ރާއްޖޭގެ މުޅި ސަރުކާރު ހިންގާދޭ އަސްލު އިންޖީނު ކަމުގައިވާ ސިވިލް ސަރވިސްއަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ލޭބަރ ފޯސްއެވެ. މިގޮތުން ދިވެހި ދައުލަތުގެ އެކި މުވައްސަސާތަކުގެ އެކި މަގާމްތަކުގައި މިއަދުވެސް މަސައްކަތް ކުރަމުންދާ 40 ހާހަށްވުރެ ގިނަ ސިވިލް ސާވިސް މުވައްޒިފުން އެބަ ތިއްބެވެ.
އެހެންނަމަވެސް، މި މުވައްޒިފުންނަކީ ދައުލަތުގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ލޭބަރ ފޯސްކަމުގައި ވެގެންދިޔަ ނަމަވެސް، ސިވިލް ސާވިސްގެ ގޮތުގައި މި ލޭބަރފޯސަ ބްރޭންޑް ކުރެވި، ވަކި ގާނޫނަކުން ބާރު ލިބި ދީފައިވާ މިނިވަން މުވައްސަސާއެއްގެ ބެލުމުގެ ދަށުން އެކުލެވިގެންވާ ޕްރޮފެޝަންއެއްގެ ގޮތުގައި ހިންގަން ފެށިތާ 15 ވަރަކަށް އަހަރު ފާއިތުވެގެން ގޮސްފައިވި ނަމަވެސް، ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒިފުންގެ ޝަކުވާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.
މިގޮތުން ހުރި ޝަކުވާތަކުގެ ތެރޭގައި، މަސައްކަތުގެ މާހައުލާއި، ވަޒީފާގެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅުންހުރި އެތަކެއް ޝަކުވާތަކެއް ހުރި ކަމުގައިވި ނަމަވެސް، ފާއިތުވެދިޔަ ހުރިހާ ޒަމާނެއްގައިވެސް ވަޒީފާ އަދާކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެން ގޮސްފައިވަނީ، މުސާރައިގެ ޝަކުވާތަކެވެ. ކުރާ މަސައްކަތާއި، މަސައްކަތުގައި ހޭދަ ކުރަންޖެހޭ ވަގުތާއި ލިބޭ އެއްޗަކާއި އަޅާ ކިޔާލެވޭ ވަރު ނުވާކަމުގެ ޝަކުވާއެވެ.
މީގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހެނީ، ސިވިލް ސާވިސްގައި ހިމެނޭ މުހިއްމު ޕްރޮފެޝަންތައް ކަމުގައިވާ ތައުލީމީ ދާއިރާއާއި، އަދި އޭގެ އިތުރުން ސިއްޙީ ދާއިރާފަދަ ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ޝަކުވާތަކެވެ.
ފާއިތުވެދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުންނެވެ. މިގޮތުން ބަލާއިރު، ސިވިލް ސަރވިސްގައި މަސައްކަތްކުރާ 44،838 މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 6،400 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެނީ އެންމެ 478 މީހުންނަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންނަމަވެސް، އަސާސީ މުސާރަ ބޮޑު ނޫންނަމަވެސް، ލިބޭ އިތުރު އެލަވަންސްތަކާއި އިނާޔަތްތަކާއެކު، ގިނަ މުވައްޒިފުންނަށް ގެއަށް ގެންދަން ލިބޭ މަހު މުސާރަ މިއަށްވުރެ ބޮޑުވާނޭކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
ރިޔާސީ ބަޔާނުން އުފާވެރިކަން!
ރައްޔިތުންގެ މަޖިލިހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައި ވަނީ، އަންނަ މޭމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައެވެ.
