އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްން

ޖޯ ބައިޑަންގެ 30 އަހަރުވީ ހުވަފެން

ޖޯ ބައިޑަންގެ 30 އަހަރުވީ ހުވަފެން

ޖޯ ބައިޑްން، 74، އަކީ އެމެރިކާގެ ޑިލަވަރ ސްޓޭޓުގެ ކުރީގެ ސެނެޓަރ އެވެ. އަދި އެމެރިކާގެ 47 ވަނަ ނާއިބު ރައީސެވެ. ބައިޑްން އެންމެ ފުރަތަމަ ފަހަރަށް އެމެރިކާގެ ނާއިބު ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރަނިންގ މޭޓެއްގެ ހައިސިއްޔަތުން 2008 ވަނަ އަހަރުއެވެ. އެއަށްފަހު ދެވަނަ ދައުރަކަށް ނާއިބު ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީ ރައީސް ބަރަކް އޮބާމާގެ ރައީސްކަމުގެ ދެވަނަ ދައުރަށް 2012 ވަނަ އަހަރުއެވެ.

ޖޯ ބައިޑްއަކީ މިހާރުގެ އެމެރިކާގެ އިންތިޚާބީ ރައީސެވެ. އަންނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ބައިޑްން މަގާމުގެ ހުވާ ކުރައްވާނީ އެމެރިކާގެ 46 ވަނަ ރައީސްގެ ހައިސިއްޔަތުންނެވެ.

ޖޯ ބައިޑްންއަކީ ކާކު؟

އެމެރިކާގެ ސިޔާސީ މަސްރަހާއި ގުޅިވަޑައިގަތުމުގެ ކުރިން ބައިޑްން މަސައްކަތް ކުރައްވާފަ ވަނީ ގާނުނީ ވަކީލެއްގެ ގޮތުގައެވެ. ބައިޑްއަކީ ޑެލިވާ ސްޓޭޓުން އެމެރިކާގެ ސެނެޓަސް އިންތިޚާބުވި 5 ވަނައަށް އެންމެ ހަގު ސެނެޓަރއެވެ. އަދި އެ ސްޓޭޓުގެ ތާރީޚުގައި އެންމެ ދިގު މުއްދަތެއް ވަންދެން އެސްޓޭޓުގެ ސެނެޓަރކަން ކުރެއްވި ބޭފުޅާވެސްމެއެވެ.

ބައިޑްން 2008 ވަނަ އަހަރުވެސް އެމެރިކާގެ ރައީސްކަމަށް ކުރިމަތި ލެއްވިއެވެ. އެހެންނަމަވެސް އެއަރުގެ ރިޔާސީ ޕްރައިމަރީގައި އެކަށީގެންވާ ތާއީދެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް، އޭރުގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ބަރަކް އޮބާމާ އޭނާގެ ރަނިންގ މޭޓުގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ޖޯ ބައިޑްންއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާ އޮބާމާގެ ދެދައުރުގައި އެމެރިކާގެ ނާއިބު ރައީސްކަން ކުރެއްވިއެވެ.

2017 ވަނަ އަހަރު، އޮބާމާއާއި ބައިޑްގެ ރިޔާސީ ދައުރު ނިމެމުން ދަނިކޮށް ރައީސް އޮބާމާ ބައިޑްންއަށް 'ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް’ގެ ލަގަބު އެރުވިއެވެ. މިއީ އެމެރިކާގެ ރައްޔިތަކަށް އެގައުމުގެ ސަރުކާރުން އަރުވާ ޚިދުމަތުގެ އެންމް ޝަރަފްވެރި ލަގަބެވެ.

