ދުނިޔޭގައި ވެރިކަމުގެ ނިޒާމުތައް އެކުލަވާލެވިފައި އޮތީ ކިހިނެއް؟ ގައުމުތަކުގެ ހަމަޖެހުމާއި އޮތީ ކޮން ގުޅުމެއް؟

ދުނިޔޭގައި ވެރިކަމުގެ ނިޒާމުތައް އެކުލަވާލެވިފައި އޮތީ ކިހިނެއް؟ ގައުމުތަކުގެ ހަމަޖެހުމާއި އޮތީ ކޮން ގުޅުމެއް؟

ދިވެހިރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސަކީ، އާ ގާނޫނު އަސާސީން ވެރިކަމުގެ ނިޒާމެއް ކަނޑައަޅާ ދިންފަހުން މިހާތަނަށް އައިއިރު ކުރެވިގެން ގޮސްފައިވާ ބަހުސެއް ނޫނެވެ.

މިގޮތުން އާ ގާނޫނު އަސީސީން ޑިމޮކްރަޓިކް އާ ނިޒާމެއް ދިވެހިން ބަލައިގަތް ފަހުން ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 4 ރައީސަކު، އެގާނޫނު އަސާސީން އެކަށައަޅައިދިން ރިޔާސީ ނިޒާމުގައި ރައީސްކަން ކޮށްފައިވާއިރު، މިއިން އެއްވެސް ރައީސަކު އެބޭފުޅުންގެ ދައުރުގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކައެއް، އަދި އެނިޒާމުގައި ވެރިކަން ނުކުރެވޭނެ ވާހަކައެއް ނުވަތަ އެކަމުގެ ޝަކުވާއެއްހާ މިންވަރުވެސް ކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ 13 ވަނަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެރިކަމުގެ އެއް ނިޒާމެއް ތަޖުރިބާ ކުރުމަށްފަހު މިއަދު އަނެއްކާވެސް ސިޔާސީ މަސްރަހުގައި މިވަނީ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ދެކެވެން ފަށާފައެވެ.

ރިޔާސީ ނިޒާމު ކަމުނުދާކަމުގެ ވާހަކަތަކާއި، ހަގީގީ ޑިމޮކްރަޓިކް ވެރިކަމެއް ކުރެވޭނީ ޕާރލަމެންޓްރީ ނިޒާމެއްގައި ކަމުގެ ޝަކުވާތައް ކުރައްވަން ފައްޓަވާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ޝަކުވާއަކީ ރިޔާސީ ނިޒާމެއްގައި ދެން އެމްޑީޕީއަށް ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމުގެ ޝަކުވާއެވެ.

މި ޝަކުވާތަކުގެ ތެރެއިން އިވިގެންދަނީ ބަރުލަމާނީ ނިޒާމުގެ ރަގަޅުކަމުގެ ވާހަކަތަކެވެ. އެއަށްވުރެ ރަގަޅު، އިތުރުން އެހެން ޑިމޮކްރަޓިކް ނިޒާމެއް ނެތްކަމުގެ ވާހަކަތަކެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިނިޒާމް އޮތްކަމުގައި ވިދާޅުވެ، މި ނިޒާމު ގެނެވިގެން މެނުވީ ގައުމަށް ހަމެޖެހުމެއް، ތަނަވަސް ކަމެއް ނުގެނެވޭނެ ކަމުގެ ވާހަކަތަކެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގަން އާ ގާނޫނު އަސާސީގައި ވާގޮތުން ރައްޔިތުންގެ މެޖޯރިޓީއާ ނުލާ ވެރިކަމަށް އާދެވޭނޭ އެއްވެސް މަގެއް ނެތް

އެހެންނަމަވެސް، ދުނިޔޭގެ ގައުމުތަކުގައި މިއަދު ވެރިކަން ކުރެވެމުންދާ ނިޒާމްތަކަށް ނުވަތަ ސިސްޓަމްތަކަށް ބަލާއިރު، ފާހަގަވާން އޮތް ކަމަކީ، ގައުމުތަކުގަ ގާއިމްވެފައި އޮތް ހަމަޖެހުމާއި، އަދި ގައުމުތަކަށް އަންނަމުންދާ ތަރައްގީއާއި ތަމައްދުނަކީ ގައުމުތަކުގައި އެކުލަވާލެވިފަ އޮތް ވެރިކަމުގެ ނިޒާމްތަކާއި ސީދާ ގުޅިލާމެހިގެންދާ ކަމެއްކަމުގައި ފެންނާން ނެތްކަމެވެ.

