އޮބާމަޔަންގެ ދެ ލަނޑާއެކު ބާސެލޯނާ ހަތަރު ވަނައަށް

އޮބާމަޔަންގެ ދެ ލަނޑާއެކު ބާސެލޯނާ ހަތަރު ވަނައަށް

Author
ޔޫސުފް
21 ފެބްރުއަރީ 2022 02:11
0

ސްޕެނިޝް ލީގުގައި ޕިއޭ އެމެރިކް އޮބާމަޔަން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ވެލެންސިއާ ބަލިކޮށް ބާސެލޯނާ ލީގު ތާވަލްގެ ހަތަރު ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ހިލޭ ޓްރާންސްފާއެއްގެ ދަށުން އާސެނަލުން ބާސެލޯނާއަށް ބަދަލުވި އޮބާމަޔަންއެވެ. ބާސެލޯނާއިން ލީޑު ފުޅާކުރީ 32 ވަނަ މިނެޓުގައި ޑި ޔޯން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮބާމަޔަން ވަނީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ވެލެންސިއާއިން ވަނީ އެޓީމުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކާލޯސް ސޮލާއެވެ. މި މެޗުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޕެޑްރީއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ހޯދި 42 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ހަތަރު ވަނައިގައެވެ. އަދި ފަސް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 25 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ވެލެންސިއާ އޮތީ 25 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގު ތާވަލްގެ 12 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.