ބ.މުތާފުއްޓަށް ދަތުރުދިޔަ ބަޔަކު ހާލުގައި ޖެހި އަނބުރާ ރަށަށް ނުދެވިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ދަތުރު ނުކުރެވިގެން އެކަން އެމްއެންޑީއެފަށް ރިޕޯޓު ކުރީ މިއަދު 14:15 ހާއިރު ކަމަށެވެ. އަދި ހާލުގައި ޖެހި، އެހީއަށް އެދުނު މީހުނަށް އެހީވާން އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑްގެ ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ދަތުރުގޮސް ހާލުގައި ޖެހުނު މީހުންގެތެރޭގައި 6 ކުޑަކުދިންނާއި 5 އަންހެނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކުރިއަށް އޮތް 24 ގަޑީރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ.
އެ އިދާރާއިން ވަނީ ފާދިއްޕޮޅުން ފެށިގެން އުތުރުގެ ހުރިހާ އަތޮޅަކަށް މިއަދު މެންދުރު 12:15 އިން ފެށިގެން ރޭގަނޑު 9 އަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
ކޮމެންޓު ފޮނުވާ