 

ދުނިޔޭގައި މިވަގުތު އޮތް ވެރިކަމުގެ ނިޒާމުތައް!

ދުނިޔޭގެ ގައުމުތަކުގައި މިވަގުތު ގާއިމްވެފައި އޮތް ވެރިކަމުގެ ނިޒާމުތަކަށް ބަލާއިރު، މުޅި ދުނިޔެ އޮތީ ވަކި ބާވަތެއްގެ ވެރިކަމުގެ ނިޒާމަކަށް ބައްޓަން ކުރެވިފައި ކަމަށް ކަނޑައެޅޭ ވަރަށްވުރެ ބޮޑަށް ވެރިކަމުގެ ނިޒާމުތައް އޮތީ އެގޮތް މިގޮތަށް މޮޑެވިފައެވެ. ނުވަތަ ކަސްޓަމައިޒް ކޮށްފައެވެ. މާނައަކީ، ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައްވެސް ދަނީ ބަދަލުވަމުންނެވެ. އަދި އެކި ގައުމުތަކުގައި ވެރިކަން ކުރަމުންދަނީ ވެރިކަމުގެ އެކި ނިޒާމުތައް ބޭނުން ކޮށްގެންނެވެ.

އަދި ހަމަ އެއާއެކު ގައުމުތަކުން ގެންގުޅެމުން އަންނަ އިގްތިސާދީ ސިޔާސަތުތަކާއި، ސިޔާސީ އޮނިގަޑާއި، އަދި ގައުމުގައި އަށަގަންނަމުންދާ ސިޔާސީ ފިކުރުތައް ފުށުއަރާ، ވެރިކަމުގެ ހިންގުމުގެ ނިޒާމުތައް އެތައް ގުނައަކުން އޮޅުން ބޮޅުންވެ، އެއްވެސް ވެރިކަމުގެ ނިޒާމަކީ ވަކި ގޮތަކަށް ބައްޓަންވެފައި އޮތް ނިޒާމެއް ކަމުގައި ސިފަކުރަން އުދަގޫވާ ދަރަޖައަށް ވަނީ މަސްހުނި ވެގެން ގޮސްފައެވެ.

 

ޑިމޮކްރަޓިކް ވެރިކަން:

އަދުގެ ދުނިޔޭގައި ހިގަމުންދާ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމްތައް ނިސްބަތް ކުރެވެމުންދަނީ، ރައްޔިތުންގެ ފަރާތުން ބާރުތައް ލިބިގެން ވެރިކަން ކުރެވެމުންދާ ނިޒާމްތަކަށެވެ. އޭގެ މާނައަކީ ވެރިކަން ކުރުމުގެ ބާރު، ނުވަތަ ސިޔާސީ ބާރުތައް، ހުންނަވާ ރައީސަކާއި ބޮޑުވަޒީރަކާ ދެމެދު ބަހާލެވިގެން ދިޔަނަމަވެސް، މިބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިންނެވެ. އެއީ ޕާލަމެންޓްރީ ނިޒާމެއްގައި ގާނޫނުހަދާ މަޖިލިސް އާންމު ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރުމެވެ. އަދި ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާ އާއި އަދި ގާނޫނުހަދާ މަޖިލިސް އާންމު ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރުމެވެ.

ޕާލަމެންޓްރީ ޑިމޮކްރަސީ: ޕާލަމެންޓްރީ ޑިމޮކްރަސީއަށް ބަލާއިރު، މި ނިޒާމުގައި ހެޑް އޮފް ސްޓޭޓާއި، ހެޑް އޮފް ގަރަވމަންޓް (ސަރުކާރާއި ދައުލަތް) އަކީ ތަފާތު ދެ ބޭފުޅުންނެވެ. މީގެ ގިނަ މިސާލުތައް ޔޫރަޕްގެ ގައުމުތަކުން ފެންނާން އެބަހުއްޓެވެ. މިސާލެއްގެ ގޮތުން، އިގިރޭސިވިލާތުގައި ސަރުކާރުގެ އިސްވެރިއަކީ އެގައުމުގެ ބޮޑުވަޒީރެވެ. ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވީ އެގައުމުގެ ރާނީ ކުއީން އެލިޒަބަތެވެ. އެހެންނަމަވެސް އެކަމަނާއަށް އޮތީ ރަމްޒީ ދައުރެކެވެ.

