ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ ކެމްޕެއިނާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެއްކެވި ވާހަތަކަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހޫނު ރައްދެއް ދެއްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެގެން ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ހަރަކާތް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
މާރިޔާގެ ވާހަތަކާއި ގުޅިގެނ އަދުރޭ ވިދާޅުވީ، މިސަރުކާރުން ގެންދަނީ ވަރަށް ރޭވުންތެރިކަމާއިއެކު ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ޤައުމު އަޅުވެތި ކުރުމުގެ ބޮޑު ކެމްޕެއިނެއް ހިންގަމުން ކަމަށެވެ. މިއީ މިހާތަނަށް ދިވެހި ތާރީހުގައި ހިންގަމުްދާ އެންމެ ނުރައްކާތެރި ކެމްޕެއިންކަމުގައި އަދުރޭ ވިދާޅުވިއެވެ. އަދި މިކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކީ ޑިފެންސް މިނިސްޓަރ މާރިޔާކަމަށް އަދުރޭ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިނަކީ މި ޚާއިނުންގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިން. މާރިޔާއަކީ މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާ. އެންމެބޮޑު އެއް ޣައްދާރު.
– އަދުރޭ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިނަކީ މި ޚާއިނުންގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިން.މާރިޔާއަކީ މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާ.އެންމެބޮޑު އެއް ޣައްދާރު #IndiaOut pic.twitter.com/82gTJ0UNhg
— Abdul Raheem Abdulla (@Banafsaa) February 18, 2022
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރޭއޮތް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުން މިނިސްޓާރ މާރިޔާ ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމަށް ހެޔޮ އެދިގެން ހިންގޭ ހަރަކާތެއް ނޫންކަމަށެވެ. މިއީ ޤައުމަށް އިތުރު ގެއްލުމާއި ދަތިތައް ކުރިމަތި ކުރުމަށް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންވައިގެން ހިންގާ ހަރަކާތެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ޤައުމަށް ހެޔޮއެދޭ ވެރިއެއް ނޫންކަން ފާހަގަކޮށް މާރިޔާވަނީ، ރައީސް ޔާމީންގެ ޒަޢާމަތުގައިވެސް އިންޑިއާއާއިއެކު ގިނަ އެއްބަސްވުންތަކެއް ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް މިއަދު މިއެއްބަސްވުންތަކަކީވެސް މިސަރުކާރުން ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ހަދައި އިތުރަށް މަސްރަހު ގޯސް ކުރަމުންދާކަމަށެވެ. މާރިޔާ ވިދާޅުވީ މިހަރަކާތަކީ ހަމައެކަނި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް އެކަނި އަސަރު ކުރާނެކަމެއް ނޫންކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތް މުޅި ރާއްޖޭގައި ފުޅާކޮށް އިދިކޮޅުން ހިންގަމުންދާއިރު، މިހަރަކާތް ހުއްޓުވުމަށް ސަރުކާރުން ދަނީ ޤާނޫނެއްވެސް ހެދުމަށް ނިންމާފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ މިހަރަކާތަކީ ދިވެހި ރައްޔިތުން ހިންގަމުންދާ ޤައުމީ ހަރަކާތެއް ކަމަށާއި، މިހަރަކާތް ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. މިހަރަކާތް ހުއްޓާލާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