އަމާޒަކީ ކޮރަޕްޝަނާއި ދުރު ޕާޓީއަކަށް އެމްޑީޕީ ހެދުން: އިންތި

އަމާޒަކީ ކޮރަޕްޝަނާއި ދުރު ޕާޓީއަކަށް އެމްޑީޕީ ހެދުން: އިންތި

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2022 09:47
0

ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވަނީ، އެމްޑީޕީއަކީ ކޮރަޕްޝަނާއިދުރު، ޕާޓީއަކަށް ހެދުމުގެ މަޤްސަދުގައިކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތިއާއި، މިއިންތިޚާބުގައި ވާދަކުރައްވަނީ، ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ. ރޭ ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ ވަކި އަސާސްތަކާއި، އުސޫލުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ވައްކަމާއި، ކޮރަޕްޝަނަކީ އެންމެ ބޮޑަށް އެމްޑީޕީން ދެކޮޅު ހަދައި ވަކާލާތު ކުރަމުންދިޔަ ކަންތައް ކަމަށެވެ.

އިންތިވަނީ ނުސީދާކޮށް އޭނާއާއި ވާދަކުރައްވާ ކެނޑިޑޭޓަށް އަމާޒުކޮށް ވާހަކަތަކެއް ދައްކަވާފައެވެ. އެނާ ވިދާޅުވި ކޮރަޕްޝަންގެ ތުހުމަތު ނުސީދާކޮށް ނަމަވެސް ކުރެވޭނެ ޖާގަ އޮތުމަކީ އެމްޑީޕީގެ އަސާސްތަކާއި ދުރު ކަމެއްކަމަށެވެ. އޭނާއަކީ މިހާތަނަށް އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް ދެގޮތެއްނުވެ އެމްޑީޕީއަށް ޚިދުމަތް ކުރުމުގައި ދެމިހުންނެވި މެމްބަރަކަށްވާއިރު، ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަމަށެވެ.

އިންތި ވިދާޅުވީ މިއިންތިޚާބު ކާމިޔާބް ކުރުމަށްފަހު އެމްޑީޕީގެ މެމްބަރުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީންކަމަކީ، އެމްޑީޕީއަކީ ވެރިކަމުގައި އޮތް ނަމަވެސް ކޮރަޕްޝަނާއި ދުރު ޕާޓީއަކަށް ހެދުންކަމަށެވެ. މިހާރު ކުރެވެމުންދާ އެކި ތުހުމަތުތަކުން ޕާޓީ ސަލާމާތްކޮށް، ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ޕާޓީއަކަށް އެމްޑީޕީ ހެދުމަކީ އެމްޑީޕީ ހެދުމަކީ އެންމެ ބޮޑު އަމާޒުކަމަށް އިންތި ވިދާޅުވިއެވެ.

ވެރިކަން ކުރާ އެމްޑީޕީން ވެރިކަމާއި ހަވާލުވީވެސް ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެކަންކަމަށް އިންސާފު ހޯދާނެކަމުގެ ވައުދާއިއެކުގައެވެ. ނަމަވެސް ވެރިކަމުގެ ފަހު ދެއަހަރު މިހާރު ގުނަމުންދާއިރުވެސް އެމްޑީޕީން އެންމެ ބޮޑަށް ވައުދުވި، އެމްއެމްޕީއާރުސީގެ މައްސަލަށް އިންސާފު ނުލިބިވާކަމީ އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ކުރިމަތި ލާފައިވަނީ އިންތިއާއި، ފައްޔާޒެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު މި ބާއްވަނީ އެ މަޤާމުގައި ހުންނެވި ހެންވޭރު ހުޅަންގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.