އިނގިރޭސިވިލާތަކީ ކޮންސްޓިޓިއުޝަނަލް މޮނާކީއެއް އޮތް ގައުމެއް: ރަސްކަމެއް އޮތް, ބަރުލަމާނީގެ ވެރިކަމެއް އޮތް ގައުމެއް

އޭގެ ބަދަލުގައި އެކްޒެކެޓިވް ޕަވަރ، ނުވަތަ ވެރިކަމުގެ ބާރުތައް ހިއްސާ ކުރަމުން ދަނީ، ހައުސް އޮފް ކޮމޮންސް ނުވަތަ ގާނޫނުހަދާ މަޖިލިހުންނެވެ. ނުވަތަ ރަސްކަމުގެ ފަރާތުން، ރައްޔިތުން ތަމްސީލު ކުރަމުންދަނީ ހައުސް އޮފް ކޮމޮންސްއިންނެވެ. ރައްޔިތުންގެ ފަރާތުން އިންތިޚާބުވެގެން އަންނަނީ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންނެވެ. ބޮޑުވަޒީރަކު އައްޔަން ކުރަނީ ގާނޫނުހަދާ މަޖިލުހުގެ މެމްބަރުންނެވެ.

ޕްރެޒިޑެންޝަލް ޑިމޮކްރަސީ: ދުނިޔޭގައި މިވަގުތު އޮތް ރިޔާސީ ނިޒާމްތަކުގެ ތެރެއިން އެންމެ ވަރަގަދަ އޮނިގަޑެއްގެ ތެރޭގައި އެކުލެވިފައި އޮތް ރިޔާސީ ނިޒާމް އޮތީ އެމެރިކާގައި ކަމުގައި ދެންނެވިދާނެއެވެ. އެމެރިކާގައި މުޅި ދައުލަތް ހިގަމުން އަންނަނީ ދައުލަތް 3 ބާރެއްގެ މައްޗަށް އެކުލެވިގެންނެވެ. އެއީ، އެގްޒެކެޓިވް ބްރާންޗް (ވެރިކަން ކުރާ ބާރު)، ލެޖިސްލޭޓިވް (ގާނޫނު ހަދާ ބާރު) އަދި ޖުޑީޝަލް (ޝަރުޢީ ބާރު) މި ތިން ބާރުގެ މައްޗަށެވެ.

މިއީ މީގެ 13 އަހަރު ކުރިން ދިވެހިރާއްޖެވެސް ބަލައިގެންފައިވާ ވެރިކަމުގެ ނިޒާމެވެ. މި ނިޒާމުގައި، ސަރުކާރުގެ އިސްވެރިއަކީވެސް، އަދި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންނަމަވެސް، ދައުލަތުގެ އިސްވެރިއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުންނެވި ނަމަވެސް، އެބޭފުޅާއަކީ، ދައުލަތުގެ ހުރިހާ ކަމަކަށް ބަސް ބުނުމުގެ އިޚްތިޔާރު ލިބިގެންވާ ފަރާތެއް ނޫނެވެ. މާނައަކީ، ދައުލަތުގެ ފަރާތުން ޖުޑީޝަރީއާއި، ގާނޫނު ހެދުމަށް އިސްވެ ބަސް ބުނުމުގެ ބާރު ރައީސުލްޖުމްުހޫރިއްޔާއަށް ލިބިގެނެއް ނުވެއެވެ.

