ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނި ހަމަލާ ދީ އެގައުމަށް އަރައިފިނަމަ، ރަޝިއާާގެ ކުންފުނިތަކަށް އެމެރިކާ ޑޮލަރުންނާއި ޔޫކޭ ޕައުންޑުން މުޢާމަލާތު ކުރުމުގެ މަގު އެކީ ބަންދު ކުރާނެކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފިއެވެ.
އިނގިރޭސި ބޮޑުވަޒީ ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރެއިންއަށް އަރައިިފިނަމަ، އެގުމާ ދެކޮޅަށް މީގެ ކުރިން އާންމު ކޮށްފައި ނުވާ، އިންގުތިސާދީގޮތުން ދަތިކުރުމުގެ ހަރުކަށި އިތުރު ފިޔަވަޅުތައްވެސް އެޅުމަށް ވަނީ ނިންމާފައެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން، "ރަޝިއާގެ ކުންފުނިތަކަށް ޕައުންޑުންނާއި އެމެރިކާ ޑޮލަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ބަންދު ކުރާނަން،" ރަޝިއާގެ ކުންފުނިތަކަށް "ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ" ދަތިކުރުމުގެ ފިޔަވަޅުތަށް ހާމަ ކުރައްވަމުން ޖޯންސަން ވިދާޅުވެފައި ވާކަމަށް ބީބިސިއިން ރިޕޯޓު ކޮށްފައި ވެއެވެ.
އެހެންނަމަވެސް، ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، ރަޝިއާގެ ރައީސް ޕުޓިން މިކަންކަން ކުރެވިދާނެކަމަށް ދެކެވަޑައި ނުގެންފާނެ ކަމަށާއި، އެހެންނަކަމުން މި ފިޔަވަޅުތަކަކީ ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދިނުން ހުއްޓުމަކަށް ގެނެވިދާނެ ފިޔަވަޅުތަކަކަށް ނުވެދާނެ ކަމަށެވެ.
ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، އިންޓެލިޖެންސް މައުލުމާތުތައް ބުނާ ގޮތުން ޔޫކުރެއިންއަށް އެރުމަށް ރަޝިއާއިން ތައްޔާރުކޮށްފައިވާ ބައެއް ޕްލޭންތަކަށް މިހާރުވަނީ އަމަލީސިފަ ގެންނާން ފަށާފައެވެ. އަދި އިންޓެލިޖެންސް މައުލޫމާތާ ހަވާލާދީ ޖޯންސަން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކުރެއިންއަށް އަރަން ރާވާފަވަނީ އެންމެ ފުރަތަމަވެސް އެގައުމުގެ ވެރިރަށް ކިޔިވް ވަށާލާ ގޮތަށެވެ.
"މިފަދަ އުދުވާނެއްގެ ސަބަބުން އިންސާނުންނަށް ލިބިގެންދާނެ ކެކުޅުންތަކާމެދު ވިސްނާލަންވާނެ،" ބޮރިސް ޖޯންސަން ވިދާޅުވެފައި ވެއެވެ.
ރަޝިއާއިން ކޮންމެ ވަގުތެއްގައިވެސް ޔޫކުރެއިންއަށް ހަމަލާ ދޭން ފަށާފާނެ ކަމުގެ އިންޒާރު ހުޅަނގުގެ ގައުމުތަކުން ދެމުންދާއިރު، ޔޫކުރެއިންގެ ބޯޑަރު ކަރީގައި އެގައުމު ވަށާލާއިގެން 190،000 ރަޝިއާ ސިފައިން މިހާރު އެބަތިބި ކަމުގައި، އެމެރިކާއިން އޯގަނިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (OSCE)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ.
ހުކުރުދުވަހު އޮތް OSCEގެ ބައްދަލުވުމުގައި މައިކަލް ކާޕެންޓަރ ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިން ބޯޑަރު ކައިރިއަށް ޖަމާ ކޮށްފައިވާ އެގައުމުގެ ސިފައިންގެ އަދަދު ކުރިން އަންދާޒާ ކޮށްފައިވާ މިންވަރު އިސްލާހުކޮށް، އެއަދަދު އުޅޭކަަމަށް މިހާރު ލަފާ ކޮށްފައިވަނީ 169,000 އާއި 190,000 އާއި ދެމެދުގައި ކަމަށެވެ. މީގެ އެއް ހަފްތާ ކުރިން އަންދާޒާ ކޮށްފައިވާ ގޮތުގައި ޔޫކުރެއިން ބޯޑަރު ސަރަހައްދަށާއި އަދި ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަށް ޖަމާ ކޮށްފައިވާ ރަޝިއާ ސިފައިންގެ އަދަދަކީ 100،000 ސިފައިންނެވެ.
ރަޝިއާއިން 190،000 ސިފައިން ޔޫކުރެއިންގެ ބޯޑަރު ކައިރިއަށް ޖަމާކޮށްފައި ވާކަމަށް އެމެރިކާއިން ބުނެފައި ވާއިރު، ޔޫކުރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ، ރަޝިއާއިން އެހީތެރިވެދޭ ހަގުރާމަ ވެރިންނާއި ޔޫކުރެއިން ސިފައިނާމެދު ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ މޯޓަރު ހަމަލާތައް ބަދަލު ކުރަން ފަށާފައެވެ. އަދި މި ހަމަލާތަކަށްފަހު އެއްބަޔަކު އަނެއްބަކަށް ވަނީ ހަގުރާމަ ހުއްޓާލުމަށް ވެވަފައިވާ އެއްބަސްވުމާއި ޚިލާފު ވެފައިވާކަމުގެ ތުހުމަތު ކޮށްފައެވެ.
ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި، އިރުމަތީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރާ ފަރާތްތަކާއި ޔޫކުރެއިން ސިފައިންނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށުމަކީ، ރަޝިއާއިން ރާވައިގެން ޔޫކުރެއިންއަށް އަރާނެ އުޒުރެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.