މީޑިއާތަކަށް ހުޅުވާލައިގެން ވީމީޑިއާއިން އިންތިޒާމްކޮށްގެން ބޭއްވި "މައިލޯ ވީ މީޑިއާ އިންވިޓޭޝަނަލް ކަޕް"ގެ ޗެމްޕިއަންކަން ދައުލަތުގެ މީޑިއާ ޓީވީއެމްގެ ޓީމު ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގައި ހަތަރު މީޑިއާއަކުން ޖުމްލަ 6 ޓީމު ބައިވެރިވެފައިވެއެވެ. އެއީ ވީމީޑިއާގެ ދެޓީމު (ކްލަބް ވީ، ވީމީޑިއާ އެފްސީ) ޕީއެސްއެމްގެ ދެ ޓީމު (ޓީވީއެމް، ޔެސް ޓީވީ) އަދި ޗެނަލް 13 ގެ އިތުރުން އޮންލައިން ނޫސް ވަގުތުގެ ޓީމެކެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ ހުޅުމާލޭގައެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ޓީވީއެމް ހޯދީ ޗެނަލް 13 އާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއިންނެވެ.

މުބާރާތް ނިންމުމަށްފަހު އިނާމްދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ ޓީވީއެމްގެ ޖާރޒީ ނަމްބަރު 1 ފަޒަލް އިބްރާހީމް، ޖާރޒީ ނަމްބަރު 49 ރިމާހު އަހުމަދު، ޖާރޒީ ނަމްބަރު 7 އިބްރާހީމް ސުހައިލް، އަދި، ޗެނަލް 13 ގެ ޖާރޒީ ނަމްބަރު 69 އިބްރާހީމް ޒާމިލްގެ އިތުރުން ކްލަބް ވީގެ ޖާރޒީ ނަމްބަރު 10 ޝަރަފްއެވެ.
6 ގޯލާއެކު މުބާރާތުގައި އެންމެ ގިނައިން ގޯލް ޖަހައި ޓޮޕް ސްކޯރަރ ގެ މަގާމު ހޯދާފައިވަނީ ޗެނަލް 13 ގެ އިބްރާހީމް ޒާމިލްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީވީއެމްގެ ރިމާހު އަހުމަދެވެ.
ޗެމްޕިއަން ޓީމް ޓީވީއެމްއަށް ބަދަހި އިންވެސްޓްމެންޓްގެ ފަރާތުންދޭ 5،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ވީ މީޑިއާއިން ދޭ ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އަހުމަދު ޝިޔާމެވެ. ރަނަރ އަޕް ޓީމަށް ހުށަހަޅާފައިވާ 3،000 ރުފިޔާގެ ފައިސާގެ އިނާމް، ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވާފައިވަނީ ވީ މީޑިއާގެ ސީއޯއޯ މުހައްމަދު ޒަހީންއެވެ.
ވީމީޑީއާއިން ވަނީ އަންނަ އަހަރުވެސް މިމުބާރާތް ބާއްވާނެކަމަށް އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