އެމެރިކާއަށް ބަލާއިިރު، އެގައުމުގެ ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ގާނޫނު ހަދާ ބާރުގެ ގޮތުގައި، ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއާއި ސެނެޓަށް މެމްބަރުން އިންތިޚާބު ކުރަނީވެސް ރައްޔިތުންގެ ވޯޓުންނެވެ. މި ނިޒާމުގައި ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ނުކުރާ ގޮތަށް އޮންނަނީ ޝަރުއީ ދާއިރާގެ އިސް ފަރާތްތަކެވެ. އޭގެ ބަދަލުގައި އެ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރެވިގެން ދަނީ، ރައީސުލްޖުމުހޫރިއްޔާ އިޚްތިޔާރު ކުރައްވާ، ގާނޫނުހަދާ މަޖިލުހުގެ ރުހުން އޮތް ފަރާތްތަކެވެ.

 

މޮނާކީ، ނުވަތަ ރަސްކަންތައް؟

ދުނިޔޭގެ ގައުމުތަކުގައި ރަސްކަމުގެ ވެރިކަމުގެ ނިޒާމުތަކަކީ، ޑިމޮކްރަޓިކް ނިޒާމުތައް އާންމު ވެގެން އަންނަ ބީދައިން އާންމު ވަމުން އަންނަ ވެރިކަމުގެ ނިޒާމުތަކެއް ނޫނެވެ. އަދި އޭގެ ބަދަލުގައި ރަސްކަމުގެ ނިޒާމުތައް ބެލެވިފައިވަނީ، ގަދީމީ ޒަމާނުއްސުރެ އެކުލެވިފައި އޮތް ވެރިކަމުގެ ނިޒާމަކަށް ވާއިރު، މީލާދީން 600 ނުވަތަ 800 އިންފެށިގެން ދިގުދެމިގެން އަންނަ އަދި އޭގެފަހުން އެކުލެވުނު ރަސްކަމުގެ ނިޒާމުތައް ވާރުތަވަމުން އައި އައިލާތަކުން ފަހުން ވަރުގަދަކޮށް ދަމަހައްޓަމުން އަންނަ ވެރިކަމުގެ ނިޒާމެއްގެ ގޮތުގައެވެ.

އަދުގެ ދުނިޔޭގައި ތަފާތު އެކި ގޮތްގޮތުން ރަސްކަންތައް ދަމަހައްޓަމުންދާ 45 ގައުމު އެބައޮތެވެ. މީގެ ތެރޭގައި ކޮންސްޓީޓިއުޝަނަލް މޮނާކްއާއި (ގާނޫނު އަސާސީން ކަޑައަޅާފައިވާ ވެރިކަމުގެ ނިޒާމުތަކުގެ ތެރޭގައި ރަސްކަމުގެ ދައުރު އެކުލެވިގެންވާ) އޮބްސޮލިޓު މޮނާކް (ވެރިކަމާއި ދައްލަތް ރަސްގެފާނަށް ހިބަ ކުރެވިގެންވާ ވެރިކަމުގެ ނިޒާމު) ހިމެނެއެވެ.

އަރަބި ގައުމުތަކުގެ ތެރެއިން އިންތިޚާބު ކުރެވޭ ގާނުނުހަދާ މަޖިލިހެއް އޮތީ ކުވައިތުގައި އެކަނި

އަދި ފަހުގެ ޒަމާންތަކުގައި، ރަސްކަމުގެ ވެރިކަމުގެ ނިޒާމުތައް ދަމަހައްޓަމުން އަންނަ ބައެއް ގައުމުތަކުގައި، ޑިމޮކްރަޓިކް ސިފަތަށް އެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކާ، ރަސްގެފާނަކު ހުންނެވިނަމަވެސް، ދައުލަތާއި ވެރިކަމުގެ އެންމެ ފަހުގެ ބާރުތައް ރަސްގެފާނު އަތްޕުޅުގައި ބޭއްވުމަށްފަހު، ގާނޫނުހަދާ މަޖިލިސްތައް ވެރިކަމުގެ އޮނިގަޑުގެ ތެެރެއަށް ތައާރަފް ކޮށްފައި އެބަހުއްޓެވެ. މީގެ އެއް މިސާލަކީ މިއަދު އުރުދުންއެވެ. އެއީ އެގައުމުގައި އަބުދުﷲ ބިން އަލް ހުސެއިން (ކުރީގެ ރަސްގެފާނު ދަރިކަލުން) ރަސްކަމުގައި ހުންނެވިއިރު، ގާނޫނުހަދާ މަޖިލީހެއް އޮވެފަ ބޮޑުވަޒީރަކުވެސް ހުންނަވައެވެ. އެހެންނަމަވެސް މުޅި ދައުލަތުގެ ހުރިހާ ކަމެއްގަވެސް އެންމެ ފަހު ބަސް ބުނުމުގެ ހުރިހާ އިޚްތިޔާރެއްވެސް އޮތީ އަބުދުﷲ ރަސްގެފާނަށެވެ.

