އެކުވެރިކަމުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

އެކުވެރިކަމުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

Author
ޔޫސުފް
10 ފެބްރުއަރީ 2022 04:00
0

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެވަނަ މެޗުގައި ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމު އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ، 3 ސެޓު 1 ސެޓުންނެވެ. ޖުމްލަ 3 މެޗު ރާއްޖެ އާއި ބަންގްލަދޭޝްގެ މެދުގައި ކުޅެން ނިންމާފައިވާއިރު، ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ބަންގްލަދޭޝް ޓީމުންނެވެ. އެއީ 25 ޕޮއިންޓް 19 ޕޮއިންޓުންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓު ރާއްޖޭން ވަނީ ފަސޭހަ ކަމާއެކު 25 ޕޮއިންޓް 16 ޕޮއިންޓުން ކާމިޔާބުކޮށް އުއްމީދު އައުކޮށްފައެވެ. ނަމަވެސް ދެން ކުޅުނު ދެ ސެޓު 25 ޕޮއިންޓް 15 ޕޮއިންޓް އަދި 25 ޕޮއިންޓް 11 ޕޮއިންޓުން ކާމިޔާބުކޮށް ބަންގްލަދޭޝް އިން މި މެޗު ކާމިޔާބުކުރިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމުގެ މަތިން ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް މާލޭގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ދެ މެޗު މިހާރު ކުޅެވުނުއިރު ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.

ރާއްޖެ އާއި ބަންގްލަދޭޝް މިރޭ ވާދަކުރި މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ރައީސް ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްވެސް ވަނީ މި މެޗު ބައްލަވާލެއްވުމަށް ޔޫތް ސެންޓަރަށް ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.