މިއަދު ބައެއް ފަރާތްތަކަށް، ޖުޑިޝަލް ސާވިސް ކޮމިޝަނާއި، ފަނޑިޔާރުގެތައް ގޯސްވެގެން އުޅެނީ މިތަންތަނުން ވަކި ބަޔަކު ބޭނުންވާހާ ގޮތަކަށް ހުކުމްތައް ނުކުރެވޭތީ ކަމުގައި ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އިސްލާހުގެ ބިލާ ގުޅޭތުން މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ ފަނޑިޔާރުގޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ މިސަރުކާރުން ކަމަށެވެ. ޚާއްސަކޮށް މިހާރު އޮތް ޖުޑިޝަލް ސާވިސް ކޮމިޝަނަކީ މިކަން ވަރަށް އަދުލުވެރިކަމާއިއެކު ކުރާ ކޮމިޝަނެއްކަމަށެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީ އެކުލަވާލާ ގޮތަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅަނީ، ވަކި މަންފާތަކެއް ހާސިލް ނުވާތީކަމަށެވެ. ފަނޑިޔާރުގެތަކުން ބޭނުންވާހާ ގޮތަށް ހުކުން ނުކުރެވި، ފަނޑިޔާރުން ގަތުމަކީ މިއަދު ފަސޭހަ ކަމަކަށް ނުވުމަކީ ޖޭއެސްސީވެސް ކަމުނުދާ އެންމެ ބޮޑު ސަބަބުކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ފަނޑީޔާރުގެ އިސްލާހުކުރަން އަޅުގަނޑުމެން ނިޔަތް ގަންނަ ކަމަށްވަންޏާ، ފަނޑިޔާރުގެ ތަކުގައި ފަނޑިޔާރުން ޖަވާބު ދާރީކުރަން ފަނޑިޔާރުން ތިބެގެން ކަމަކުނުދާނެ. ރައީސުލްޖުމްހޫރިއްޔާގެ ބޭފުޅުން ތިއްބަވަންޖެހޭނެ. އެއީ ރައީސްގެ ފަރާތުން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އިންނަވަންޖެހޭނެ. އެއީ ރައްޔިތުންގެ ފަރާތުން. ރައްޔިޔުން އިންތިޚާބުކުރި ބަޔަކު ނުލައި، މިތާ ކޮމެޓީއަކުން ކަނޑައަޅާބަޔަކު އެތާ ތިބެންޔާ އިންސާފެއް ނުލިބޭނެ. މިހާރުވެސް މިމައްސަލައަކީ އިންސާފު ރައްޔިތުންނަށް ލިބޭތީ. ފަނޑިޔާރުން ގަންނަން އުދަނގޫ ވާތީ. ޖޭއެސްސީ ނުގަނެވޭނެ މިހާރު. ޖޭއެސްސީން ފިޔަވަޅު އަޅާތީ މައްސަލައަކީ.
– ބޮންޑޭ ވިދާޅުވިއެވެ.
ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭތީ އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވޭނެ ގޮތެއް ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ. ހާއްސަކޮށް މެންބަރު ތޯރިގުގެ ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