އިންޑިއާ އައުޓް ހަރަކާތާއެކު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ގއ.ވިލިގިއްޔަށް މިހަފްތާގެ ހުކުރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގައި އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.
ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް ރައީސް ޔާމީން ގެންދަވަނީ އަތޮޅުތަކަށްވެސް ދަތުރުކުރައްވަމުންނެވެ. އެންމެފަހުން ރައީސް ޔާމީން ވަޑައިގެންފައިވަނީ ރ.މީދޫއަށެވެ. އެރަށުން ރައީސް ޔާމީނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާތަނަށް އެމަނިކުފާނު މިކެމްޕެއިންގައި ވަޑައިގެން ހުރިހާ ރަށަކުންވެސް ވަނީ ބޮދު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ގއ. ވިލިނގިލީ ރައްޔިތުން ބާއްވާ އިންޑިއާ އައުޓް (#IndiaOut) ޙަރަކާތުގައި ބައިވެރިވުމަށް އެރަށު ރައްޔިތުންގެ ދަޢުވަތަކަށް ދަތުރަށް އަރަނީ
މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް #IndianMilitaryOut pic.twitter.com/DVxKdJENsI— Mohamed Ismail (@Muhmed_Ismail) February 22, 2022
ރައީސް ޔާމީން ވިލިގިއްޔަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމެއްވެސް މިހާރުވަނީ ވިލިއްޔަށް ގޮސްފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ.
ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