ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ކަންބޮޑުވުން ހިމެނޭ ޤަރާރު މަޖިލީހުން ބަލައިގެންފިއެވެ.
ޤަރާރު މަޖިލީހަށް ހުށަހަޅުއްވައި ދެއްކީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. ޤަރާރު ބަލައި ގަތުމަށް ފާސްވީ، 36 މެމްބަރުންގެ ވޯޓުންނެވެ. މިޤަރާރު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީއަށެވެ.
ޝިޔާމް ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ ނައިފަރު މަދްރަސަތުލް އިފްތިތާޙަކީ މާލެ ފިޔަވާ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މަދަރުސާ ކަމަށްވީ ހިނދު، އަދި އެމަދަރުސާއަކީ އެއްހާހަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ތަޢުލީމް ޙާސިލްކުރަމުންދާ، އެ ހިޔާވައްސަކުން ތައުލީމީ އެތައް ގާބިލް ދަރިންތަކެއް އުފެދިފައިވާ މުއައްސަސާއެއް ކަމަށްވީ ހިނދު، މިއަދު އެމަދަރުސާގެ ހިންގުމަށާއި ދަރިވަރުންގެ ތަޢުލީމަށް އެކަންކަމުގެ ސަބަބުން ދަތިތަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ސީނިއަރ މެނޭޖްމެންޓާ ޓީމާއި ބައެއް ބެލެނިވެރިންނާއި ޓީޗަރުންނާ އެކު ބަދަލުކުރެވުނު ޚިޔާލުތަކުގެ އަލީގައި ވަރަށް އަވަހަށް ޙައްލުކުރަންޖެހޭ ގިނަ ކަންތައްތަކެއް ކުރިކަމަށެވެ.
ޝިޔާމްވަނީ ޖުމްލަ 18 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި ޤަރާރުގައި ސްކޫލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަފާފައެވެ.
1. އަލަށް އިމާރާތްކުރެވިފައިވާ އާ ކްލާސްރޫމް ބްލޮކްގެ މަސައްކަތް ނިމި އެތައް މަހެއް ވީއިރުވެސް ޢިމާރާތަށް ކަރަންޓް ލެވިފައިނެތުމުން އެތަން ކުދިންގެ ކިޔެވުމަށް ބޭނުން ނުކުރެވި ސްކޫލްގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުން. އަދި މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ދާއިމީ ކަރަންޓެއް ސްކޫލްގައި ނެތުން.
2. އަލަށް އިމާރާތްކުރެވިފައިވާ އާ ކްލާސްރޫމް ބްލޮކަށް ވީހާވެސް ކަރަންޓް ގުޅާ ފަރުނީޗަރު ހަމަކޮށްދިނުން. އަދި މިހާރުވެސް ސްކޫލްގައި ބޭނުންކުރަމުން އަންނަ ގިނަ ފަރުނީޗަރތައް ހަލާކުވެ ސުކޫލްގެ ދަރިވަރުންނާ ޓީޗަރުންނަށް ބޭނުންވާ ވަރަށްވެސް ފަރުނީޗަރ ނެތުން ( ގިނަ ކްލާސްރޫމްތަކުގައި ހުރި މޭޒުތައް ގިނަދުވަސްވެ ބާވެފައި ވުމުގެ ސަބަބުން ދަރިވަރުންގެ ޔުނިފޯމާއި ޓީޗަރުންގެ ހެދުން ހަލާކުވަމުން ދިއުން.)
