ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމު ހިފުމަށް ނިންމާފައިވާކަން ހުޅަނގުގެ ގައުމުތަކުގެ ވެރިން ވިދާޅުވަމުން ގެންދަވާއިރު، ރަޝިއާގެ އުދުވާންގެ ކުރިމަތީގައި ބިރުން ސިހި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ޔޫކުރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޖާރމަނީގެ މިއުނިޗްގައި އޮތް ސެކިއުރިޓީ ކޮންފަރެންސަށް ވަޑައިގެން، މި ކޮންފަރެންސްގެ ހަވާސާގައި ސީއެންއެންއަށް ދެއްވީ ޚާއްސަ އިންޓަރވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ، އޭނާގެ ގައުމު ހަގުރާމައިގެ ވިލާގަޑެއްގައި ވަނިކޮށްވެސް އޭނާ އެ ސެކިއުރިޓީ ކޮންފަރެންސަށް ވަޑައިގެންނެވީ އެ ކޮންފަރެންސްގައި ޔޫކުރެއިންގެ އަޑު އިއްވުމަކީ މުހިންމު ކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވާތީ ކަމުގައެވެ.
"އަހަރެންނަކީ ރައީސް؛ އަހަރެމެން ހާޒިރު ނުވާ ތަނެއްގައި އަހަރެމެންގެ ބައިވެރިން އަހަރެމެންނާއި ބެހޭގޮތުން ކަންތައްތަކަކަށް އެއްބަސްވުން އެއީ އެންމެ ރަގަޅު ގޮތެއް ނޫން،" ޔޫކުރެއިންގެ ރައީސް ވިދާޅުވިއެވެ. "އަހަރުމެން ބިރުން ސިހި ފަހަތަށް ޖެހޭކަށް ނެތިން، އަދި އަހަރެމެން މިތިބީ ވަރަށް ހޭލާ، ހަގުރާމަ ފެށުމަށް އަހަރެމެން ލައްވާ ގޯސް ހަދަން ކުރާ މަސައްކަތަކަށް ރައްދު ހަމަލާ ދޭކަށްވެސް އަހަރެމެން ނެތިން."
މި އިންޓަރވިއުގެ ކުރިން ޒެލެންސްކީ ވަނީ ބޮޑު ހަގުރާމެއްގެ ނުރައްކާ އޮތްކަމުގެ އިންޒާރު މި ކޮންފަރެންސްގައި ދެއްވާފައެވެ.
"ދުނިޔޭގެ ގައުމުތަކަށް 2022ވަނަ އަހަރު އަހަރެންގެ އަޑު ދެން އިވިގެން ދާނެތަ؟" ޒެލެންސްކީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކޮށް ވިދާޅުވެފައި ވެއެވެ.
ރަޝިއާއިން ޔޫކުރެއިންގެ ވަށައިގެން 190،000 ސިފައިން ޖަމާކޮށްފައި ވާއިރު، ރަޝިއާ ސިފައިން އެގައުމަށް އަސްކަރީ ހަމަލާދޭން މިހާރު ފުރިހަމަޔަށް ތައްޔާރު ވެފައި ވާކަމަށާއި، އަދި ރަޝިއާގެ ރައީސް ޕުޓިން، ޔޫކުރެއިންއަށް އަސްކަރީ ހަމަލާ ދިނުމަށް މިހާރު ނިންމާފައި ވާކަމަށް، އިންޓެލިޖެންސްއާއި ހަވާލާދީ އެމެރިކާގެ ރައީސް ޖޯބައިޑްންވަނީ ވިދާޅުވެފައެވެ.
އަދި ޖާރމަނީއާއި އޮސްޓްރިއާއިން ވަނީ އެގައުމުތަކުގެ ރައްޔިތުން ޔޫކުރެއިންއަށް ދަތުރު ނުކުރުމަށާއި، ޔޫކުރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވަގުތުން އެގައުމު ދޫކޮށް ދިއުމަށް ޓަރަވެލް އެޑްވައިޒަރީ ނެރެފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭން މިހާރު ތައްޔާރުވެފައި ވާކަމަށް ހުޅަގުގެ ގައުމުތަކުން ބުނަމުން ދާއިރު، ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ނުދިނުމަށްވެސް ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާއަށް އިންޒާރު ކުރަމުންނެވެ. މިގޮތުން އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ބުނަމުން ދަނީ، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދީފި ހާލަތެއްގައި، ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެގައުމާ ދެކޮޅަށް އެޅުމަށް މިހާރު ހުރިހާ ތައްޔާރީތައް ކޮށް ނިންމާފައި ވާކަމުގައެވެ.