ރައީސް އޮބާލާ ޖޯ ބައިޑްންއަށް ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އަރުވަނީ

އޭގެ ދެއަހަރުފަހުން ބައިޑްން އޭނާގެ ރިޔާސީ ކެމްޕޭން އިއުލާން ކުރެއްވިއެވެ. އަދި ޑިމޮކްރަޓީކް ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާ، އެމެރިކާގެ ރިޔާސީ އިންތިޚާބާއި ކުރިމަތި ލެއްވިއެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، މިއަދު ޖޯ ބައިޑްންއަކީ މިހާރުގެ އެމެރިކާގެ އިންތިޚާބީ ރައީސެވެ.

އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ބައިޑްން ވެރިކަމުގެ ހުވާ ކުރައްވާނީ އެމެރިކާގެ 46 ވަނަ ރައީސަކަށް ވެވަޑައިގަތުމަށެވެ.

ދިރި އުޅުއްވުމުގެ ކުރީގެކޮޅުގެ އަހަރުތައް

1942 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޖޯބައިޑަން، ޑެލިވާރ ސްޓޭޓުގެ ސެނެޓަށް އިންތިޚާބުވެ ވަޑައިގަތުމުގެވެސް މާކުރިން ދިރި އުޅުއްވާފައިވަނީ އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ތާޢީދު ބޮޑު ޕެންސިލްވޭނިއާގެ އިރު އުތުރުން އޮންނަ ސިޓީއެއްކަމުގައިވާ ސްރަންޓަންގައެވެ. ބައިޑްންގެ ބައްޕަ ޖޯސެފް ބައިޑްން ދިރި އުޅުމަށްޓަކާ ކުރެއްވި މަސައްކަތަކީ ހޫނުކުރުމަށް ބޭނުންކުރާ ފާރނޭންސް ސިސްޓަމްތައް ސާފުކޮށް ބެލެހެއްޓުމުގެ މައްސައްކަތެވެ. އަދި މީގެ އިތުރުން ބޭނުންކޮށްފައި ހުންނަ ކާރުތައް ވިއްކާ މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މަންމާފުޅުގެ ނަމަކީ ކެތުރިން އެޖީނިއާ ޖީން ފިނެގަންއެވެ.

ޖޯ ބައިޑްން މަންމާފުޅާ އެކީގައި

މައިންބަފައިންގެ ފަރާތުން އޭނާ ވާރުތަވެފައިވާ އެންމެ މުހިންމު ސިފަތަކެއްގެ ގޮތުގައި ބައިޑްން ސިފަކުރައްވާފައި ވަނީ، ޖެހިލުން ކުޑަވުމާއި، އަދި ކިތަންމެ އުދަގޫ ހާލަތެއް މެދުވެރި ވިޔަސް އެއްގޮތެއްގައި ދެމިހުންނެވުމެވެ.

ބައްޕާފުޅު އެންމެ ގިނައިންި ދެއްވާ ނަސޭހަތެއްކަމަށް ބައިޑްން އެންމެ ބޮޑަށް ހަދާންހުންނަ ކަމެއްކަމަށް ވިދާޅުވާ ޖުމްލައަކީ މިއެވެ. "މީހަކު ވަޒަން ކުރުމުގައި ބަަލަންވާނީ އޭނާއަށް ނާކާމިޔާބުވެ އިދަޖެހިގެން ދިޔައީ ކިތައް ފަހަރުތޯއެއް ނޫނެވެ. ވަޒަންކުރަން ވާނީ ވެއްޓުނީމަ އަނެއްކާވެސް ތެދުވެގަންނަނީ ކިހާ އަވަހަކަށްތޯ ބަލައިގެންނެވެ".

ބައިޑްން ވިދާޅުވާ ގޮތުގައި އޭނާ ދިރިއުޅުނު އަވަށުގަ އޭނާއަށްވުރެ ދޮށީ ކުދިން ދިމާކޮށް ބުލީކުރީމަ ހާސްކަންމަތީ ހުރެގެން ބައެއް ދުވަސްދުވަހު ގެއަށް އަންނަން ޖެހެއެވެ. އަދި މިންޒަރުފެނި އޭނާގެ މަންމަ ބުނާކަމަށް ޖޯބައިޑަން ވިދާލުވަނީ "ދިމާ ކުރާ ކުއްޖާގެ ނޭފަތުން ލޭ ދުއްވާލީމަ ހަޖެހިގެން މާދަމާ މަގުމަތީގަ ހިގާލެވިދާނެ" ކަމަށެވެ.

