ރަޝިއާއިން ފާއިތުވެދިޔަ ހަފްތާތަކުގައި އެއް ލައްކައަށްވުރެ ގިނަ ސިފައިން ޔޫކުރެއިންގެ ބޯޑަރު ކައިރިއަށް ޖަމާކޮށް، 3 ދިމާލަކުން ޔޫކުރެއިން ވަށާލާފައިވާ ކަމަށާއި، ހަމަ ކޮންމެ ވަގުތެއްގައިވެސް ރަޝިއާ ސިފައި އެގައުމަށް އަރާ އުދުވާނީ ހަމަލާތަށް ފަށާފާނެކަމަށް ހުޅަގުގެ ގައުމުތަކުން ބުނެފިއެވެ.
ޔޫކުރެއިންއަށް ރަޝިއާއިން ކޮންމެ ވަގުތެއްގައިވެސް ހަމަލާދޭވޭ ވަރަށް މިހާރު ރަޝިއާގެ ފައުޖުތައް ތައްޔާރު ވެފައިވާކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ހާމަކުރަމުން ދާއިރު، ގިނަ ގައުމުތަކުން ދަނީ އެގައުމުތަކުގެ ޑިޕްލޮމެޓިކް މުވައްޒިފުންނާއި އަދި ރައްޔިތުންވެސް އެގައުމު ދޫކޮށް ދިއުމަށް އިލްތިމާސް ކުރަމުންނެވެ.
އަދި ހަމަ އެއާއެކު، ހަގުރާމައަކަށް ފުރުސަތު ނުދިނުމަށްޓަކާ ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތައްވެސް ހުޅަނގުގެ ގައުމުތަކުން ވަނީ އިތުރު ކޮށްފައެވެ. މިގޮތުން އެމެރިކާގެ ރައީސް ޖޯބައިޑްވަނީ ރޭގެ ވަގުތެއްގައި ރަޝިއާގެ ރައީސް ލާޑިމިރް ޕުޓިންއަށް ގުޅުއްވާ، ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ހަމަލާ ދީފިނަމަ، ހުޅަނގުގެ ގައުމުތަކުން ހީވެސް ނުކުރާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާއާއި ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.
ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މި ފޯން ކޯލުގައި ބައިޑްނަވަނީ ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދީފިނަމަ، ބައިނަލްއަގުވާމީ މައިދާނގައި ރަޝިއާއިން އަދާކުރަމުންދާ ދައުރަށްވެސް ބޮޑެތި ބަދަލުތައް އައިސް ނޭދެވޭ އަސަރުކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
އަދި މަސްރަހު ފިނިކުރުމަށްޓަކަ ޑިޕްލޮމެޓިކް މަސައްކަތް އެކީގައި ކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތްކަމަށް ޕުޓިން އަރިހު ބައިޑްން ވިދާޅުވެފައިވާކަަމަށް ވައިޓްހައުސްއިން ހާމަކޮށްފައި ވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި 3 ދިމާލަކުން މިހާރު ރަޝިއާ ސިފައިން ޔޫކުރެއިން ވަށާލާފައިވާއިރު، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދިނުމަށް ފަށާނީ ކޮން ދިމާލަކުންކަން ޔަގީން ކުރެވިފައި ނުވާކަމުގައެވެ. އެހެންނަމަވެސް ރަޝިއާއިން މިހާރުވަނީ ތިން ސަރަހައްދަކުން ޔޫކްރެއިންއަށް ޕްރެޝަރ ކުރިމަތިވާގޮތަށް ސިފައިން ޖަމާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2014ވަނަ އަހަރު ރަޝިއާއިން ހިފާފައިވާ ކްރައިމިއާއިން ފެށިގެން ދެކުނާއި، އަދި ދެގައުމާ އިންވެގެން އޮންނަ ބެލަރޫސްއިން ފެށިގެން ބޯޑަރު އުތުރަށެވެ.
