މާދަމާ ބާއްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިންތިޚާބުގައި، އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު އޮންނާނީ މާދަމާ މެންދުރު 1:30 އިން ހަވީރު 5:30 އަށް އެ ޕާޓީގެ އޮފީހުގައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމު ފުރުއްވަމުންދާ އަލީ އާޒިމްއާއި، އެހެންވެސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ދައުރުވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހަށް ހަމަވެފައެވެ. މާދަމާގެ އިންތިޚާބުގައި އާޒިމް އޭނާގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ މަޤާމު ދިފާޢު ކުރައްވަން ނިކުންނަވާއިރު، އޭނާއާއި ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމަކީ ރައީސް ޞާލިހަށް ވަފާތެރި ބޭފުޅެކެވެ. އަދި އާޒިމަކީ ރައީސް ނަޝީދަށް ވަރަށް ތާއީދު ކުރައްވާ ވަފާތެރި ބޭފުޅެކެވެ.
ޕީޖީ ގްރޫޕްގެ ދެ ޑެޕިއުޓީ ލީޑަރުންގެ މަޤާމަށްވެސް 3 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. އެންމެ ބޮޑު ވާދަވއެރިކަމެއް އޮތީ އެމަޤާމަށް އަލިފުށީ ދާއިރާގެ މެމްބަރު ބިހޭ ވާދަކުރެއްވުމުނެވެ. އޭނާއާއި މިމަޤާމަށް ވާދަކުރައްވަނީ މިހާރުވެސް ދެ ޑެޕިއުޓީ ލީޑަރުންގެ މަޤާމު ފުރުއްވަމުންދާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
ބިގޭ މީގެ ކުރިން ފުރުއްވަމުން ދިޔަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރައްވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މިއިންތިޚާބުގައި ސެކްރެޓަރީ ޖެނެރަލްގެ ނައިބަކާއި ޗީފް ވިޕް ވެސް ހޮވާނެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކު ނެތި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ބޮޑެތި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ޕާލަމެންޓްރީ ގުރޫޕުވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައެވެ. އަދި މި ވާދަވެރިކަމުގައި، ފާއިތިވެދިޔަ ތަނުގައި ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން މަޖިލިސް ފްލޯގައި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައިވާކަން ފާހަގަ ކޮށްލެވެ.
ކޮމެންޓު ފޮނުވާ