ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ދަތިތަކެއް އެބަހުރިކަމަށް ވިދާޅުވެ މާސްކު އެޅުން އުވާލުމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
ނައިފަރުގައި ހުންނަ މަދަރުސަތުން އިފްތިތާހްގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލާ ނާއިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައަޅުއްވާފައިވާ ޤަރާރަށް ވާހަކަފުޅު ދައްކަވަމުން ޢަލީ އާޒިމް ވިދާޅުވީ، ކޯވިޑަކީ އާދައިގެ ރޯގާއެއްކަމަށެވެ. މި ރޯގާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ބައެއް ޤާނޫނުތައް ސަސްޕެންޑްކޮށްފައި އޮންނަތާ ދެ އަހަރު ވެފައިވާކަމަށާއި، ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެއްވެސް ޤައުމެއްގައި ސިއްޙި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ނުވާކަމަށެވެ.
އާޒިމް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތްއޮތުން "ބޮޑު ޖޯކެއް" ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ކޮވިޑާއެކު އުޅެން ޖެހޭ ދުވަސް ޖެހިފައިވާ ކަމަށެވެ.
މާސްކު އެޅުން ހުއްޓާލަން ޖެހޭ، އަޅުގަނޑުމެންގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން ދެ ޑޯޒު ވަނީ ދެވިފަ. ބޫސްޓާ ޑޯޒް ދެވިއްޖެ. އެހެންވީމާ އަޅުގަނޑުމެން ނިއު ނޯމަލްގައި އުޅެން ފަށަން ޖެހިއްޖެ..
– ޢަލީ ޢާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އާޒިމް ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޯވިޑަކީ އާދައިގެ ރޯގާއެއްކަމަށް ބަލައިގެންފައިވާކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