މިގޮތުނ،ް ރައްޔިތުންގެ މަޖިލިހުގައި އޮތް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައިސް ސާލިހު ވިދާޅުވެފައިވަނީ، ޓީޗަރުންގެ މުސާރައަށް މިގެނެވޭ ބަދަލާއެކު، ގުރޭޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެން ދާނެ ކަމަށެވެ. މިއީ %56ގެ ކުރިއެރުމެއް ކަމުގައި ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
ރައީސް ސާލިހުގެ ރިޔާސީ ބަޔާނުގައި، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ، ގައުމު ބިނާ ކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތެއް އަދާކުރަނީ ދަރިން ބިނާކުރާ އެނދުރުން ކަމުގައެވެ. އެހެންކަމުން އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދެއްކަމުގައި ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން ހަމަ އެދުވަހު، ފާއިތުވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭންގައި އެދާއިރާއަށް ވަޑައިގެން ސިއްޙީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވަނީ، ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެކަމާގުޅިގެން ނިންމަންޖެހޭ ކަންކަން މިއަހަރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. މަނައަކީ، ގަބޫލު ކުރެވޭ ގޮތުގައި، ސިއްޙީ ދާއިރާގެ މުވައްޒިފުންގެ މުސާރައަށް ގެނެސް ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވާ ކުރިއެރުން އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައެވެ. އެންމެ ގާތްކަން ބޮޑު ގޮތަކީ އަންނަ އަހަރުގެ ރިޔާސީ ބަޔާނުން މިކަން އިއުލާން ކުރެވިގެން ދިއުމެވެ.
ކޮންމެއަކަސް، ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާގެ މުވައްޒިފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އައުމުން، އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ސިވިލް ސާވިސްގެ މުވައްޒިފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒިފުންނަށް އޭގެ ހިންހަމަޖެހުން ލިބިގެންދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ޓީޗަރުންގެ މުސާރައަށް އައިސްފައިވާ ހެޔޮ ބަދަލަށް ބަލާއިރު، އަންނަ މޭމަހުން ފެށިގެން ގެންނާނޭކަމަށް ސަރުކަރުން ވައުދުވެފައިވާ ކުރިއެރުމަކީ އެވްރެޖް ގޮތެއްގައި ރަގަޅު މިންވަރުގެ ކުރިއެރުމެއްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް މިއީ މިވަގުތަށް ގިނަ އަދަދެއްގެ މުވައްޒިފުންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު ހިންހަމަޖެހުމެއްގެ ގޮތުގައި ސިފަ ކުރެވިގެން ދިޔަނަމަވެސް، އަދި ސަރުކާރުން ގެނެސްދެއްވި މި ހޮޔޮ ބަދަލު، އަންނަމުންދާ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއި އަޅާ ކިޔާލުމަކީ ކޮންމެހެންވެސް ލާޒިމް ކަމެއްކަމުގައި ދަންނަވަން ޖެހެއެވެ.
އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް! އިންފްލޭޝަން މައްޗަށް!
2019 ނިމި، 2020 ފެށިގެން ދިއުމާއެކު މުޅި ދުނިޔެ ކުރިމަތިލާންޖެހުނު ކޯވިޑް19ގެ ބަލިމަޑު ކަމަކީ، ފާއިތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ދުނިޔެ ބަރުދާސްތު ކުރަން ޖެހުނު އެންމެ ނުރައްކަތެރި އާލަމީ ވަބާއެވެ. ސިއްޙީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް މެއެވެ.
އަދި ސިއްޙީ މި ކާރިސާގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކުގެ އަސަރު ކުޑައެއް ބޮޑެއް ނެތި، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ވަނީ ތަހައްމަލް ކޮށްފައެވެ. މިގޮތުން، ވިޔަފާރިތައް ބަންދު ކުރަންޖެހި، އެތައް ބައެއްގެ ވަޒީފާ ގެއްލި، ލިބޭ އާމްދަނީ އަސަރުކޮށް، ރަށު ބަންދުގައި ތިބެންޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ގިނަ އާއިލަތަކުން އޭގެ ނިކަމެތިކަން އިންތިހާއަށް ބަރުދާސްތު ކޮށްފައި ވެއެވެ.