ބައިޑްން އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވީ ޕެންސިލްވޭނިއާގެ ސްރަންޓަންގެ ސެއިންޓް ޕައުލްސް އެލެމެންޓްރީ ސްކޫލުންނެވެ. 1955 ވަނަ އަހަރު، އުމުރު އެންމެ 13 އަހަރުގައި ބައިޑްގެ މައިންބަފައިން ޑެލަވާރގެ މޭފީލްޑަށް އެނާ ބަދަލު ކުރިއެވެ. ޑެލަވާރ ސްޓޭޓަކީ އޭރު ބާރަށް ތަރައްގީވަމުން އައި މެދުފަންތީގެ ސިޓީއެކެވެ.

ބައިޑްން ކުޑަރިއިރު ވާހަކަ ދެއްކުމުގައި އާގަންނަ ގޮތެއް ހުންނަ ކަމަށް އޭނާ ވިދާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން އެކުވެރި ކުދިން، ވާހަކަ ދެއްކުމުގައި ހުންނަ ލަސްކަމަށް ނިސްބަތްކޮށް "ޑޭޝް" އަދި 'ޖޯ އިމްޕެޑިމެންޓާ" ވަނަމެއްގެ ގޮތުަގއި އޭނާއަށް ކިޔާކަމަށް ބައިޑްން ވިދާޅުވެއެވެ.

ވާހަކަދެއްކުމުގައި ހުރި އާގަތުމަށް ބައިޑް އަމިއްލަ ފުޅަށް ފަރުވާ ހޯއްދެވީ ދިގުކޮށް ލިޔެފައިހުންނަ  ޅެންތައް ހިތުދަސްކޮށް މޫނުބަލާ ލޯގަޑު ކުރިމަތީ ހުންނަވައިގެން އަޑުހަރުކޮށް ޅެންބައިތުތައް ވިދާޅުވެގެންނެވެ.

މަޝްހޫރު އާކްމިއަރ އެކަޑަމީން ޖާގަ ލިބިވަޑައިގަންނަވަންދެން ބައިޑް ކަޔަވާ ވިދާޅުވީ ސެއިންޓް ހެލެނާ ނަމަކަށް ކިޔާ ސްކޫލެއްގައެވެ.

އާކްމިއަރ އެކަޑަމީ ސްކޫލުން ޖާގަލިބުނު ކަމުގައިވި ނަމަވެސް، ސްކޫލުގައި ކިޔަވާ ވިދާޅުވިއިރު، ސްކޫލުގެ ފީދެއްކުމަށް ބައިޑްންގެ އާއިލާގެ ތަނަވަސްކަން ތަންނުދޭތީ ބައިޑްންއަށް ޖެހިވަޑައިތީ ސްކޫލުގެ ކުޑަދޮރުތައް ސާފުކުރުމަށާއި އަދި ސްކޫލުގެ ބޭރުން ވަށައިގެން އޮންނަ ސަރަހައްދުގެ ވިނަތައް ނޮޅާ ސާފުކުރުމަށެވެ. ބައިޑްން ވިދާޅުވާ ގޮތުގައި މިސްކޫލަށް ވެންނެވުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން، މިސްކޫލުން ޖާގަ ހޯދުން ވެގެންދިޔައީ ބައިޑްންގެ ހިތުގެ އެންމެ ފުންމިނުގައި ބިންވަޅުނެގިފައިވީ ކަމަކަށެވެ.

