ފަލަސްތީނުގެ މިނިވަންކަމަށް ޖިޙާދު ކުރަމުންދާ ހަމާސް ޖަމާޢަތަކީ ޓެރަރިސްޓު ޖަމާއަތެއްކަމަށް ކަނޑައަޅާ، އެގައުމުން މަނާ ކޮށްފައިވާ ޓެރަރިސްޓު އޯގަނިޒޭޝަންތަކުގެ ލިސްޓުގައި ހަމާސް ޖަމާއަތް ހިމެނުމަށް ނިންމާފައި ވާކަން އޮސްޓްރޭލިއާއިން ހާމަ ކޮށްފިއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ މިނިންމުމާމެދު ދެކޮޅު ހަދާކަން ހާމަ ކުރައްވަމުން ހަމާސް ޖަމާއަތުގެ ތަރުޖަމާން ހަޒީމް ގާސިމް ވިދާޅުވެފައިވަނީ، އޮސްޓްރޭލިއާ ސަރުކާރުގެ މި ނިންމުން ކުށްވެރި ކުރާ ކަމަށާއި، އަދި މިއީ އިސްރާއީލު ކޮޅަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އޮސްޓްރޭލިއާ ސަރުކާރުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފް ނިންމުމެއް ކަމަށާއި، ސަބަބަކީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކުންވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ތިބުމާއި ދެކޮޅު ހެދުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެން ވާތީއެވެ.
"ހަމާސްއަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ގަރާރުތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކުލަވާލެވިފައިވާ އެގްރީމަންޓްތަކުގެ ދަށުން، އިސްރާއީލުގެ އިސްތިއުމާރާ ދެކޮށް ޖިހާދު ކުރުމަށް އުފައްދާފައިވާ ޖަމާއަތެެއް،" އޭނާ ވިދާޅުވެފައި ވެއެވެ.
"ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅަންވީ، ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާއި ޚިލާފަށް ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އުދުވާނީ ހަމަލާ ދެމުންދާ އިސްރާއީލު،" ޤާސިމް ވިދާޅު ވެފައި ވެއެވެ.
އޮސްޓްރޭލިއާއިން، މީގެ ކުރިން ވަނީ، 2003 ވަނަ އަހަރު ހަމާސްގެ އަލް ގައްސާމް ބްރިގޭޑްސް އަސްކަރީ ފިޔަ ޓެރަރިސްޓު ލިސްޓުގައި ހިމަނާފައެވެ. އެހެންނަމަވެސް، އަންނަ އެޕްރިލްމަހު އަމަލް ކުރަން ނިންމާފައިވާ، އަލަށް އެކުލަވާލާފައިވާ ލިސްޓުގައި އޮސްޓްރޭލިއާއިން މިހާރުވަނީ މުޅި ހަމާސް ޖަމާޢަތް އެކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ހިމަނާފައެވެ. މީގެ ތެރޭގައި ހަމާސް ޖަމާއަތުގެ ސިޔާސީ ފިޔަވެސް ހިމެނެއެވެ.
ހަމާސް ޖަމާއަތުން ދަނީ، އިސްރާއީލުން ހިސޯރު ކޮށްފައިވާ ގާޒާ ސިޓީގައި 2007 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުންނެވެ. އަދި އެއަށްފަހު، އެޖަމާއަތުންވަނީ އިސްރާއީލާއެކީ އެތައް ހަގުރާމައެއް ކޮށްފައެވެ. މިގޮތުން އެންމެ ފަހުން ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ހަގުރާމަ ހިނގާފައިވަނީ ފާއިތުވެދިޔަ އަހަރުގެ މޭމަހުއެވެ. 11 ދުވަސް ވަންދެން މެދު ނުކެނޑި އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 248 މީހަކު ޝަހީދުވިއެވެ. މީގެ ތެރޭގައި 66 ކުޑަ ކުދިން ހިމެނޭއިރު މިހަމަލާތަކުގައި 1،900 މީހަކު ޒަޚަމް ވިއެވެ. އިސްރާއީލުގެ އުދުވާންގެ ރައްދުގައި ގާޒާއިން ފޮނުވި ރޮކެޓް ހަމަލާތަކުން އިސްރާއީލުގެ 12 މީހަކު މަރުވެފައި ވެއެވެ. މީގެތެރޭގައި 2 ކުޑަކުދިން ހިމެނެއެވެ.
"ހަމާސްގެ ފިކުރާއި، އަދި މިއަދު ލިސްޓު ކުރެވިފައިވާ ހަމަނުޖެހުމަށް ހިތްވަރުދޭ ޖަމާއަތްތަކަކީ ގެއްލުން ބޮޑު ޖަމާއަތްތަކެއް، އަދި އެމީހުންގެ ދެކޮޅުވެރި ފަލްސަފާތަކަށް އޮސްޓްރޭލިއާގައި ޖާގައެއް ނޯންނާނެ،" އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރ ކަރެން އެންޑްރިސް ވިދާޅުވެފައި ވެއެވެ.
އޮސްޓްރޭލިއާއިން ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަޑައެޅުމުން، އެ ޖަމާއަތަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެހެނިހެން އެހީތެރިކަން ފޯރު ކޮށްދިނުންވެސް މަނާކުރެވިގެން ދާނެއެވެ. މީގެތެރޭގައި ހިމެނޭ ބައެއް ކުށްތަކުގެ އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމްވެސް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