ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނެކޭ އެއްފަދައިން މާލޭ ރައްޔިތުންނަށް ވެސް ގޯތި ދޭން ޖެހޭނީ ހިލޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ އެހެން ރަށްތަކުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު އެކަމަށް ދިޔަ ފައިސާ އަނބުރާ ހޯދަން ރައްޔިތުންނަށް ބިން ނުވިއްކާ ކަމަށާއި ދެނީ ހިލޭ ކަމަށެވެ. ނަމަވެސް މާލޭގެ ބިމުން މާލޭ ރައްޔިތުންނަށް ހިލޭ ބިން ނުލިބޭ ކަމަށާއި މާލޭގެ އިޚްތިޞާޞް ހިމެނޭ ބިމެއް ހިއްކިޔަސް މާލޭ ރައްޔިތުން ޖެހެނީ ބިން ގަންނަން ކަމަށާއި މިއީ އެއްވެސް ގޮތަކަށް ހަމަހަމަ އުޞޫލެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެހެންވީމަ މިހެން ވާންޖެހޭ ސަބަބުން ސަރުކާރުން އެބަޖެހޭ ރައްޔިތުންނަށް ކިޔައިދޭން. މާލެ ރައްޔިތުން ވެއްޖެއްޔާ އަގުދައްކަންޖެހޭ ސަބަބެއް އޮންނަން ޖެހޭނެ. އެ ހަމަހަމަކަން ޤާއިމުކުރެވިއްޖެއްޔާ އަޅުގަނޑަށް ވެސް އެކަން އަންޑަސްޓަސްޓޭންޑް ވާނެ.
– މުޢިއްޒު
މުޢިއްޒު ވިދާޅުވީ މާލެއާއި ރާއްޖޭގެ އެހެން ރަށްތަކާ ދެމެދު މިކަމުގައި ހަމަހަމަކަން ގެންގުޅޭނަމަ، އެއަށް ދެއްކޭނެ ވާހަކަ ހުންނާނެކަން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އިޤްތިޞާދީ ގޮތުން ބަލާއިރު، ބިން ހިއްކަން ދާ ފައިސާ އަނބުރާ ލިބެންޖެހޭނެ ކަމަށް ބުނެވިދާނެ ކަމަށާއި އެހެންކަމަށް ވާއިރު އެއީ ހުރިހާ ރަށަކަށް ވެސް ހަމަހަކޮށް އޮންނަ ކަމަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ޢަމަލުކުރަމުން އަންނަނީ ހަމައެކަނި މާލެ ރައްޔިތުން ބިން ގަންގަން ޖެހޭ ގޮތަށް ކަމަށް ވުމުން މިއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ގޯތިގެދޮރުގެ ދަތިކަމުގައި މާލޭ ރައްޔިތުން އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ. އެހެންކަމުން އެހާ ހާލުގައި އުޅޭ މީހުންނަށް ގޯތި ގަތުމަށް މަޖުބޫރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޙަޤީޤަތުގައި މިހާރު ހަމަ ކުރައްވަން ޖެހޭ ކަމަކީ ހިލޭ ދެއްވުން. ހިލޭ ދެއްވާފައި ބިމުގެ އަގު ހޯއްދަވަން ސަރުކާރުން މިހާރު އެ ކުރައްވާ ގޮތަށް ބޭރުން ބީޗު ފްރަންޓުން މުއްސަނދިންނަށް އަގު ބޮޑުކޮށް ވިއްކައިގެން އަގު ހޯދަންވީ އެހެން ގޮތަކުން. ކޮންމެވެސް އެހެން ނިޒާމަކުން. ހިލޭ ނިކަމެތި ރައްޔިތުންނަށް ދޭ ގޯތީގެ އަގު އެހެން ގޮތަކުން ހޯއްދަވަން ވީ. ނިކަމެތި ރައްޔިތުން އަތަކުން ނޫން އެ ފައިސާ ހޯދަން ޖެހެނީ.
– މުޢިއްޒު
މޭޔަރު ވިދާޅުވީ މާލޭ ރައްޔިތުންނަކީ ވެސް ރާއްޖޭގެ އެހެން ރައްޔިތުންހެން ރައްޔިތުން ކަމަށާއި ސަރުކާރަށް ރައްޔިތުން ވާންޖެހެނީ ހަމަހަމަ ބަޔަކަށް ކަމަށެވެ. އެހެންކަމުން އެހެން ރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން މާލޭ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
One Response
އާރާއި ބާރުއޮވެ ގޯތިދޫނުކުރީ ކީއްވެ އޭރުވެސް ރައިއްޔަތުންތިބި ނަމަވެސް ނުފެނޭ މިހާރު ފެންނަންފެށީ އަމިއްލަ އެދުމެއް އޮތީމާ