އާކްމިއަރ އެކަޑަމީ ސްކޫލްގައި ޒިންމާދާރު ކިޔަވާ ކުއްޖަކަށް ބައިޑްން ވެވަޑައިގަތެވެ. އަދި އިސްކޮޅުން ކުރު ދަރިވަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވި ނަމަވެސް، ބައިޑްން ފަސޭހަކަމާއިއެކު ސްކޫލުގެ ފުޓު ބޯޅަ ޓީމުން ޖާގަ ހޯއްދެވިއެވެ. އޭރު ބައިޑްން ކުޅުއްވި ސްކޫލް ޓީމުގެ ކޯޗު ފަހުން ބުނެފައިވަނީ އޭނާ ހަނދާންވާ ގޮތުގައި، ބައިޑްންއަކީ އޭރު ވަރަށް ހިކިކޮށް ހުންނަ ކުއްޖެކެވެ. އަދި ބުނެފައިވަނީ ބައިޑްއަކީ އެކޯޗުގެ 16 އަހަރުގެ ކުޅިވަރު ހަޔާތުގައި ފެނުން، ބޯޅަ ޕާސްކުރުމަށް އެންމެ ފަރިތަ ކުޅުންތެރިޔާ ކަމުގައެވެ.

އާކްމިއަރ އެކަޑަމީ ސްކޫލްއިން ބައިޑްން ގްރޭޖުއޭޓް ވެވަޑައިގަތީ 1961 ވަނަ އަހަރުއެވެ.

ކޮލެޖަށް ވަޑައިގަތުމާއި، ކައިވެނި ބައްލަވާގަތުމާއި އަދި ލޯ ސްކޫލަށް ވަޑައިގަތުން

ބައިޑްންގެ ޔުނިވަރސިޓީ ހަޔާތް ފެއްޓެވީ ޑެލާވަރގައި ދިރިއުޅުއްވި ހިސާބު ކައިރީގައި ހުންނަ ޑެލާވަރ ޔުނިވަސިޓީންނެވެ. އެ ޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވީ ތާރީޚާއި ޕޮލިޓިކަލް ސައިންސެގެ ދާއިރާއިންނެވެ. އޭގެ އިތުރުން ދެން ކުޅުއްވީ ފުޓް ބޯޅައެވެ. ފަހުން ބައިޑްން އެއްބަސް ވެވަޑައިގެންފައިވާ ގޮތުގައި، ކޮލެޖުގައި ކިޔަވާ ވިދާޅުވި ފުރަތަމަ ދެއަހަރު ބޮޑަށް ވަގުތު ހޭދަކުރެއްވިފައި ވަނީ ކިޔެވުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ފުޓު ބޯޅަ ކުޅުއްވުމާއި، އަންހެން ކުދިންނާއިއެކު ޕާޓީ ކުރެއްވުމުގައެވެ.

އެހެންނަމަވެސް ހަމަ މިދުވަސްވަރު، ބައިޑްގެ ހިތްޕުޅުގައި ސިޔާސީ ކަންކަމަށް ޝައުގުވެރިކަން އުފެދިގެންވެސް ދިޔައެވެ. އަދި 1961 ވަނަ އަހަރު އެގައުމުގެ ކުރީގެ ރައީސް ޖޯން އޮފް ކެނެޑީ ރައީސްކަމުގެ ހުވާ ކުރުއްވުމުގެ ރަސްމިއްޔާތުގައި ދެއްވި އިފްތިތާޙީ ޚިތާބު އަޑުއައްސަވާފަ، ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަންވެސް ހިތްޕުޅުގައި އުފެދިގެން ދިޔައެވެ.

ކޮލެޖުގައި ޖޫނިއަރ ދަރިވަރެއްގެ ގޮތުގައި ކިޔާވާވިދާޅުވަމުން ގެންދެވިއިރު، އެއް އަހަރެއްގެ ސްޕްރިންގް ޗުއްޓީގަ ބައިޑްން އެމެރިކާގެ ބަހާމާސްއަށް ކުރި ދަތުރެއްގައި އެސިޓީގެ ސިރަކިއުސް ޔުނިވަރސިޓީގެ، ނީލިއާ ހަންޓާރ ނަމަކަށް ކިޔާ ޔުނިވަރސިޓީގެ ދަރިވަރަކާ ބައްދަލުވިއެވެ. އަދި މިކުއްޖާ ދެކެ، ބައިޑްންގެ އަމިއްލްފުޅު އިބާރާތުންނަމަ، 'ފުތަމަ ބެލުމުން ވެސް ލޯބި ވެވިއްޖެ" އެވެ.