ހަމަ އެފަދައިން އަރަބި ގައުމުތަކުގެ ތެރެއިން ކުވައިތަކީވެސް އެގައުމުގައި ޝާހީ އާއިލާއެއް އޮވެފައި، އަދި ވެރިކަމުގެ ބާރުތައް ޝާހީ އާއިލާއިން ދަމަަހއްޓަމުން އައިނަމަވެސް، ރަސްކަންތައް އޮތް އެހެން އަރަބި ގައުމުތަކާއި ޚިލާފަށް އާންމު ރައްޔިތުންގެ ވޯޓުން މުޅި މަޖިލިސް އިންތިޚާބު ކުރާ ހަމައެކަނި ގައުމެވެ. އަދި ގާނޫނުހަދާ މަޖިލީހަށް ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ، އަދި މިނިސްޓަރުން މަގާމުން ވަކިކުރުމުގެ ބާރު ގާނޫނުހަދާ މަޖިލީހަށް ލިބި ދީފައިވާ ހަމައެކަނި އަރަބި ގައުމުވެސްމެއެވެ.

މިގޮތުން 2020ވަނަ އަހަރު ކުވައިތުގައި ބޭއްވުނު އިންތިޚާބުގައި އެގައުމުގެ އިދިކޮޅު ފަރާތްތަކުންވަނީ 50 ގޮޑި އެކުލެވޭ ގާނޫނުހަދާ މަޖިލިހުގެ ދެބައިކޮށްފަ އެއްބަޔަށްވުރެ ބޮޑު ކާމިޔާބެއް ހޯދާފައި ވެއެވެ. މި އިންތިޚާބަކީ، އެގައުމުން އާ އަމީރު ޝެއިޚް ނަވާފު އަމީރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. ޝެއިޚް ނަވާފު ކުވައިތުގެ އަމީރުކަމާއި ހަވާލުވެ ވަޑައިގަތީ، އެގައުމުގެ އަމީރު، އޭނޭގެ އެއްބަފާ ބޭބޭފުޅު ޝެއިޚް ސަބާހު އުމުރުފުޅުން 91 އަހަރުގައި އަވަހާރަ ވުމާއި ގުޅިގެންނެވެ.

ފާއިތުވި 10 ވަރަކަށް އަހަރުތެރޭ ކުވައިތުގައި ސިޔާސީ ޚިޔާލު ތަފާތުވުންތައް އުފެދިފައިވަނީ، އެގައުމުގެ ގާނޫނުހަދާ މަޖިލިހަށް އިންތިޚާބު ކުރެވޭ މެމްބަރުންނާއި، އެގައުމުގެ ސަރުކާރުގައި ނުފޫޒުގަދަ، ވެރިކަން ކުރަމުން އަންނަ އަލް ސަބާޙު އާއިލާއާއި ދެމެދުއެވެ. އަދި މި ޚިޔާލު ތަފާތުވުންތަކުގައި އެގައުމުގެ ގާނޫނުހަދާ މަޖިލީހާއި ކެބިނެޓްވަނީ އެތައް ފަހަރަކު އުވާލެވިފައެވެ.

އޮބްސޮލިއުޓް މޮނާކީ: ދުނިޔޭގެ ގައުމުތަކުގައި އަދިވެސް މިބާވަތުގެ ރަސްކަންތައް ކުރެވޭ ގައުމުތައް ހުރިކަން ފާހަކަ ކޮށްލާން ޖެހެއެވެ. މިއީ ސަރުކާރާ މުޅި ދައުލަތުގެ ވެރިޔަކީ ރަސްގެފާނު ކަމަށް އެގައުމުތަކުގެ ގާނޫނުއަސާސީން ކަޑައަޅާ، އެ އުސޫލު ޚުދުމުޚްތާރު ކަމާއެކު ދަމަހައްޓަމުންދާ ގައުމުތަކެވެ. މިގޮތުން ރަސްކަންތައް މިދެންނެވި އުސޫލުން ދަހައްޓަމުންދާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ، މޮރޮކޯ އަދި އޮމާން ފަދަ އަރަބި ގައުމުތައް ހިމެނެއެވެ.

