ދެވަނަ މެޗުގައި ސީޝެލްސް އަތުން ރާއްޖެ ބަލިވެއްޖެ

ދެވަނަ މެޗުގައި ސީޝެލްސް އަތުން ރާއްޖެ ބަލިވެއްޖެ

Author
ޔޫސުފް
19 ފެބްރުއަރީ 2022 02:31
0

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެވަނަ މެޗުގައި ސީޝެލްސް ގައުމީ އަންހެން ފުޓްބޯޅަ ޓީމު އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސީޝެލްސް އަތުން ރާއްޖެ ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ފުރަތަމަ މެޗުގައި މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ވަނީ 0-1 ގެ ނަތީޖާއަކުން ސީޝެލްސް ބަލިކޮށްފައެވެ.

ސީޝެލްސް އާއި ދެކޮޅަށް ރޭގެ މެޗަށް ރާއްޖެއިން ނެރުނު ފުރަތަމަ 11 އަށް ކޯޗު ވަނީ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް މި މެޗުގެ ފުރަތަމަ 11 އިން ކޯޗު ވަނީ ފުރުޞަތު ދީފައެވެ.

ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގައި ސީޝެލްސް އިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރީނާ އީޝްތާއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ، ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

މެޗުގައި ސީޝެލްސް އިން ޖެހި އަނެއް ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެ ވަނަ ހާފުގައެވެ. އެގޮތުން ސީޝެލްސްއަށް ލީޑު ފުޅާކޮށްދިން ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަތާޝާ ބިބީއެވެ. އަދިން ތިންވަނަ ލަނޑު މެޗުގެ ކެޕްޓަން ޕަސްކަލީނާ މުސްޓާޝްއެވެ. އަދި 88 ވަނަ މިނެޓުގައި ނަތާޝާ ބިބީ ވަނީ މި މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި، 0-4 އަކަށް މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު މިމަހު މާލޭގައި ޖުމްލަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފަހު މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބީއްޔާ އާއި ދެކޮޅަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.