އަލަތު ލޯބިވެރިޔާ ބައިޑްން ސިފަ ކުރެއްވީ އެނާގެ ތަޢުލީމަށް ވަރަށް ހިތްވަރު ދެއްވި ކުއްޖެއްގެ ގޮތުގައެވެ. ނަތިޖާއެެއްގެ ގޮތުން ބައިޑްންއަށް ވަރަށް ބޮޑަށް ކިޔެވުުގެ ތެރެއަށް ވަދެވުނެވެ. އަދި 1965 ވަނަ އަހަރު ޑެލަވަރ ޔުނިވަރސިޓީން ގްރޭޖުއޭޓް ވުމާއިއެކު، ބައިޑްންގެ އަލަތު ލޯބިވެރިޔާ ކިޔަވަމުން ގެންދިޔަ، ބަހާމާސްގެ ސިރަކިއުސް ޔުނިވަރސިޓީގެ ލޯ ސްކޫލަށް ވެދެވަޑައި ގެންނެވިއެވެ. އަދި 1966 ވަނަ އަހަރު ބައިޑްންއާއި ހަންޓަރ ކައިވެނި ބައްލަވައިގަތެވެ.

ޖޯ ބައިޑްން ފުރަތަމަ އަބިކަބަލުން ނީލިއާ ހަންޓާއާއި ދަރިކަލުން ބޯ އަދި ހަންޓާ ބައިޑްންއާއެކު

ޔުނިވަރސިޓީގައި ބައިޑްން ފާހަގަވެގެން ދިޔައީ އެންމެ ތޫނުފިލި ނޫންނަމަވެސް މެދުމިނުގެ ގާނޫނު ކިޔަވާ ދަރިވަރެއްގެ ގޮތުގައެވެ. މިގޮތުން ސިރަކިއުސް ޔުނިވަރސިޓީގެ ފުރަތަމަ އަހަރު ގާނޫނީ ލިޔުންތަކުގެ ރިވިވްއެއް ލިޔުއްވިއިރު ރަގަަޅަށް ރެފަރެންސް ނުޖައްސަވާއިގެން ފެއިލް ވެވަޑައިގަތެވެ. އަދި މިއީ އޮޅިގެން ހެއްދެވުނު ގޯހެއްކަމުގައި ޔުނިވަރސިޓީގައި ބައިޑްން ފަހުން ރިޕޯޓު ކުރެއްވިނަމަވެސް، ފުރަތަމަ އަހަރު ފެއިލް ވެވަޑައިގަތް ގަތުމުގެ އަސަރު ބައިޑްގެ މުޅި ކެރިއަރަށް ކޮށްފައި ވެއެވެ.

ސިޔާސީ ހަޔާތަށް ވެންނެވުން

1968 ވަނަ އަހަރު ލޯ ސްކޫލުން ގްރޭޖުއޭޓް ވެވަޑައިގަތުމާއެކު، ބައިޑްން އަނެއްކާވެސް، ކުރިންވެސް ދިރިއުޅުއްވި ސިޓީ ކަމުގައިވާ ޑެލަވާރގެ ވިލްމިންގްޓަން އަވަށަށް ބަދަލުވެ ވަޑައިގެންނެވިއެވެ. އަދި އެވަށުގައި ހުންނަވައިގެން ލޯފާމަކާއި ގުޅިވަޑައިގެން ގާނޫނީ ވަކީލުކަން ކުރައްވަން ފެއްޓެވިއެވެ. އަދި އެދުވަސްވަރު ބައިޑްން ޑިމޮކްރަޓިކް ޕާޓީގެ ވަރަށް ހަރަކާތްތެރިި މެމްބަރަކަށް ވެވަޑައިގަތެވެ. މިގޮތުން 1970 ވަނަ އަހަރު އެ އަވަށުގެ ނިއު ކާސަލް ކައުންޓީ ކައުންސިލަށް އިންތިޚާބު ވެވަޑައިގަތެވެ. އަދި 1971 ވަނަ އަހަރު އަމިއްލަފުޅު ލޯ ފާމެއް އުފެއްދެވިއެވެ.

