އިންޑިއާއިން އަޅައިދިން ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރު ހުޅުވައިފި

އިންޑިއާއިން އަޅައިދިން ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރު ހުޅުވައިފި

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު އެމް.އެން.ޑީ.އެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުއްޓަށް ޒިޔާރަތްކުރައްވައި، ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ފޭސް-1 ގެ އެނެކްސް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމް ކުރާ އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ފޭސް-1 ގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހު 5 ވަނަ ދުވަހުއެވެ. މި ކޮންޓްރެކްޓް ގެ ދަށުން ޓްރެއިނިންގ ބިލްޑިންގ، އެޑްމިން ބިލްޑިންގ، ބެކްސް، ހެލްތު ޕޯސްޓް، ރެކްރިއޭޝަން ހޯލް، ފެނާއި ނަރުދަމާ އަދި ޕަމްޕު ސްޓޭޝަން، ކޮމިއުނިކޭޝަން ނެޓްވޯރކް، ފަޔަރިންގ ރޭންޖް، ފަޔަރިންގ ޝެޑް އަދި އަދި އޮބްސްޓިކަލް ބެލްޓު ވަނީ ނިންމާލެވިފައެވެ.

އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ގެ ފޭސް-1 އިފްތިތާހު ކޮށްދެއްވައިފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ޖޫން މަހު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މި މަސައްކަތަށް 2 ސެޕްޓެމްބަރ 2019 ގައި އިތުރު ކުރެވުނު އެނެކްސްގެ ދަށުން އިންސްޓްރަކްޓަރ ބެރެކްސް، ރެކްރިއޭޝަން ހޯލް، އެކަމަޑޭޝަން ބްލޮކް، ޓޮއިލެޓް ބްލޮކް، ވޯޓަރ ޓޭންކް ޓަވަރާއެކު އަދި މެސް ހޯލަށް ބައެއް އިތުރު ކުރެވިފައިވެއެވެ. މިއަދު ހުޅުވިގެން މިދިޔައީ މިގޮތުން ފޭސް-1 އަށް އިތުރުކުރެވުނު އެނެކްސްގެ ދަށުން އިމާރާތް ކުރެވުނު ބައިތަކެވެ.

އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ތަރައްޤީ ކުރަމުންދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހާރުވެސް މި ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ގައި އެއްފަހަރާ 400 މީހުން ތަމްރީނު ކުރުމުގެ ޤާބިލްކަން ފޭސް-1 ގެ އެނެކްސް އާއެކު ލިބިފައިވެއެވެ. ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ މުޅިން ނިމުމުން މިތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައިމަރުކަޒުގެ ގޮތުގައެވެ.

ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރުގައި ހިމެނެނީ މެރިން ކޯރ ޓްރެއިނިންގ ސްކޫލާއި، ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލާއި، ދަ ބޭސިކް ސްކޫލެވެ. އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ، ފޭސް-1 ގެ އެނެކްސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް އާއި އިންޑިއާގެ ވަފްދުގެ މެމްބަރުންނާއި، ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *