ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބި ސިފައިން ލައްވައި، ސިޔާސީ މީހުން ބުނާހާ ކަމެއް ނުކުރެވޭނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ކެމްޕެއިންގައި މިއަދު ގއ.ވިލިނގިލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ސިފައިންގޭ އިސްވެރިންގެ ގޮތުގައި މިއަދު ތިއްބެވި ސިޔާސީ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީންގެ އެންމެ ބޮޑެތި ފާޑުކިޔުން އަމާޒުވީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށާއި، މޭޖަރ ޖެނެރަލް ޝަމާލްއަށެވެ. ރައީސް ޔާމީން ވިދާޅުވީ ޤައުމު އަޅުވެތިކުރުމަށް ހިންގޭ ހަރަކާތްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތް ނުހުއްޓުވޭނެކަމަށެވެ.
އަޅުގަނޑުމެނ ހުރިހާ ޝަކުވާއެއް އޮތީ ދިވެހި ސިފައިންނަށް. ދިވެހި ސިފައިންނަށް ސިޔާސީއެއް ނުވެވޭނެ. މާރިޔާ މަޖިލީހަށް ވަޑައިގެން ދިވެހި ސިފައިން ތިބީ އިންޑިއާ އައުޓާއި ދެކޮޅަށޭ ނުބުނެވޭ. މާރިޔާއަކީ ސިޔާސީ މީހަކަށް ވިޔަސް، ސިފައިންނަކީ ސިޔާސީ ބަޔަކަށް ނުހެދޭމެ.
– ޔާމީން ވިދާޅުވިއެވެ.
ސިފައިންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަން ހިމާޔަތްކުރުންކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަސްއޫލިއްޔަތުތައް ގެއްލޭފަދަ ކަންކަމަށް ޖާގަ ދިނުމަކީ ދިވެހި ސިފައިން ޖާގަދީގެންވާނެ ކަންކަމެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސިފައިންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިއަދާއި ހަމައަށްވެސް އިންޑިއާއާއިއެކު ވެފައިވަ އެއްބަސްވުްތައް ހާމަކުރަން ނުކެރެނީ އޭގައި އިންޑިއާގެ ކަނޑުގެ އަޑިނޭގޭވަރަށް ސިއްރު ކަންތައްތަކެއް ހުރުމުންކަމަށެވެ. މިއަދު އިންޑިއާގެ ސިފައިން ތިބި ހަނިމާދޫއާއި، އުތުރު ތިލަފަޅަށް ދިވެހި އަސްކަރިއްޔާގެ ބާރެއް ނުހިނގާނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މިސަރުކާރުން ފެއްޓި ކޮޗިން ފެރީއަށްވެސް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮޗިން ފެރީން ގެންނަ މުދަލުން އަގުހެޔޮވާނެކަމަށް ބުނެ ފެށި ފެރީއަކީ އެހެން ބޭނުމެއްގައި ފެށި ފެރީއެއްކަން މިއަދު ހާމަވާކަމަށެވެ. އެފެރީން ގެންނަ މުދަލަކީ ކޯއްޗެއްކަންވެސް މިއަދު ދިވެހި ރައްޔިތުންނަށްވެސް ދިވެހި އަސްކަރިއްޔާއަށްވެސް ނޭގޭ ހާލަތަށް ގޮސްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާއިއެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ފޮރުވައި، ދިވެހި ސިފައިން ލައްވައި ސިޔާސީ މަސައްކަތް ކުރުމުމުގެ ޖާގަ މާރިޔާ ދީދީއާއި، ޝަމާލްއަށް ލިބިގެންނުވާކަމަށެވެ. އަދި ފުރުސަތު ދިވެހި ސިފައިންވެސް ދީގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