަށް ޔޫކުރެއިންގެ އަސްކަރިއްޔާއި ވަރުގަދަޔަށް ހަގުރާމަ ކުރަމުންނެވެ.

އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް 4 ދުވަސް ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ބާރުގެ ދަށަށް ހިގައިދާނެއެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫކުރެއިންގެ ވެރިރަށް ވަށާލުމަށް ކަމަށާއި، އެހެންނަމަވެސް ކުރިން ހީ ކޮށްފައިވާ ވަރަށްވުރެ ޔޫކުރެއިންގެ ސިފައިންގެ ފަރާތުން ދީފައިވާ ރައްދު ހަމަލާތައް ވަރުގަދަ ކަމަށްވެސް އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް، ރަޝިއާގެ ސިފައިންނާއި، ރަޝިއާގެ އަސްކަރީ ގާބިލްކަމާ އަޅާބަލާއިރު، ޔޫކުރެއިންގެ ސިފައިންގެ އަދަދުގެ މަދުކަމާއި، އަދި ލިބިފައިވާ ހަތިޔާރުގެ ގާބިލްކަމުގެ ކުޑަކަމާއެކު، މިހާރު ދެމުންދާ ރައްދު ހަމަލާތައް އެ މިންވަރުގައި ޔޫކުރެއިންގެ އަސްކަރިއްޔާއަށް ހިފަހައްޓާލެވޭނީ މަދު ދުވަސްކޮޅަކަށް ކަމަށްވެސް އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.