ސައުދީ އަރަބިއާއަކީ ވާރުތަވަމުން އަންނަ ރަސްކަމެއް, އޮބްސޮލިޓު މޮނާކީއެއް އޮތް ގައުމެއް: ދައުލަތާއި ސަރުކާރު ހިބަވެގެންވަނީ ރަސްގެފާނަށް

 

ކޮމިއުނިޒަމް:

ކޮމިއުނިޒަމްއަކީ، މަރުކަޒީ ވެރިކަމުގެ ނިޒާމެކެެވެ. މި ނިޒާމުގައި ވެރިކަން ކުރަނީ އެއް ޕާޓީއަކުންނެވެ. ގިނަ ފަހަރަށް ތަންފީޒު ކޮށްފައި ހުރީ ޚުދުމުޚްތާރު އުސޫލުތަކެވެ. މިގޮތުން ކޮމިއުނިޒަމްއަކީ އަމިއްލަ ވިޔަފާރިތަކަށްވެސް ފުރުސަތު ނުދީ، ގައުމުގެ ވިޔަފާރީގެ ބޮޑެތި ބާރުތައްވެސް ވެރިކަމުގެ ފަރާތުން ދަމަހައްޓާ ނިޒާމެކެވެ. މި ނިޒާމު އުފެދި އެއަށް ހިތްވަރު ލިބިގެން ގޮސްފައިވަނީ ޖަރުމަނުވިލާތުގެ ފިލޯސަފައެއް ކަމުގައިވާ ކާރލް މާކްސް ކިޔާ މީހެއްގެ ފަރާތުންނެވެ.

ކޮމިއުނިޒަމްގެ އެންމެ މައިގަޑު އަސާސަކީ، ފައިދާ ލިބޭ ވިޔަފާރިތަކާއި، ގައުމުގެ ގުދުރަތީ ވަސީލަތްތައްވެސް ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި އޮތުމެވެ. ގައުމުގެ ރައްޔިތުންގެ މަސްއޫލިއްތެއްގެ ގޮތުގައި އޮންނަނީ މިވަސީލަތްތައް އެކަކު އެނެކަކާއި ހަމައަށް ފޯރުކޮށް ދިނުމުގައި އެފަރާތްތަކުން އޮންނަ ދައުރެވެ.

ފަހުގެ ޒަމާންތަކުގައި ދުނިޔޭގެ އެންމެ ވަރުގަދަ ކޮމިއުނިސްޓް ވެރިކަމެއްގެ ގޮތުގައި އޮތީ ސޯވިއެޓް ޔޫނިއަން އިން ދަމަހައްޓަމުން އައި ކޮމިއުނިސްޓް ވެރިކަމެވެ. އެހެންނަމަވެސް އެވެރިކަން ދެމި އޮތީ 1922 އިން 1991 އާއި ހަމައަށެވެ. އެއަށްފަހު ޒަމާނީ ކޮމިއުނިޒަމްގެ ގޮތުގައި މިއަދުވެސް ދަމަހައްޓަމުން އަންނަ ކޮމިއުނިޒމްގެ ވެރިކަން އޮތީ މިއަދުގެ ޗައިނާގައެވެ. އޭގެ އިތުރުން، ކިއުބާ، ލާއޮސް އަދި ވިއެޓްނާމަކީވެސް މި ނިޒާމް އަސާސަކަށް ބަލާ ވެރިކަން ހިގަމުން އަންނަ ގައުތަކެވެ.
ޗައިނާއަކީ ކޮމިއުނިޒަމް ވެރިކަން ދަމަހައްޓަމުންދާ, ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު

 

ގައުމުތަކުގެ ހަމަޖެހުން ގާއިމްވެފައި އޮތީ ވެރިކަމުގެ ނިޒާމުގެ ސަބަބުންނެއް ނޫން!

