ކުރިޔަށް އޮތް 4 ދުވަސް ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ފައުޖުތަކުން ހިފާފާނެ: އެމެރިކާ

ކުރިޔަށް އޮތް 4 ދުވަސް ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ފައުޖުތަކުން ހިފާފާނެ: އެމެރިކާ

Author
ހުސެއިން
25 ފެބްރުއަރީ 2022 05:18
0

ކުރިޔަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ބާރުގެ ދަށަށް ހިގައިދާނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފިއެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫކުރެއިންގެ ވެރިރަށް ވަށާލުމަށް ކަމަށާއި، އެހެންނަމަވެސް ކުރިން ހީ ކޮށްފައިވާ ވަރަށްވުރެ ޔޫކުރެއިންގެ ސިފައިންގެ ފަރާތުން ދީފައިވާ ރައްދު ހަމަލާތައް ވަރުގަދަ ކަމަށްވެސް އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް، ރަޝިއާގެ ސިފައިންނާއި، ރަޝިއާގެ އަސްކަރީ ގާބިލްކަމާ އަޅާބަލާއިރު، ޔޫކުރެއިންގެ ސިފައިންގެ އަދަދުގެ މަދުކަމާއި، އަދި ލިބިފައިވާ ހަތިޔާރުގެ ގާބިލްކަމުގެ ކުޑަކަމާއެކު، މިހާރު ދެމުންދާ ރައްދު ހަމަލާތައް އެ މިންވަރުގައި ޔޫކުރެއިންގެ އަސްކަރިއްޔާއަށް ހިފަހައްޓާލެވޭނީ މަދު ދުވަސްކޮޅަކަށް ކަމަށްވެސް އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައި ވެއެވެ.

ޔޫކުރެއިންވެ ވެރިރަށް ވަށާލުމަށް ރަޝިއާ ސިފައިން ތައްޔާރުވަމުން ދާއިރު، ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ހުޅަނގުގެ ގައުމުތަކަށް އެކިފަރާތްކުންދަނީ ގޮވާލަމުންނެވެ. މިގޮތުން، އެއްގައުމުން އަނެއް ގައުމަށް ރައްކާތެރި ކަމާއެކު ފައިސާ ޓްރާންސްފާރ ކުރުމަށް ބޭނުންވާ މައުލޫމާތު ބަދަލުކުރުމަށް ބޭންކުތަކާއި މާލީ އިދާރާތަކުން ބޭނުންކުރާ މެސެޖިންގ ނެޓްވާކް "ސުވިފްޓް" (SWIFT) ޕޭމަންޓް ނެޓްވާކުން ރަޝިއާ ބޭރުކުރުމަށް ޖާރމަނީގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުން ވަނީ އެގައުމުގެ ޗާންސެލަރ އޮލާފް ސްކޯލްޒަށް ގޮވާލާފައެވެ.

ރަޝިއާއިން އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމާއެކު ޖާރމަނީން ވަނީ ރަޝިއާގެ ގުދުރަތީ ގޭސް ޖާރމަނީއަށް ސަޕްލައި ކުރުމަށްޓަކާ ރަޝިއާއިން އަޅާފައިވާ 11 ބިލިއަން ޑޮލަރުގެ ގޭސް ހޮޅީގެ އަގުބޮޑު "ނޯޑް ސްޓްރީމް 2″ ޕްރޮޖެކްޓަށް ހުއްދަ ދިނުން ހުއްޓުމަކަށް ގެނެސްފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމުގެ މިނިވަންކަން ނަގާލުމާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރަޝިއާއި ދެކޮޅަށް އަޅާނޭ އިތުރު ފިޔަވަޅުތައް އެންމެ ފަހުން އާންމު ކޮށްފައިވަނީ އެމެރިކާއިންނެވެ.

ޔޫކުރެއިންއަށް ހުރިހާގޮތަކުންވެސް އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށް ވައުދުވަމުން، ރަޝިއާއި ދެކޮޅަށް އެމެރިކާއިން އަލަށް އަޅާ ފިޔަވަޅުތައް އިއުލާން ކުރަމުން ބައިޑްން ވިދާޅުވެފައިވަނީ ފިޔަވަޅުތަކުގެ އަމާޒަކީ ރަޝިއާގެ އިގުދިސާދު ފުނޑާލުން ކަމަށާއި، މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއިއެކީ ވިޔަފާރި ކުރުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން ރަޝިއާގެ ރައީސް ޕުޓިންގެ އެންމެ ގާތް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުތައް އަމާޒު ކުރެވިގެން ދާނެކަމަށެވެ.

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއާއި، އޮސްޓެރޭލިއާ، ޓައިވާން އަދި އިނގިރޭސިވިލާތުންވެސް ވަނީ ރަޝިއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.