ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެވޭނީ ހާމަކަން ބޮޑުކޮށް ކަންކަން ކޮށްގެން: ޕީޖީ

ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެވޭނީ ހާމަކަން ބޮޑުކޮށް ކަންކަން ކޮށްގެން: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2022 12:28
0

ރާއްޖޭގެ އެކި މުއައްސަސާތަކުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، އެކަންކަން މަދުކުރެވޭނީ ހާމަކަން ބޮޑުކޮށް ކަންކަން ކުރެވިގެން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިދިޔަ މަހު ކުރި މަސައްކަތުގެ ތަފާސް ހިސާބު އާންމު ކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތާއި، ކަންކަމުގެ މައުލޫމާތު ސިއްރުނުކޮށް އާންމު ކުރުމަކީ ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ ސިފަކަމުގައެވެ. ރައްޔިތުންގެ އިތުބާރު ލިބިގެންދާނީ ހާމަކަން ބޮޑުކޮށް ކުރެވޭ މަސައްކަތުންކަމުގައިވެސް ޕީޖީ ވިދާޅުވިއެވެ.

މަޢުލޫމާތާއި ތަފާސްހިސާބަކީ ޢާންމު މަޢުލޫމާތެވެ. ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ ކަމަކީ، މަޢުލޫމާތު ސިއްރުނުކޮށް ޢާންމުކުރުމެވެ. ހާމަކަން އިތުރުކުރުމެވެ. ޓްރާންސްޕޭރަންސީގެ ޒަރީޢާއިން މެނުވީ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެއެވެ.

– ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކޮންމެ މަހެއްގެ ތެރޭގައި ޕީޖީ އޮފީހުން ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ޕީޖީ އޮފީހުގެ މަސައްކަތާ ގުޅިގެން ކުރެވުނު ކަންތައްތަކާއި، ނުކުރެވި ހުރި ކަންތައްތަކާއި، ނަތީޖާ ނެރެވުނު ގޮތާއި ނުނެރެވި ހުރި ދާއިރާތައް ހިއްސާކުރާ މައުލޫމާތު ހިމެނެއެވެ. މިކަމުގެ ސަބަބުން ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ އިދާރާތައް ޖަވާބުދާރީކުރުވަން މަގު ފަހިވެގެންދާނެއެވެ.

ޕީޖީ ހާމަކޮށްފައިވާ އޮފީހުގެ މަސައްކަތްކަށް ބަލާއިރު ބުނީ މި މަސައްކަތަށް ވަގުތާއި ފައިސާ އިންވެސްޓް ކުރަމުންދާތާ އަހަރެއްހާ ދުވަސްވެއްޖެކަމަށެވެ. އެގޮތުން މި މަސައްކަތް ދާއިމީ ސިފައެއްގައި ކުރެވޭނެގޮތަށް، މިހާރު އަންނަނީ މުވައްޒަފުންވެސް ތަމްރީނުކުރަމުންކަމަށާއި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ޔުނިސެފުގެ އެހީތެރިކަމާއެކު މުވައްޒަފުން މިހާރު ދަނީ ތަމްރީނުވަމުންކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ ނުފޫޒު ފޯރުވަން ބޭނުންވާ މީހާ ކަންކަން ކުރުމުގައި ނުފޫޒާއި، ބާރު ފޯރުވަނީ އޭނާގެ ބާރާއި، އާރު ހުންނަ ގޮތަކުން އެކަނި ނޫންކަމަށެވެ. އެކަމަކީ ލިބޭ މީހާ އެކަމުގައި އިޖާބަދޭ މިންވަރަކުންވެސް ކުރެވޭ ކަމެއްކަމަށެވެ.

ނުފޫޒު ފޯރުވާ މީހާ (މައިންބަފައިން، ތާރީޚާއި އާދަކާދަ) ގެ ގޮތުން އެނުފޫޒުގައި ކޮންމެވެސް ވިރާސީ ބާރެއް ހުރެދާނެއެވެ. ނަމަވެސް، ނުފޫޒު، ނުފޫޒަކަށްވެ، އެކަމުގައި ބާރާއި އާރު ހުންނަނީ ނުފޫޒު ފޯރުވާ މީހާގެ ގޮތަކުން ނޫނެވެ. ލިބޭ މީހާ، އިޖާބަދޭ މިންވަރަކުންނެވެ.

– ޕީޖީ ވިދާޅުވިއެވެ.

ކޮންމެ މަހަކު ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހަމަކުރައްވާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއިރު، އެމަޢުލޫމާތުތައް ހާމަކުރުމަށް، އެމަނިކުފާނު ބޭނުންވާ ސޮފްޓްވެއަރ އަދި ނުލިބޭކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން، މިދިޔަމަހުގެ ތަފާސް ހިސާބުތައް މިމަހު ހާމަކުރާނީ، ޕީޖީ އޮފީސް ވެބްސައިޓުގައި، މައިކްރޯސޮފްޓް އެކްސަލްގައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.