އަމިއްލަފުޅު ލޯފާމެއް އުފައްދަވާ، ގާނޫނީ ވަކީލުކަން ކުރެއްވުމުގައި ވަރަށް ބުރަކޮށް ބައިޑްންއަށް އުޅުއްވަން ޖެހިވަޑައިގަތެވެ. އަދި އާމްދަނީ ހޯއްދެވުމަށް ޕްރޮފެޝަނަލް މަސައްކަތެއްގައި އުޅުއްވަމުން ދިރިއުޅުން ބައްޓަން ކުރެއްވުމާއިއެކު، ބައިޑްން އަމިއްލަ އާއިލާ ބިނާކުރެއްވުމުގެ މައްސައްކަތްވެސް ގެންދެވީ ކުރައްވަމުންނެވެ.

މިގޮތުން މިދުވަސްތަކުގައި ބައިޑްންއަށް ތިން ކުދިން ލިބި ވަަޑައިގަތެވެ. އެއީ 1969ގައި ލިބި ވަޑައިގެންނެވި ޖޯސެފް ބައިޑްންIII އާއި، 1970ގައި ލިބި ވަޑައިގެންނެވި ހަންޓަރ ބައިޑްން އާއި އަދ 1971ގައި އުފަންވި ނޯމީ ބައިޑްންއެވެ.

1972 ވަނަ އަހަރު، ޑިމޮކްރަޓިކް ޕާޓީގެ ޑެލިވާރ ގޮފިން، 29 އަހަރުގެ ބައިޑްން، އޭރު އެސިޓީގެ ސެނެޓްގެ ގޮޑި ފުރުއްވަމުން ގެންދެވި ރިޕަބްލިކަން ޕާޓީގެ ސެނެޓަރ، އަދި ޑެލެވަރ ސިޓީގައި ނުހަރު ތާއީދު ބޮޑު ކެލެބް ބޮގްސްއާއި ވާދަކުރުމަށް ހިތްވަރު ދެއްވިއެވެ.

ޕާޓީގެ ހުށަހެޅުމާއިމެދު މާ ފުންކޮށް ވިސްނެވުމަކާ ނުލާ، އަދި ލިބިލެއްވި ފުރުސަތު ނަންގަވާ ނުލައްވާ، ބައިޑްން ކެލެބް ބޮގްސްއާއި ވާދަކުރައްވާ ވަރަށް ބުރަ ކެމްޕޭނެއް ކުރެއްވިއެވެ. މިކެމްޕޭންގައި މުޅިންހެން ކަހަލަ ގޮތަކަށް ބައިޑްންއަށް މަސައްކަތް ކޮށްދެއްވީ އާއިލާގެ ގާތްތިމާގެ މީހުންނެވެ. މިގޮތުން މި ކެމްޕޭންގައި ކެމްޕޭން މެނޭޖަރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވީ ބައިޑްގެ ދައްތަ ވެލެރީ ބައިޑްން އޯވެންސްއެވެ. އަދި ބައިޑްގެ މަންމައާއި ބައްޕަ ކެމްޕެއިން ނިމެންދެން އެންމެ ދުވަހެއްވެސް ދޫކޮށްނުލާ، ކޮންމެ ދުހަވަކުހެން ގެންދެވީ ބައިޑްންއަށް ކެމްޕޭން ކޮށްދެއްވަމުންނެވެ.