3. ކޮމްޕިޓަރ ލެބޯޓަރީ މިހާރު ހުރި ޢިމާރާތުން، އެހެން ޢިމާރާތަކަށް ބަދަލުކޮށްދެއްވައި، ހުރިހައި ސިސްޓަމްތައް އަޕްގްރޭޑްކުރަން ޖެހިފައިވުން. ( ކޮމްޕިޓަރ ލެބޯޓަރީ މިހާރު ހުރި ޢިމާރާތަކީ ސްކޫލްގެ ސީ ބްލޮކް ކަމަށްވެފައި އެ އިމާރާތަކީ މީގެ އެތަކެއް އަހަރު ކުރިން އިމާރާތުގެ އިންޖިނިއަރިންގ އެސެސްމެންޓެއް ހަދާ އިމާރާތަކީ ވަދެ އުޅެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ އިމާރާތެއް ކަމަށް ކަނޑައަޅާފައިވާ ތަނެއް)
4. ދަރިވަރުން ކުޅެން ހަދާފައިވާ ސަރަހައްދު ބާވެ ކުޅެންހަދައިފައިވާ ތަކެތި ހަލާކުވެ، ކުދިންނަށް އަނިޔާވާ މައްސަލަ ޙައްލުކޮށްދެއްވުން. އަދި އެތާ ބޭނުންކުރުމަށް އާ ކުޅޭ ތަކެތި ހޯއްދަވާދެއްވައި އެތަން ހިޔާކޮށްދެއްވުން.
5. އާ ޢިމާރާތުގައި ޓިޗަރުންނަށް މަސައްކަތްކުރަން ފަސޭހަކަމާއެކު ތިބެވޭނެ މާހައުލެއް ގާއިމްކޮށްދެއްވުން. (ޓީޗަރސް ރޫމް ގާއިމްކޮށްދެއްވުން)
6. މިހާރު ބޭނުން ކުރެވޭ ސެން ކްލާހަކީ ދަރިވަރުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހިމެނޭގޮތަށް ފަރުމާ ކުރެވިފައިވާ ތަނަކަށް ނުވާތީ ވަސީލަތްތައް ހަމަ ކްލާސްރޫމެއް ކުދިންނަށް ފަސޭހައިން ފާޚާނާއަށް އެކްސެސް ލިބޭނެ ގޮތަށް ފުރިހަމަ ކޮށްދެއްވުން. އަދި ސެން ކްލާހަށް ޓީޗަރުން ހަމަކޮށްދެއްވުން.
7. ސްކޫލުގައި މިހާރު ގެ ބޭނުންކުރަމުން އަންނަ ސައުންޑް ސިސްޓަމް ހަލާކުވެފައި ވުމުގެ ސަބަބުން ދަރިވަރުންނަށް ދޭންޖެހޭ އެނައުންސްމެންޓްތަކާ އެސެމްބްލީގެ އަދި ޖަލްސާ އަދި ގަޑިހަމަވުން ޖަހާ ރަނގަބީލުގެ އަޑުވެސް ސުކޫލްގެ ގޯތިތެރެއަށް ނީވޭ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުން.
8. ސުކޫލުގެ ހުރިހައި ކްލާސްރޫމުތަކާއި މައި ޢިމާރާތުގެ އާބާތުރަ ފިލުވަން ޖެހިފައިވުން. އަދި އެކަށީގެންވާ ގޮތެއްގައި ސްކޫލް މަރާމާތު ކުރެވޭނެ މާލީ އިންތިޒާމް ހަމަޖައްސަވައި ދެއްވުން.
9. ސުކޫލްގެ ބައެއް ކްލާސްރޫމްތަކަށް އިންޓަރނެޓް ނުލިބޭ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުން.
10. ސްކޫލްގެ ސައިންސްލެޓް ބޭނުންނުކުރެވޭތާ 3 އަހަރު ވެފައިވުމުގެ ސަބަބުން ސައިންސް ސްޓްރީމްއަށް ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާތީ އެކަން ވީހާވެސް އަވަހަށް ހައްލުކޮށްދެއްވުން.
11. ކައުންސިލްތަކުން ރާވާ ހިންގާ ކަންތައްތަކުގައި މިހާރަށްވުރެ ބޮޑަށް ސްކޫލްގެ ބައިވެރިވުން އޮންނާނެ ގޮތަށް އިންތިޒާމްވެފައި އޮތުން މުހިއްމު ކަން.
