ރަޝިއާއިން ޔޫކުރެއިންއަށް އަރާ، އަގައުމަށް ދެމުންދާ ހަމަލާތަކަކީ އުދުވާނީ ހަމަލާތަކެއްގެ ގޮތުގައި ސިފަކުރުމަށް، ރަޝިއާގެ ޒަމާންވީ ރަހުމަތްތެރިއާ، ޗައިނާއިން ހަދައިފިއެވެ.
ބެއިޖިންގައި ކޮންމެދުވަހަކުވެސް ބާއްވަމުންދާ، މިއަދުގެ ނިއުސް ބްރީފިންގައި ޗައިނާ ސަރުކާރުގެ ތަރުޖަމާން ވަންގ ވެންބިން ވިދާޅުވެފައިވަނީ ދުނިޔޭގެ ގައުމުތަކުގެ މިނިވަންކަމަށް އެގައުމުން އިހުތިރާމް ކުރި ނަމަވެސް، ސެކިއުރިޓީއާއި ގުޅުންހުރި ރަޝިއާގެ ކަންބޮޑުވުންތަކަކީ، ގާނޫނީގޮތުން ސައްހަކަން ހުރި ކަންބޮޑުވުންތަކެއް ކަމުގައި ޗައިނާއިން ގަބޫލު ކުރާކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޗާއިނާއިން އަދިވެސް ގަބޫލު ކުރަނީ ޔޫކުރެއިންއަކީ މިނިވަން ދައުލަތެއް ކަމަށް ކަމަށާއި، ޔޫކުރެއިންގެ މައްސަލައަށް ސިޔާސީ ހައްލު ހޯދުމުގެ ދޮރު އަދިވެސް ބަންދުވެގެން ނުދާކަމުގައެވެ. އެހެންނަމަވެސް، މިހާލަތުގައި ސިޔާސީ ހައްލު ހޯދާނީ ކޮންގޮތަކަށް ކަމުގައި އޭނާ ވިދާޅުވެފައެއް ނުވެއެވެ.
އަދި އިރުމަތީ ޔޫކުރެއިންގައި ވަކިވެގެންފައިވާ ޑޮނެސްކާއި ލުހާންސްގެ މިނިވަންކަން ޗައިނާއިން ބަލައިގަންނާނޭ ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.
ރަޝިއާއާއި ދެކޮަޅަށް ދުނިޔޭގެ ގައުމުތަކުން އަޅަމުންދާ އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ޗައިނާގެ ސަރުކާރުގެ ތަރުޖަމާން ވިދާޅުވެފައިވަނީ، 2011 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ރަޝިއާއާއި ދެކޮޅަށް 100އަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި، އެހެންނަމެވެސް މިއިން އެއްވެސް ފިވަޅެއްގެ މަގުސަދު ހާސިލް ކުރެވިފައި ނުވާ ކަމަށާއި، އެހެންނަމަވެސް މިފަދަ ފިޔަވަޅުތަކުން ގެއްލުން ވަމުންދާނީ އާންމު ރައްޔިތުންނަށް ކަމަށެވެ.
ޗައިނާއަކީ ރަޝިއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އަދި ދެގައުމަކީވެސް ހުޅަނގުގެ ގައުމުތަކާއި ގުޅުން ވަރަށްބޮޑަށް ގޯސް ދެ ގައުމެވެ.
ރަޝިއާއިން ޔޫކުރެއިން އަރާ އެގައުމުގެ މިނިވަންކަން ނަގާލުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރަޝިއާއި ދެކޮޅަށް އަޅާނޭ އިތުރު ފިޔަވަޅުތައް އެންމެ ފަހުން އާންމު ކޮށްފައިވަނީ އެމެރިކާއިންނެވެ.
ޔޫކުރެއިންއަށް ހުރިހާގޮތަކުންވެސް އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށް ވައުދުވަމުން، ރަޝިއާއި ދެކޮޅަށް އެމެރިކާއިން އަލަށް އަޅާ ފިޔަވަޅުތައް އިއުލާން ކުރަމުން ބައިޑްން ވިދާޅުވެފައިވަނީ ފިޔަވަޅުތަކުގެ އަމާޒަކީ ރަޝިއާގެ އިގުދިސާދު ފުނޑާލުން ކަމަށާއި، މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއިއެކީ ވިޔަފާރި ކުރުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން ރަޝިއާގެ ރައީސް ޕުޓިންގެ އެންމެ ގާތް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުތައް އަމާޒު ކުރެވިގެން ދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