ރާއްޖޭގަ މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ކުރީގެ ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ، ގައުމަށް ހަމަޖެހުން އަންނާނީ ބަރުލަމާނީ ނިޒާމެއް ގެނެވިގެން ކަމުގައި ވިދާޅުވަމުންނެވެ. އަދި ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ ތަމްސީލުވުން އެންމެ ފުރިހަމަ ގޮތުގައި ގާއިމް ކުރެވޭނީ ބަރުނަމާނީ ނިޒާމަކުން ކަމަށް ވިދާޅުވަމުންނެވެ.

އެހެންނަމަވެސް ދުނިޔޭގެ ގައުމުތަކަށް ބަލާއި، ތަރައްގީއާއި ތަމައްދުނާއި އަދި ގައުމުގެ އެތެރޭގެ ހަމަޖެހުން ގާއިމްވެގެން ގޮސްފައިވަނީ ގައުމުތަކުގައި އޮތް ވެރިކަމުގެ ނިޒާމުން ނޫންކަން ވަކިވަކި ގައުމުތަކުގެ ހާލަތަށް ބަލާލުމުން ސާފުވާން އެބަ އޮތެވެ.

ސައުދީ އަރަބިއާގައި އޮތީ ސާފު ވިރާސީ ރަސްކަމެކެވެ. އެގައުމުގައި އަހުލީ ހަގުރާމައެއް ނުވަތަ ދާޚިލީ ހަމަނުޖެނުމެއް ނެތެވެ. އެނޫން އަރަބި ގައުމުތަކަށް ބަލާއިރު، ސައްދާމް ހުސެއިންގެ ވެރިކަމަށްފަހު އިރާގުގައި ގާއިމް ކުރެވުނީ ބަރުލަމާނީ ވެރިކަމެކެވެ. އެއަށްފަހު 10 އަހަރު ފާއިތުވެގެން ދިޔައީއެވެ. ގައުމުގައި ހަމަޖެހުމެއް ނެތެވެ.

ޗައިނާއަކީ ކޮމިއުނިސްޓްރ ޚުދުމުޚްތާރު ވެރިަކަމެއް އޮތް ގައުމެކެވެ. އެގައުމުގައި ދާޚިލީ ހަމަނުޖެހުމެއް ނެތެވެ. އަވައްޓެރި ސްރީ ލަންކާއަށް ބަލާއިރު އެގައުމުގައި މިއަދު އޮތީ ހައިބްރިޑް (މަސްހުނި) ވެރިކަމުގެ ނިޒާމެކެވެ. އޮތީ ބަރުލަމާނީ އާއި ރިޔާސީ އޭގެ އިންތިހާއަށް މަސްހުރި ކުރެވިފައެވެ. އަދި އޮތީ އާއިލީ ވެރިކަމެއްވެސް މެއެވެ. ބޮޑުވަޒީރަކީ ރައީސްގެ ކޮއްކޯ ފުޅެވެ. ދައުލަތުގެ ވަޒީރުކަމާއި އިސް އެތައް މަގާމެއްގައި ރައީސާއި ބޮޑުވަޒީރުގެ އާއިލީ ބޭފުޅުން މިއަދު އެބަ ތިއްބެވިއެވެ. ސިޔާސީ މާބޮޑު ކޯޅުމެއް ގައުމުގައި ނެތެވެ.

އޭގެ ބަދަލުގައި އެފްރިކާގެ ގިނަ ގައުމުތަކުގައި ރިޔާސީ ނިޒާމްތައް އޮތް، ރައީސުން ތިއްބެވި އެތައް ގައުމުތަކަށް މިއަދު ދަނީ އަސްކަރީ އިންގިލާބުތައް އަންނަމުންނެވެ. ހުޅަނގު އެފްރިކާގެ ގައުމުތައް ކަމުގައިވާ މާލީ، ގިނިއާ، ބުރުކިނާ ފަސަކޯގައި މިހާރު އޮތީ ބަޢާވާތުގެ ސަރުކާރުތަކެވެ. އަސްކަރީ ވެރިކަންތަކެވެ.