12. ތަޢުލީމީ ގޮތުން ސްކޫލް، ގައުމީ އަދި ބައިނަލްއަގްވާމީ ގޮތުން މަތީ ވަނަތައް ހާސިލް ކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް މިހާރަށްވުރެ ބޮޑު އަހައްމިއްޔަތު ކަމެއް ދެވޭނެ ނިޒާމެއް ގާއިމްކުރުން.
13. ސްކޫލްގެ ހިންގުމުގެ އޮނިގަނޑަށް ބޭނުންވާ ވަރަށް ޓީޗަރުންނާއި މުވައްޒަފުން ނެތުން. މިކަމުގެ ސަބަބުން ކިޔަވާ ދިނުމަށާއި ސްކޫލް ހިންގާ ބެލެއްޓުމަށް ދަތިތައް ކުރިމަތިވަމުން ދިއުން. އަދި ގާބިލް ޓީޗަރުން އިތުރު ކުރެވޭނެ ގޮތެއް ހަމަޖައްސަވާ ދެއްވުން.
14. ސްކޫލްގައި ޑެޕިއުޓީ ޕްރިންސިޕްލެއްނެތި ވަރަށް ގިނަ ދުވަސްވެފައިވުން. މިހާ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލެއްގައި ޑެޕިއުޓީ ޕްރިންސިޕަލެއް ނެތުމުގެ ސަބަބުން ސްކޫލް ހިންގުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވެ.
15. ސްކޫލްގައި އެކްސްޓްރާ ކަރިކިއުލަރ ހަރަކާތްތައް ކުރިއަށް މަދުކަން ފާހަގަ ކުރެވޭ. އެގޮތުން ސްކޫލްގެ ބޭންޑްގެ ޙަރަކާތްތައް އެއްގޮތަކަށްވެސް ނުބޭއްވި ކުޅިވަރު ހަރަކާތްތައް މަދުކަން ފާހަގަކުރެވޭ.
16. ސްކޫލް ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުރިހާ ވަގުތެއްގައިވެސް ދަރިވަރުންނަށް އިންތިޒާމް ކޮށްދެއްވުން.
17. އަލަށް ސްކޫލަށް ޖޮއިންކޮށް ކިޔަވަމުންދާ ދަރިވަރުންނަށް ވީހާވެސް އަވަހަށް ޓެބްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން.
18. ސްކޫލްގެ ޕްރިންޓިންގ ރޫމްގެ ގިނަ މެޝިނަރީސްތައް ހަލާކުވެފައި ވުމުގެ ސަބަބުން ފިލާވަޅު ނަގައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓީޗަރުން ބޮޑު ހޭދައެއް ކުރަން ޖެހުން.
ޝިޔާމް ވިދާޅުވީ މިކަންކަމަކީ ސްކޫލް ހިންގުމުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންނާއި ބައެއް ޓީޗަރުންނާއި އަދި ބައެއް ބެލެނިވެރިންނާއި ބައްދަލުކޮށް އެފަރާތްތަކާއެކު ކުރެވިފައިވާ މަޝްވަރާތަކަށް ބިނާކޮށް ފާހަގަ ކުރެވިފައިވާ ކަންތައްތައް ކަމުގައެވެ.
ޝިޔާމްގެ ޤަރާރުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާއިރު، މިޤަރާރަށް އަންނަ ހަފްތާގައި ބަހުސްކުރަން ފަށާނެކަމަށް ބެލެވެއެވެ. އަދި މިހަފްތާގައި ރައީސް ޞާލިހު ޅ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނައިފަރަށް ވަޑައިގަތުމުން ސްކޫލުގެ ހާލަތު ރައީސް ޞާލިހަށް އެރަށުގެ މުވައްސަސާތަކުން ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.