ޤާނޫނީ ހުސްކަމެއްގައި މިވަގުތު އޮތް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލާފައިވާ މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ދުވަހެއް ދަންނަވަން ނޭގޭކަމުގައި ރައީސުލްޖުމްހޫރޮއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ހުށަހެޅިފައިވާ ނަންތަކުގެ ތެރެއިން މަޖިލީހަށް ފޮނުވާ ނަންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިމަސައްކަތް ނިމި، މަޖިލީހަށް ނަންތައް ފޮނުވޭނެ ވަކި ދުވަހެއް އަދި ދަންނަވަން ދަތިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭސީސީއަށް 2 ފަހަރެއްގެ މަތީން ހުޅުވާލުމުން 30 އަށްވުރެ ގިނަ މީހުންވަނީ ކުރިމަތިލާފައެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވުނު ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާވަނީ އޭސީސީއަށް ވީހާވެސް އަވަހަކަށް މެމްބަރުން އައްޔަން ކުރެވިގެންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ މިހަފްތާގެ ޖަލްސާތައް ނިމިގެންދިޔަ އިރުވެސް މަޖިލީހަށް ނަންތައް ފޮނުވާފައި ނުވެއެވެ.
ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.
ޒަރިޔަންދާއެކު އޭސީސީ މެންބަރުކަމަށް 30އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްގެން މުއްދަތު ހަމަވިއިރު މިހާތަނަށް 30އަށްވުރެ ގިނަމީހުން ކުރިމަތިލާފައިވާއިރު އޭގެތެރޭގައި، ޓެންޑަރބޯޑުގެ ކުރީގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާއާއި، އޭސީސީގައި އިންވެސްޓިގޭޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.
އޭސީސީން އެންމެ ފުރަތަމަ އިސްތިއުފާދެއްވި ޢަލީ އަޝްރަފް މިހާރު ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑަރ ބޯޑްގެ ޗެއަރމަނަކަށް އައްޔަންކުރައްވާފައެވެ. އަޝްރަފަކީ މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