ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުން ނަގަމުންދާ ދަރަންޏާއި ގުޅޭ ތަފްސީލް އޮޅުންފިލުވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު މާލިއަޔަތު ކޮމިޓިއަށް ޙާޒިރުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ މެދުރާސްތާގެ ފިޒިކަލް ސްޓެރެޓެޖީއާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާން މެންބަރުންނާއި ހިއްސާކުރައްވާފައެވެ. މި ކޮމިޓީ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހުގެ ކޮމިޓީއާށް ޙާޒިރުކޮށް ސުވާލުކުރުމަށް ހުށައަޅާފައެވެ. ޔަޢުޤޫބުގެ ހުށައެޅުއްވުމަށް ތާޢިދުކުރެއްވީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.
މިނިސްޓަރ އަމީރު ކޮމިޓީއަށް ޙާޒިރުކުރަން ހުށައަޅުއްވަމުން ޔަޢުޤޫބް ވިދާޅުވީ، ދައުލަތުން ނަގަމުންދާ ދަރަންޏާއި ލޯނުތައް އަދާކުރުމާއި ގުޅޭ މަޢުލޫމާތު އިތުރަށް ސާފުވާންޖެހޭކަމަށެވެ. އަދި މި މަޢުލޫމާތު އޮޅުންފިލުވުމަށް މިނިސްޓަރ އަމީރު ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ބޮޑުވެ މާލީ ދަތިތަކެއް ދިމާވަމުންދާތީ ރާއްޖެއިން ބޭރުންވެސް ވަނީ ދަރަނިތަކެއް ނަގާފައެވެ. މިނިސްޓަރ އަމީރު ދާދި ފަހުން ވިދާޅުވެފައިވަނީ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ، އިޤްތިޞާދު ކުރިން އޮތް ހިސާބަށް ދެވޭނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުކަމަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް 7 ބިލިއަން ރުފިޔާއަށްވުރެ ވަނީ އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