މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކްލަބް އީގަލްސް އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް ކްލަބް އީގަލްސް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދާއިގެންނެވެ. އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 2-3 ގެ ނަތީޖާއަކުން ޔުނައިޓެޑް ވީ ބަލިކުރުމަށްފަހުއެވެ.
ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ކްލަބުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބް ބައިވެރިވި މި މުބާރާތުގެ ފައިނަލަށް ކްލަބް އީގަލްސް ދަތުރުކުރި މިއީ 7 ވަނަ ފަހަރެއެވެ. އީގަލްސް އިން ވަނީ މި މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މިފަހަރުގެ ފައިނަލްގައި ކްލަބް އީގަލްސް އާއި ވާދަކުރާ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް މިއީ މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރުގެ އިތުރުން ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
ކްލަބް އީގަލްސް އާއި ޓީސީ ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި ކްލަބް އީގަލްސް އަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ސަމާހް މޫސާ ފަތްހީއެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެއެވެ. އެގޮތުން ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓްރީ ޖެހި 5 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ސަސްގެ ކީޕަރ މީސަމް ވަނީ ދިފާއުކޮށްފައެވެ. އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ޖެހި 5 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ނާކާމިޔާބުވިއިރު، އަނެއް 3 ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ.
ކްލަބް އީގަލްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފ.ނިލަންދޫ ޓާފް ފުޓްބޯޅަ ދަނޑުގައެވެ.
ކޮމެންޓު ފޮނުވާ