ޑްރަގު ތުހުމަތާއި ގުޅިގެން އެންސިސްގެ ބިދޭސީ ދެ މުވައްޒަފުން ރާއްޖޭން ބޭރަށް ފޮނުވާލައި ހެއްކައް ނުފޫޒު ފޯރުވާފައިވާ ކަމަށް ދައުލަތުން ކުރާ ތުހުމަތު އެންސިސް އިން ދޮގުކޮށްފިއެވެ.
6.8 ކިލޯގެ ކެނަބިސް ފެނުނު މައްސަލައެއްގައި ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވާއިރު ޝަރީފަށް ވަނީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާން ހުއްދަ ދީ މިދިޔަ އަހަރު ފޮނުވާލައިފައެވެ. އަދި ވަނީ ދެން ހުރި މީހާގެ ބޭސްފަރުވާގައި ވެސް ދައުލަތުން އިހުމާލުވާ ކަމަށް ބުނެ ދޫކޮށްލައިފައެވެ.
ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލް ދެއްކެވި ވާހަކަތަކާ ގުޅިގެން، އެންސިސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖޫން 2020 ގައި ތަހުގީގުކުރަން ފެށި މައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެ މުވައްޒަފުން ރާއްޖެ އިން ބޭރަށް ފޮނުވައިލީ ކަމަށް ދައުލަތުން ކޯޓުގައި ބުންޏަސް އެއީ ދޮގެއް ކަމަށެވެ.
ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އިން ހެއްކަށް ނޫފޫޒު ފޯރުވާފައިވާ ކަމަށްބުނެ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމައްސަލައަކީ ޖޫން 2020 ވަނަ އަހަރު ހިނގާފައިވާ މައްސަލައެއްކަމަށާއި، ދެހެކިންގެ ތެރެއިން އެއްމުވައްޒަފަކު، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުމުން، 2021 ސެޕްޓެމްބަރު ގައިވަނީ ވަޒީފާއިން ވަކިކުރެވިފައިކަމަށެވެ. ދެވަނަ މުވައްޒަފު އަހަރީ ޗުއްޓީއަށް އަމިއްލަ ޤައުމަށް ދިއުމަށްފަހު، އެނބުރި ރާއްޖެ އަންނަން އޮތް ދުވަހަށް ނައުމުގެ ސަބަބުން، ޑިސެމްބަރ 2021 ގައި ވަނީ ވަޒީފާއިން ވަކިކުރެވިފައިކަމަށެވެ.
އަދިމި ދެމުވައްޒަފުން ރާއްޖޭގައި ބޭތިއްބުމަށް އެއްވެސް ރަސްމީއިދާރާއަކުން އަންގާފައި ނުވާކަމަށެވެ. އަދި މިމައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިލެއްވި އެންމެހާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދީފައިވާނެކަމަށް އެންސިސްއިން ވަނީ ބުނެފައެވެ. އަދި މިމައްސަލައިގައި ހެކިބަސްދޭން ހެކިވެރިންގެ ގޮތުގައި ހާޒިރުވުމަށް އަންގާފައިވާ އެއްވެސް މުވައްޒަފެއްގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިމައްސަލާގައި ތަހުޤީޤީ އިދާރާތަކަށް ފުރިހަމަ އެންސިސް ފިޝަރީޒްގެ ފަރާތުން ދެމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންސިސްއިން ވަނީ ދީފައެވެ.
މިމައްސަލައަކީ، އެންސިސްގައި އުޅުނު މުވައްޒަފަކަށް ރައްދުވާ މައްސަލައެއް ކަމުގައިވި ނަމަވެސް، މީ، މިކުންފުންޏާ އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން. ނަމަވެސް މިހާރު ނޫހުގެ ލިޔުމުގައި، އަދި އެލިޔުމުގެ މައި ސުރުހީގައި ކުންފުނީގެ ނަން ބޭނުންކޮށްފައިވަނީ ކުންފުނީގެ އަގުވެއްޓި އަދި ކުންފުނީގައި މަސައްކަތްކުރާ 700 އަށްވުރެ ގިނަ މުވައްޒަފުންގެ ކަރާމާތަށް ގެއްލުންވާނޭ ފަދައިންކަން ފާހަގަ ކުރަން. އަދި މިހާރު ނޫހުގައި މި ލިޔުން ޝާއިއު ކުރުމުގެ ކުރިން މި ކުންފުނީގެ ބަހަކަށް މިހާރު ނޫހުން އެދިފައިނުވުމަކީ މިކުންފުނިން ވަރަށް ހިތާމަ ކުރާކަމެއް.
– އެންސިސްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެންސިސް އިން ބުނެފައިވަނީ މިފަދަ ޤާނޫނާ ޚިލާފު އެއްވެސް ކަމަކީ އެކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެކުންފުނިން ބައިވެރިނުވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ދިވެހިރައްޔިތުންނަށް ވަނީ ދެއްވަފައެވެ.
ކޮމެންޓު ފޮނުވާ