ރަޝިއާއިން ޔޫކްރެއިން ބޯޑަރު ކައިރިއަށް ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއް ޖަމާކުރުމާއި ގުޅިގެން، ސޯވިއެޓް ޔޫނިއެންގައި ހިމެނުނު ދެގައުމު ކަމުގައި ޔޫކްރެއިންއާއި ރަޝިއާއި ދެމެދު މިއިން ޒަމާނަކު އުދާސްތައް އުފެދިފައި ނުވާ މިންވަރަށް ވަނީ އުދާސްތައް އުފެދިގެން ގޮސްފައެވެ.
ޔޫކްރެއިންއަށް އަރާ އެގައުމު ހިފުމަށް ރަޝިއާއިން އެއްވެސް ޕްލޭނެއް ކޮށްފައި ނުވާކަމަށް އެގައުމުން ބުނަމުން އައި ނަަމެވެސް، ނޭޓޯއިން ޔޫކްރެއިންއަށް ތަމްރީނާއި ހަތިޔާރުގެ ގޮތުން ފޯރުކޮށް ދެމުންދާ އެހީތެރިކަމަކީ ރަޝިއާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެގައުމުން ވަނީ ބުނެފައެވެ.
ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން، ކުރީގެ ސޯވިއެއްޓް ޔޫނިއަންގެ ގައުމެއް ކަމުގައިވާ ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް އެތައްހާސް ސިފައިނާއި ބަރު ހަތިޔާރު ޖަމާކުރުމަށްފަހު، ރަޝިއާއިން ޑިމާންޑް ކޮށްފައިވަނީ، ނޭޓޯއިން އެޖަމާއަތުގެ ސިފައިންނާއި އަދި ހަތިޔާރު އިރުމަތީ ޔޫރަޕްގެ ސަރަހައްދުން ދުރަށް ޖެއްސުމަށާއި އަދި އޭގެ އިތުރުން ރަޝިއާއާއި އިންވެގެން އޮތް ޔޫކްރެއިން އަކީ ދުވަހަކުވެސް ނޭޓޯގެ މެމްބަރަކަށް ނުވެވޭނެ ކަމުގައި ޔަގީންކަން ދިނުމަށެވެ.
އެހެންނަމަވެސް، ރަޝިއާގެ މި ޑިމާންޑްތަކަށް، މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު މެދުވެރިކޮށް ލިޔުމުން އެރުވި ޖަވާބުގައި އެމެރިކާއިން ބުނެފައިވަނީ، ނޭޓޯއަށް ވަނުމަށް ހުރިހާ ގައުމަކަށް ފުރުސަތު ހުޅުވާފައި އޮންނަ ސިޔާސަތަށް އެގައުމުން ތާޢީދު ކުރާނެ ކަމުގައެވެ.
އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް ފުޅާވަމުންދާ، ސަލާމަތާއި ގުޅުންހުރި އިއްތިހާދު، ނޭޓޯ އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތުގައި، މޮސްކޯގެ ކަންބޮޑުވުންތަކަށް ޑިޕްލޮމެޓިކް ހައްލު ހޯދުމުގެ ގޮތުން ހަތިޔާރުތައް މަދުކުރުމާއި އަދި އިތުބާރު އުފެއްދުމަށްޓަކާ އިތުރަށް މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް އެމެރިކައިން ވަނީ ބުނެފައެވެ.
ޔޫކުރެއިންގެ ބޯޑަރު ކަރިއަށް ރަޝިއާގެ އެތައް ހާސް ސިފައިންނެއް ޖަމާކުރަމުން ދިއުމާ ގުޅިގެން، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަށް ރާވަމުންދާ ކަމުގެ ކަންބޮޑުވުން ހުޅަގުގެ ގައުމުތަކުގެ މެދުގައި އުފެދިގެން ގޮސްފައި ވާއިރު، އެމެރިކާއިންވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރައިފިނަމަ، ހީވެސް ނުކުރާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އެގައުމާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ދީފައެވެ. ރަޝިއާއިން ޔޫކުރެއިން އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން އުޅޭކަމަށް ހުލަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތައް ރަޝިއާއިން ވަނި ދޮގު ކޮށްފައެވެ.