ޒައިތޫނި ފަތްކޯޅިން ތާއަބަދަށް ރަޝިއާއަށް ދައުވަތު ދީގެން ނުތިބެވޭނެ: އީޔޫ

ޒައިތޫނި ފަތްކޯޅިން ތާއަބަދަށް ރަޝިއާއަށް ދައުވަތު ދީގެން ނުތިބެވޭނެ: އީޔޫ

Author
ހުސެއިން
20 ފެބްރުއަރީ 2022 04:08
0

ރަޝިއާއިން ހުއްޓުމެއް ނެތި، ޔޫކުރެއިން ބޯޑަރު ކައިރިއަށް ސިފައިން ޖަމާކޮށް، އަސްކަރީ ބިރު ދެއްކުން ކުރިޔަށް ގެންދާނަމަ، ތާއަބަދަށް ރަޝިއާއަށް ޒައިތޫނި ފަތްކޯޅިން ދައުވަތު ދީގެން ނުތިބެވޭނެ ކަމަށް ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާރލްސް މައިލަލް ވިދާޅު ވެއްޖެއެވެ. އަދި އޭނާވަނީ ރަޝިއާއިން ހަގީގަތުގައިެވސް މަޝްވަރާގެ މަގު އިޚްތިޔާރު ކުރަން ބޭނުންވޭތޯވެސް ސުވާލު ކުރައްވާފައެވެ.

"ރަޝިއާއިން މިސައިލް ޓެސްޓުތައްކޮށް، ސިފައިން ޔޫކުރެއިންގެ ބޯޑަރު ކައިރިއަށް ޖަމާ ކުރަމުން ދާއިރު، ތާއަބަދަށް އަހަރެމެންނަށް ރަޝިއާއަށް ޒައިތޫނި ފަތްކޯޅިން ދައުވަތު ދީގެން ނުތިބެވޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދިނުމަށް ހުރިހާ ތައްޔާރީތަކެއް މިހާރުވެފައިވާ ކަމަށާއި، އަދި ޔޫކުރެއިންއަށް އެރުމަށް ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން މިހާރު ނިންމާވާފައިވާ ކަމަށް އެމެރިކާގެ ރައީސް، އިންޓެލިޖެންސް މައުލޫމާތާއި ހަވާލާދީ ވިދާޅުވެފައިވާއިރު، ރަޝިއާގެ ރައީސް ބޭނުންފުޅުވަނީ ކޮންކަމެއްކަން ސާފުކުރުމަށް، ޕުޓިން ބޭނުންފުޅުވާ ވަގުތެއްގައި ބައްދަލު ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ޔޫކުރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

އަދި އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ފްރާންސްގެ ރައީސް އެމަނޫލް މެކްރޮން ފޯނުން ގުޅުއްވާ ޕުޓިންއާއި ވާހަކަ ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދީ އެގައުމަށް އަރަން ނިންމާފައިވާކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުން ދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި އިރުމަތީ ޔޫކުރެއިންގައިވަނީ ހަމަނުޖެހުން ބޮޑުވެފައެވެ. މިގޮތުން ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ، ރަޝިއާއިން އެހީތެރިވެދޭ ޔޫކުރެއިންގެ ހަގުރާމަވެރިން މިހާރު ދަނީ ޔޫކުރެއިން ސަރުކާރުގެ ސަރަހައްދުތަކަށް މޯޓަރު ހަމަލާތައް ދެމުންނެވެ.

އަދި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމެވެރިންނާއި ޔޫކުރެއިން ސިފައިނާ ދެމެދު ދޭތެރެ ދޭތެރެއިން ބަދަލު ކުރެވެމުންދާ ހަމަލާ ބަދަލުކުރުންތައް ބޮޑު ހަގުރާމައަކަށް ބަދަލު ވެގެން ހިގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ރަޝިއާއިން އެހީތެރިކަން ފޯރު ކޮށްދެމުންދާ ވަކިވެގަތުމަށް ހަރަކާތްތެރިވާ ހަގުރާމަވެއިން ޔޫކުރެއިންގެ ސަރަަހައްދު ތަކަށް ދެމުންދާ ހަމަލާތައް އިތުރު ކޮށްފައިވާއިރު، ޔޫކުރެއިން އިން ބުނަމުންދަނީ ހަގުރާމަވެރިންގެ ހަމަލާތައް އިތުރު ކޮށްފައިވަނީ އެގައުމަށް އަރައިގަތުމަށް އެކަށީގެންވާ އުޒުރެއް ރަޝިއާ ސިފައިންނަށް ހޯދާ ދިނުމަށް ކަމުގައެވެ.

އެހެންނަމަވެސް ޔޫކުރެއިންގެ ރައީސް ވިދާޅުވައައިވަނީ، ހަގުރާމަ ފެށުމަށް ޔޫކުރެއިން ސިފައިން ލައްވާ ގޯސް ހަދަން ކުރާ މަސައްކަތަކަށް ރައްދު ހަމަލާ ނުދޭނެކަމަށާއި، އަދި ރަޝިއާއިން ދައްކާ ބިރަށް ސިހި އެގައުމުގެ ސިފައިން ފަހަތައްވެސް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.