މޭޔަރު ސިފާގެ މައްޗަށް ދައުވާކުރުމަށް ފޮނުވި މައްސަލައާމެދު ފެށޭ ހަފްތާގައި ގޮތެއް ނިންމޭނެ: ޕީޖީ ޝަމީމް

މޭޔަރު ސިފާގެ މައްޗަށް ދައުވާކުރުމަށް ފޮނުވި މައްސަލައާމެދު ފެށޭ ހަފްތާގައި ގޮތެއް ނިންމޭނެ: ޕީޖީ ޝަމީމް

Author
މުޙައްމަދު ޖިމީ
07 ނޮވެމްބަރ 2020 10:10
0

މާލޭ ލޮނުޒިޔާރަތް ޕާކް ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް މާލެސިޓިގެ މޭޔަރު ސިފާ މުޙައްމަދު ހިންގާފައިވާކަމަށް އޭސީސީގެ ތަޙްގީގަށް ސާބިތުވާތީ ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލާގައި މިފެށޭ ހަފްތާގައި ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މަސައްކަތްތައް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް އޭސީސީގެ ތަހުޤީޤަށް ސާބިތުވާތީ، މާލެސިޓީގެ މޭޔަރު ސިފާ މުޙައްމަދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު 29 ގައެވެ. މިމައްސަލަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި އޮންނަތާ 1 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ދައުވާކުރުމާމެދު ޕީޖީން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފަޑުކިއުން ޕީޖީ އޮފީހަށް ރައްދުވެފައިވެއެވެ.

ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މޭޔަރު ސިފާއަކީ އެމަނިކުފާނާއި އާއިލީ ބޭފުޅެއްކަމުން އެމައްސަލާގައި ތަނާޒުލުވެފައިވާކަމަށެވެ.
އެހުންތެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެއޮފީހަށް ފޮނުވާ މައްސަލަތަކާމެދ ވީހާވެސް އަވަހަށް ގޮތެއް ނިންމޭތޯ ބަލާކަމަށެވެ. އެގޮތުން މައްސަލައެއް ޕީޖީ އޮފީހަށް ލިބޭތާ 10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާކަމަށާއި، ނަމަވެސް ބައެއް މައްސަލަތައް އެއަށްވުރެވެސް ލަސްވާކަމަށެވެ. ޕީޖީ ވިދާޅުވީ މޭޔަރު ސިފާ މައްސަލައިން ތަނާޒުލުވެފައިވާތީ މިމައްސަލައާއެމެދު އެއްޗެއް ދަންނަވަން ދަތިކަމަށެވެ.

ސިފާއަކީ ދެބެންގެ ދެދަރި ބޭފުޅަކަށްވުމުން އެމައްސަލައިން އަޅުގަނޑުވާނީ ތަނާޒުލުވެފައި. މިމައްސަލަ ކުރިއަށްދަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރގެ ބެއްލެވުމުގެ ދަށުން. މިފެށޭ ހަފްތާގައި މިމައްސަލައާމެދު ގޮތެއް ނިންމޭނެކަމަށް ބެލެވެނީ.

-ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދު ދައުވާކުރުމަށް އޭސީސީން ޕީޖީގައި އެދިފައި ވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ.
މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ އެމަޝްރޫޢުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސިފާގެ މައްޗަށް ދައުވާ ކުރަނީ، ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކޮށްފައި ނުވާތީ އާއި، އަދި ލިޔެކިޔުމެއް ނެތި އަމިން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށް އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު މަސައްކަތްކޮށްފައިވުމާއި އެކު ސިފާ އެފަދައިން ޢަމަލުކޮށްފައިވަނީ، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމާއި އެކު ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މާލެސިޓީގެ މޭޔަރ ސިފާ މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައަކީ އޭސީސީން ހިންގި ރަނގަޅު ތަޙުޤީޤެއް ނޫންކަމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.