ރަޝިއާ ސިފައިން ކުރޫޒު މިސައިލުން ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ހަމަލާ ދޭން ފަށައިފި

ރަޝިއާ ސިފައިން ކުރޫޒު މިސައިލުން ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ހަމަލާ ދޭން ފަށައިފި

Author
ހުސެއިން
25 ފެބްރުއަރީ 2022 02:20
0

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ދެވަނަ ދުވަހަކަށް އަލިވިލިފައި ވާއިރު، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންގެ ވެރިރަށް ކީވްއަށް ކުރޫޒު މިސައިލުން ހަމަލާ ދޭން ފަށާފައިވާ ކަމަށް ޔޫކުރެއިން ސަރުކާރުން އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޔޫކުރެއިންގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުރޫޒު މިސައިލާއި ބެލެސްޓިކް މިސައިލުން ވެރިރަށް ކީވްއަށް ރަޝިއާ ސިފައިން ހަމަލާ ދޭން ފަށާފައިވާއިރު، ޔޫއެސްގެ އިސް މިލިޓަރީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަޝިއާގެ އޮފިޝަލުން މިހާރު ތިބީ ޔޫކުރެއިންގެ ވެރިރަށާއި 20 މޭލު ދުރުގައެވެ.

ރަޝިއާއިން ވަޔާއި އެއްގަމާއި ކަނޑުން ޔޫކުރެއިންއަށް ހަމަލާދޭން ފަށާފައިވާއިރު، ބުރާސްފަތި ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތައް ދޭން ފަށާފައިވަނީ ޔޫކުރެއިންގެ އިރުމަތިން ނަމަވެސް، ރަޝިއާ ސިފައިންގެ ހަމަލާތައް މިހާރުވަނީ ޔޫކުރެއިންގެ އިރުމަތީގެ އިތުރުން މެދުތެރެއާއި އެހެން ސަރަހައްދުތަކަށްވެސް ފެތުރިގެން ގޮސްފައެވެ.

އެހެންނަމަވެސް ޔޫކުރެއިންގެ މިލިޓަރީ ޗީފް ވަލެރި ޒަލުޒިނީ ހުކުރު ދުވަހު ވިދާޅުވެފައިވަނީ އެގައުމުގެ އަސްކަރިއްޔާއިން ވަނީ، ޔޫކުރެއިންގެ އުތުރުން ރަޝިއާ ސިފައިން ކުރިއަރައިގެން އައި އައުން ހުއްޓުމަކަށް ގެނެސްފައި ކަމުގައެވެ. އަދި ޒަލުޒިނީ ވިދާޅުވެފައިވަނީ ވެރިރަށް ކީވްގެ އުތުރުން އޮންނަ ޗާނިހިވް އޭރިއާއިން ރަޝިއާ ސިފައިން ކުއްލިއަކަށް ދޭން މަސައްކަތް ކޮށްފައިވާ ހަމަލާއެއް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެހެންނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ ޔޫކުރެއިންގެ ވެރިރަށް ކީވް ހުޅަނގު އުތުރުގައި އޮތް ހޮސްޓޮމެލްގެ އެއަރބޭސް ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެ ސަރަހައްދުގައި މިހާރު ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ބެލެވޭކަމަށެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމާ ދެކޮޅަށް އުދުވާނީ ހަމަލާ ދޭން ފަށާފައިވާއިރު، ރަޝިއާއި ދެކޮޅަށް އިގްތިސަދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ގައުމުތަކާއި އޮސްޓްރޭލިއާގެ އިތުރުން ތައިވާން އިން ވަނީ ގުޅިފައެވެ. އަދި މީގެ އިތުރުން ޖަޕާނުން ވަނީ އެގައުމުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މި ފިޔަވަޅުތައް ރަޝިއާގެ އަސްކަރިއްޔާއާއި އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ފުޅާ ކުރާނެކަމަށް ބުނެފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެފައިވަނީ، އެހެންނަމަވެސް ރަޝިއާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އޭގެ އަސަރު ޖަޕާނުގެ ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

ޖަޕާނުން ރަޝިއާއާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރާނެކަމަށް ބުނެފައިވާއިރު، ޓައިވާންއާއި އޮސްޓްރޭލިއާއިންވެސް ވަނީ ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން ހާމަ ކޮށްފައެވެ. މިގޮތުން ރަޝިއާއާއި ދެކޮޅަށް ފިޔަވަޅު އަޅުމުންދާ ގައުމުތަކާއި ގުޅުމަށް ނިންމާފައިވާ ކަން ޓައިވާންގެ ރައީސް ސޫ ސެންގ ޗަން އިއުލާން ކުރި ނަމަވެސް އެގައުމުން ރަޝިއާއާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ޓައިވާންއަކީ ޗައިނާއިން އެގައުމުގެ ސަރަހަދެއް ކަމުގައި ދައުވާކުރާ ގައުމެކެވެ. އަދި ޗައިނާއިންވަނީ ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކުރުމަށް ފަސްޖެހިފައެވެ. އޭގެ ބަދަލުގައި ޗައިނާއިން ބުނެފައިވަނީ، އެގައުމުން ބޭނުންވަނީ ހުރިހާ ފަރާތްތަކުންވެސް އެއްބަޔަކު އަނެއް ބައެއްގެ ސެކިއުރިޓީ ޑިމާންޑްތަކަށް އިހުތިރާމް ކުރުމަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮރަކަލި
އެމެރިކާވަދެއްޖެ ކޮންމެ ތަނެއްވެސްފަސާދަ ކޮއް އެތަނެއްހަލާކު ކުރާނެ