އެހެންކަމުން، އަދު ދުނިޔޭގެ ގައުމުތަކުގައި ހިގަމުންދާ ވެރިކަމުގެ ނިޒާމުތަކާއި، އަދި ގައުމުތަކުގައި ހިގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާއި، އަދި އެނޫން މައްސަލަތަކަށް ބަލާއިރު، ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކާއި ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅުން އޮތްކަން ސާބިތު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އޭގެ ބަދަލުގައި، ގައުމުތަކުގެ ހަގީގި ހަމަޖެހުން ގުޅިފައި އޮތްތަން ފެންނަނީ ދައުލަތުގެ މުވައްސަސާތައް ބާރުވެރި ކުރެވުނު ނިސްބަތަކުންނެވެ. ގާނޫނު އަސާސީ ތަންފީޒު ކުރެވުނު ނިސްބަތަކުންނެވެ.

ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ގައުމާއި އެންމެންގެ މަސްލަހަތައްވުރެ ނަޝީދު އިސްކުރައްވަނީ އަމިއްލަފުޅު މަސްލަހަތު

2020 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، ވެރިކަމުގެ ބާރުތައް ދޫނުކުރުމަށް އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވިހާ މަސައްކަތެއް ފަނު ފުލުން ދާންޖެހުނީ، އެގައުމުގެ ޖުޑީޝަރީ މިނިވަން ވުމާއި، މުވައްސަސާތަކުގެ ތެރެއަށް ވަދެގަތުމުގައި ޓްރަމްޕަށް ކުރިމަތިވީ ހުރަސްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ގައުމުގެ މުވައްސަސާތަކުގެ ބާރުތައް ވަގަދަ ކަމުންނެވެ. ޖަހާފައި ހުރި ތަނބުތައް ޓްރަމްޕަށް މުގުރާ ނުލެވުނީއެވެ.

އެހެންކަމުން، ގައުމުގެ ހަމަޖެހުމާއި، ތަރައްގީއާއި ތަމައްދުނަކީ ފަހަރެއްގައިވެސް ވަކި ބާވަތެއްގެ ވެރިކަމަކާ ގުޅުން އޮތް ކަމެއް ކަމުގައި ދެންނެވޭނެ އެއްވެސް ޖާގައެއް އޮތްކަމުގައި ދެންނެވެން ނެތްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބަރުލަމާނީއަކީީ ވަރައްނުރައްކާތެރިި އަނިޔާވެރިި ނިޒާމެއްް އެފަދަވެރިކަމެއްް އޮވެއްޖެއްޔާާ ރައްޔިތުންއެދޭކަންތައްތަކުވާހަކަަ ނުކޮއްދީގެންް އެޝަކުވާތައްް ހުށަހަޅަންޖެހެނީީ ހަމައެވެރިންނައްް މައްސަލަތައްބަލަނީވެސްް ހަމައެވެރިންް އެއައްގޮނިންމަނީވެސްހަމަަ އެވެރިންް އެވެރިންގެެ ވިޔާނުދާވާހަކަަ އެވެރިންނައްހުށަހަޅައިގެންް އެވެރިންް އަމިއްލައައްް އަދަބުކަނޑައަޅަލާާ އެވެރިންް އެދަބުލިބިގަންނަންޏާާ ކިހާއިންސާފެއްވާނެތޯޯ
    ރައްޔިތުންމަޖިލީހުގަވެސްް އެމީހުންް ސިފައިންނާއިފުލުސްއޮފީސްވެސްް އެމީހުންް
    ކޯޓްތައްވެސްް އެމީހުންް
    ޙުރިހާމިނިސްޓްރީތަކަކާަ ކުންފުނިތަކާް އޮފީސްތައްް ވެސްް އެމީހުންް
    ކަސްޓަމުސްއާާ އެމްޕީއެލްް ސްޓެލްކޯޯ ފެނަކަަ އާސަންދަަ އެމްއެމްއޭޭ ޕެންޝަންް ބީއެމްއެލްް މުޅިގައުމުގަަ އެމީހުންް ބަރުލަމާނީނިޒާނަކީީ ރައްޔިތުންބޮޑުތަނުންނިކަމެތިވެެ ބިކަކޮއްލާނިޒާމެއްް

Leave a Reply

Your email address will not be published. Required fields are marked *