ޔޫކުރެއިންގެ ޗެރޮނޮބީލް ނިއުކުލިއަރ ޕްލާންޓް ރަޝިއާ ސިފައިންގެ ބާރުގެދަށަށް ގެންގޮސް މުވައްޒިފުން ހޮސްޓެޖް ކޮށްފި

ޔޫކުރެއިންގެ ޗެރޮނޮބީލް ނިއުކުލިއަރ ޕްލާންޓް ރަޝިއާ ސިފައިންގެ ބާރުގެދަށަށް ގެންގޮސް މުވައްޒިފުން ހޮސްޓެޖް ކޮށްފި

Author
ހުސެއިން
25 ފެބްރުއަރީ 2022 10:04
0

ޔޫކުރެއިން އުތުރުގައި ހުންނަ ޗެރެނޮބިލް ނިއުކުލިއަރ ޕްލާންޓް ރަޝިއާގެ ފައުޖުތަކުން ހިފާ، އެތަނުގެ މުވަޒިފުން ހޮސްޓެޖް ކޮށްފައިވާ ކަމުގައި ޔޫކުރެއިންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޗެރެނޮބީލް ނިއުކުލިއަރ ޕްލާންޓަކީ، ސޯވިއެޓް ޔުނިއަންގެ ދުވަސްވަރުގައި ގިހި، މިހާތަނަށް ދުނިޔޭގައި ހިގާފައިވާ އެންމެ ނުރައްކާތެރި ނިއުލުކުލިއަރ އެކްސިޑެންޓް ހިގާފައިވާ ކާރުޚާނާއެވެ. މި ކާރުޚާނާ މިހާރު ހުންނަނީ، ކުރިން ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ޔޫކުރެއިންގެ އުތުރުގައެވެ.

ސްޓޭޓް އޭޖެންސީ އޮފް ޔޫކުރެއިން އޮން އެކްސްކުލޫޝަން ޒޯން މެނޭޖްމަންޓުގެ ތަރުޖަމާން ސީއެންއެންއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ރަޝިއާގެ ޓްރޫޕްތަކުން، ޔޫކުރެއިންއަށް ހަމަލާ ދޭންފެށި ފުރަތަމަ ދުވަހު މި ޕްލާންޓް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާކަމުގައެވެ.

ޔޫކުރެއިން ގްރައިންޑް ފޯސެސްގެ ކޮމާންޑަރ އަލްޔޯނާ ށެޓްސޯވާ އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވާ ގޮތުގައި ރަޝިއާ ސިފައިން މި ކާރުޚާނާ ހިފުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒިފުން ހޮސްޓެޖް ކޮށްފައިވާ ކަމުގައެވެ.

ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔަލް ވިދާޅުވެފައިވާ ގޮތުގައި ޔޫކުރެއިންގެ ސިފައިންނަށް މި ކާރުޚާނާގެ ކޮންޓްރޯލް ގެއްލިފައިވަނީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުއެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި، ޗޮރޮނޮބީލް ޕަވަރ ޕްލާންޓުގެ ނިއުކުލިއަރ ވޭސްޓު ސްޓޯރޭޖް ފެސިލިޓީގެ ހާލަތު މިހާރު އެގޭކަށް ނެތެވެ.

"ރަޝިއާއިން މިތަނަށް ދިން ހަމަލާއަށްފަހު ޗެރެނޮބީލްގެ ހާލަތު މިހާރު ހުރިގޮތެއް ދަންނަވާކަށް ނޭގޭ،" ޕޮޑޮލްޔަކް ވިދާޅުވިއެވެ. "މިއީ މުޅި ޔޫރަޕަށް އޮތް ނުރައްކަލެއް."

ވައިޓު ހައުސްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، ޗެރްނޮބީލްގެ މުވައްޒިފުން ހޮސްޓެޖް ކޮށްފައިވާކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިއީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ޚިލާފް އަމަލެއް ކަމަށާއި، މި ނިއުކުލިއަރ ރިއެކްޓަރުގައި ހުރި، ބޭނުން ކޮށްފައި ހުރި ނިއުކުލިއަރ މެޓީރިއަލްތައް ރާއްކާތެރި ކަމާއެކު ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށްވެސް ވައިޓް ހައުސްއިން ބުނެފައި ވެއެވެ.

ޗެރްނަބީލް ނިއުކުލިއަރ ޕްލާންޓު ގޮވާ ނިއުކުލިއަރ ކާރިސާ ހިނގާފައިވަނީ 1986ވަނަ އަަހަރުއެވެ. އަދި މިއަދާއި ހަމައަށްވެސް އެތަނުގައި ސްޓޯރޭޖުގައި ނިއުކުލިއަރ ވޭސްޓު މެޓީރިއަލް ހުރިކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މިތަން ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވަނީ، މިތަނުގެ އެތެރޭގައި ހުރި ނިއުކުލިއަރ މެޓީރިއަލްތަކަށް ހަމަލާ އަމާޒުވެ ބޮޑުކާރިސާއެއް ހިގައިގެން ދިޔަ ނުދިނުމުގެ ގޮތުންކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.