ހަމައެއާއިކު ފާހަގަ ކޮށްލަންޖެގޭ އަނެއްކަމަކީ، މުޅި ގައުމަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ގޮންޖެހުންތަކެވެ. ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން އަދި އެކާރިސާއިން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކުވެސް، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު، %29.3 އިން ކުޑަވެފައި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިއީ މީގެކުރިން ދުވަހަކުވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރެއް ނޫނެވެ.
އެހެންނަމަވެސް، އެއަށްފަހު ދުނިޔޭގައި ކޯވިޑް ވެކްސިން އާންމުވެ، މީހުން ބަލިވާ ނިސްބަތް ދަށަށް ގޮސް، ބޯޑަރުތައް ހުޅުވާ، އަދި ރާއްޖޭގެ ފަތުރުވެރިކަންވެސް ނަގާ ކޮޅަށް ޖަހުމަށް ސަރުކާރުން ކުރި މަސައްކަތްތަކާއެކު 2021ވަނަ އަހަރު ފާހަގަ ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި އިގްތިސާދީ ދާއިރާތަކަށް ކުރިއެރުން އައި އަހަރެއްގެ ގޮތުގައެވެ.
އެހެންނަމަވެސް، މުޅި ގައުމުގެ އިގްތިސާދަށް ހަގީގަތުގައި ހެޔޮ ބަދަލުތަކެއް އައިސްފައި ނުވާކަން ދަލީލުކޮށްދޭ އެންމެ ބޮޑު ހެއްކަކީ، ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ވަންދެން ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައި ނުވާ ނުވުމެވެ.
އަދި ސަރުކާރުން ޑޮލަރުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެކަމަށް ތަކުރާރުކޮށް ވައުދުވެ، އެހެންނަމަވެސް މިގޮތުން އަޅާ އިސްލާހީ ފިޔަޅެއް ނުފެނި، ޑޮލަރުގެ އަގަށް އައިސްފައިވާ ނުރަގަޅު ބަދަލާއި އެއް ނިސްބަތަކުން ތަކެއްޗާއި މުދަލުގެ އަގަށްވެސް ވަނީ އޭގެ ނުރަގަޅު އަސަރު ކޮށްފައެވެ. މާނައަކީ އިންފްލޭޝަން މައްޗަށް ގޮސް، އޭގެ އާޚިރު ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންގެ ކިބައިގައި ހުރި މުދާ ގަތުމުގެ ގާބިލްކަން (ބައިން ޕަވަރ) ދަށްވެ، މުޅި އިގްތިސާދުގެ ތެރެއިން މީގެ ނޭދެވޭ އަސަރު ފެންނާން ފަށާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، މުވައްޒިފުންގެ މުސާރައަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނައުމާއެކު، އިގްތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް މިއަދު އަޅަން މަޖުބޫރު ވެފައިވާ ކަމެވެ. ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެ، އެ ސިނާއަތަށް ލިބެމުންދާ ކުރި އެރުމަކީ ހިތަށް ލިބިގެންދާ ތަސައްލީއަކަށް ވެގެންދިޔަ ނަމަވެސް، މިތަސައްލީން ހިންހަމަ ޖައްސާލެވެން ނެތްކަމުގައި މިއަދު ގަބޫލުކުރަން ޖެހެއެވެ.
ތަކެތީގެ އަގު އުފުލިގެން ދިޔަނުދީ، ޑޮލަރުގެ އަގަށް އައިސްފައިވާ ނުރަގަޅު ބަދަލު ހެޔޮ ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މިއަދު މިވަނީ މަޖުބޫރު ވެގެން ގޮސްފައެވެ. އެހެން ނޫންކަމަށް ވާނަމަ، މުސާރަތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ، ވެންމަސް ވެނަށް ކާންދިނު ކަމުގައި ވެގެން ދިއުން އޮންނާނީ ވަރަށްވެސް ކައިރީގައެވެ.