1972 ވަނަ އަހަރުގެ ސެނެޓް އިންތިޚާބުގެ ކެމްޕޭންގައި ބައިޑްން ވާހަކަ ދައްކަވަނީ

ވަރަށް ވާދަވެރިކޮށް ދިޔަ އެއިންތިޚާބުގައި ކެލެބް ބޮގްސް ބަލިކޮށް އެއަހަރުގެ ނޮވެމްބަރު މަހު ބައިޑްން ސެނެޓްގެ ގޮޑި ކާމިޔާބު ކުރައްވާ، ފުރަތަމަ ފަހަރަށް އެމެރިކާގެ ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންނެވިއެވެ. ބައިޑްން ވެވަޑައިގެންފައި ވަނީ، އެމެރިކާ ތާރީޚުގައި އެމެރިކާގެ ސެނެޓަށް އިންތިޚާބު ވެވަޑައިގެންނެވި ފަސްވަނައަށް އެންމެ ހަގު ސެނެޓަރުގެ ގޮތުގައެވެ.

އާއިލާއަށް ކުރިމަތި ވެވަޑައިގެންނެވި ހިތާމަ

ޖޯ ބައިޑްން ދެކެވަޑައިގެންނެވި ހުވަފެންތައް ހަގީގަތަކަށް ވެގެންދިޔަ ފަދައިން، ބައިޑްގެ އާއިލާ ވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ހިތާމަތަކާވެސް ކުރިމަތިލާފައެވެ.

1972 ވަނަ އަހަރުގެ ކްރިސްމަސްގެ ކުރިން، ކްރިސްމަސް ގައެއް ބައްލަވައިގަންނަވަން ސޮޕިންއަށް ވަޑައިގެން އުޅުއްވަނިކޮށް، އޭރުގެ އަބިކަބަލުންނާއި ތިން ދަރިކަލުން ވަރަށް ބޮޑު އެކްސިޑެންޓެއް ވިއެވެ. މި އެކްސިޑެންޓުގައި ބައިޑްންގެ އަބިކަބަލުންނާއި ދަރިކަބަލުން އަވަހާރަވިއެވެ. އަދި ދެ ފިރިހެން ދަރިކަލުން ކަމުގައިވާ ބޯ އަދި ހަންޓަރ ވަރަށް ބޮޑަށް ޒަޚަމްވިއެވެ. ބައިޑްން ފަހުން ވިދާޅުވެފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާއިން ލިބިވަޑައިގެންނެވި ފުން ހިތާމާގައި އަމިއްލައަށް ދަންޖެހި މަރުވާންވެސް ހިތްޕުޅަށް އަރާވަޑައިގަތެވެ.

ބައިޑްން ވިދާޅުވެފައި ވަނީ މިހާދިސާއަށްފަހު، ލިބޭ ފުން ހިތާމަތަކުން މީހުން ދަންޖެހި މަރުވަނީ ކީއްވެގެންކަން ވަރަށް ރަގަޅަށް އިހުސާސްވިއެވެ. އަދި ވިދާޅުވެފައިވަނީ، އިހުސާސް ކުރެއްވުނީ އެއީ ހެއްދެވިފަރާތުން އޭނާއާއި ކުރިމަތި ކުރެއްވި ވަރަށްބޮޑު އިމްތިހާނެއްކަމުގައެވެ.

