ގދ.ތިނަދޫއަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑު: ނަސީމް

ގދ.ތިނަދޫއަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑު: ނަސީމް

ގުޅުންހުރި

ގދ.ތިނަދޫގައި ހުންނަ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެފައިވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ތިނަދޫގައި ސަރުކާރުން އެޅުމަށް ނިންމި ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށުންލަސްވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިފައިވާކަމަށެވެ. އަދި މި ހޮސްޕިޓަލް ޑިޒައިން ކުރުމަށްޓަކައި މިހާރުވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، ކްޓަރުން ފިލާ މައްސަލަ ބޮޑުވެގެން އެ މީހުން އެއާޕޯޓުން ހުއްޓުވަން އިމިގްރޭޝަނާ ގުޅިގެން އިންތިޒާމްތައް ވެސް ހަމަޖެއްސެވިކަމަށެވެ. ޑޮކްތަރުން ފިލާ މައްސަލާގައި ބޮޑެތި ގެއްލުންތަކެއް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދާދި ފަހުންވެސް ފަސް ޑޮކްޓަރަކު ފިލާފައިވާކަމަށެވެ.

ތިނަދޫގައި މިހާރު ހުރި އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިމަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަސައްކަތަށް 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތައް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާއި އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.

ހޮސްޕިޓަލުން ފާހަގަކުރާގޮތުގައި އެ ހޮސްޕިޓަލަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިކަމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފަވަނީ މިދިޔައަހަރުގެ އޮގަސްޓްމަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ އޯޕީޑީ ޢިމާރާތެއް ހެދުމާއި ވިއްސާ ކޮޓަރި ހެދުމަށް އިމާރާތެއް ހެދުމުގެ މަސައްކަތެވެ. އަދި އިމަރޖެންސީ ރޫމް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