ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޤާސިމަށް ނުލިބޭނެ، އެޖާގައެއްނެތް: ޔާމީން

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޤާސިމަށް ނުލިބޭނެ، އެޖާގައެއްނެތް: ޔާމީން

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2022 05:55
0

ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓެއް ޤައުމަށް ޣައްދާރުވެފައިވާ އެއްވެސް ސިޔާސީ ލީޑަރަކަށް ނުލިބޭނެ ކަމުގައި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ގއ.ވިލިނގިލީގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓް ބައެއް ފަރާތްތަކަށް ދޭން އުޅޭކަމަށް ވާހަކަ ދައްކަމުންދާކަމަށެވެ. އެވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރާނީ ޕީޕީއެމްއަށް ވަފާތެރި ޕީޕީއެމްގެ ބޭފުޅުންކަމަށެވެ.

ޕީޕީއެމްގެ ޓިކެޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަށް ދޭން އުޅޭކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ޤާސިމަކީ މިވީ ތިން އަހަރުގެ ތެރޭގައި ކޯވިޑަށް ބިރުން ފިލާ އޮތުމަށްފަހު، އިންތިޚާބަކާއި ދިމާވުމުން އެބިރުވެސް ފިލާދާތަން ފެނިފައިވާކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއިމެދު އިދިކޮޅުން ކުރަމުންދާ ކެމްޕެެއިނާއިމެދު ބަހެއްވެސް ބުނަން ނުކެރި ޤައުމަށް ޣައްދާރުވާ މީހަކަށް ޕީޕީއެމްގެ ޓިކެޓެއް ނުލިބޭނެކަމަށް ޔާމިން ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓެއް ޤާސިމަށް ނުލިބޭނެ. އެހެން ދައްކާ ވާހަކަ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާތި. ޕީޕީއެމް ޕީއެންސީ އޮތީ ބަދަހިކޮށް، މިޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް މިޕާޓީގެ ޓިކެޓެއް ނުލިބޭނެ.

– ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، 2023 ގެ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރާނެ ޤާބިލް ބޭފުޅުން ޕީޕީއެމް ޕީއެންސިގައި އެބަތިބިކަމަށެވެ. އެޖާގަ އެހެން ޕާޓީއެއްގެ މީހަކަށް ދޭންޖެހޭ އެއްވެސް ފުރުސުތެއް ނެތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގެ ލީޑަރޝިޕްގައި ހުރިހާ ދުވަހަކު ޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް ޕީޕީއެމްގެ ޓިކެޓް ދޭން ޖާގަ ނުދޭނެކަމަށެވެ.

މިސަރުކާރުން ފާއިތުމިވީ ދުވަސްތަކުގައި ހިންގަމުންދާ ތަފާތު އެކި ކޮރަޕްޝަންގެ މައްސަލަތަކާއި، ޤައުމަށް ވެފައިވާ ބޮޑެތި ޚިޔާނާތާއި، މައްސަލަތަކަކީ ޕީޕީއެމްއިން ވަރަށް އަވަހަށް ބަލާނެ މައްސަލަތަކެއްކަމަށް ޔާމިން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ތާއީދާއިއެކު 2023ގައި ޖާގަ ދެއްވައިފިނަމަ މިކަންކަން ބަލައި، ފިޔަވަޅު އަޅުއްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.