ކޮންމެއަކަސް، މި ހިތާމަވެރި ހާދިސާއަށްފަހު، އެމެރިކާގެ ސެނެޓުގައި އިތުރަށް މަސައްކަތް ނުކުރައްވަން ހިތްޕުޅަށް އަރާވަޑައިގަތެވެ. އެހެންނަމަވެސް، އާއިލާގެ އެހީތެރިކަމާ އަދި ހިތްވަރު ދިނުމާއެކު، ފަހުން ނިންމެވީ އެމެރިކާގެ ސެނެޓުގައި ޑެލަވާރގެ ރައްޔިތުން ތަމްސީލު ކުރެއްވުމުގައި ކުރިޔަށް ވަޑައިގެންނެވުމަށެވެ. އަދި މިހާދިސާއާއި ގުޅިގެން، އެމެރިކާގެ ވޮޝިންގޓަންގައި އޮތް އާ ސެނެޓަރުން ހުވާކުރުމުގެ ރަސްމިއްޔާތަށްވެސް ބައިޑްން ވަޑައެއް ނުގަންނަވައެވެ. މީގެ ބަދަލުގައި ބައިޑްން މަގާމުގެ ހުވާކުރެއްވީ އެކްސިޑެންޓަށްފަހު، ދަރިފުޅު އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަޕް ކޮޓަރީގައި ހުންނަވައިގެންނެވެ.

ދަރިފުޅު ބޯ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތްއިރު، ކައިރީގައި ހުންނަވައިގެން، ވިލްމިންގޓަން ހޮސްޕިޓަލުގައި ބައިޑްން ސެނެޓަރކަމުގެ ހުވާ ކުރައްވަނީ

އަދި ބައިޑްންގެ ދަރިފުޅާއެކީ ވީހާވެސް ގިނަ ވަގުތު ހޭދަކުރެވުމުގެ ބޭނުނުމުގައި، ސެނެޓުގައި މަސައްކަތް ކުރައްވަން ނިންމެވީ ވިލިންގޓަންގައި ދިރިއުޅުއްވަމުންނެވެ. އަދި ކޮންމެ ދުވަހަކު ސެނެޓަށް ވަޑައިގަންނަވަނީ ވިލިންގޓަންއިން ވޮޝިންގޓަނަށް ރޭލުގައި ދަތުރު ކުރައްވައިގެންނެވެ. މިއީ ކޮންމެ ދުވަހަކު ކޮޅަކަށް ގާތްގަޑަކަށް ދޮޅު ގަޑިއިރުގެ ދިގު ދަތުރެކެވެ. ބައިޑްން ސެނެޓުގައި ހޭދަކުރެއްވި ދިގުމުއްދަތުގައި ސެނެޓުގައި މަސައްކަތް ކުރައްވާފައިވަނީ، ހަމަ މިގޮތަށް ވިލްމިންގޓަންއާއި ވޮޝިންގޓަންއާއި ދެމެދު ރޭލުގައި ދަތުރު ކުރައްވައިގެންނެވެ.

ސެނެޓުގައި ހޭދަ ކުރެއްވި މުއްދަތު

1973 އިން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ބައިޑްން ވަނީ އެމެރިކާގެ ސެނެޓުގައި މަސައްކަތް ކުރައްވާފައެވެ. ސެނެޓުގައި ހޭދަކުރެއްވި މުއްދަތުގައި ބައިޑްވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ބެހޭ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ގިނަ ބައެއްގެ ރުހުމާއި އިޙުތިރާމް ހޯއްދަވާފައެވެ.

މިގޮތުން ސެނެޓުގައި މަސައްކަތް ކުރެއްވި ދިގު މުއްދަތުގައި ބައިޑްންވަނީ ގިނަ އަހަރުތަކެއް ވަންދެން ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރަމަނެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ. މިގޮތުން ފޮރިންގ ޕޮލިސީއާއި ގުޅުންހުރި ގިނަ މަގާމްތަކެއް އަދާކުރައްވަމުން ބައިޑްން ވަކާލާތު ކުރެއްވި ކަންކަމުގެ ތެރޭގައި، ސޯވިއެޓް ޔޫނިއަންއާއިއެކު ސްޓްރަޓީޖިކް އާމްސް ލިމިޓޭޝަންގެ އެއްބަސްވުމެއް އެކުލަވާލުމަށް ވަކާލަތު ކުރެއްވުމާއި، ބަލްކަންސް ސަރަހައްދުގައި ސުލްހަ ގާއިމްކުރުމަށް ކުރެއްވި މަސައްކަތްތަކާއި އަދި މީގެ އިތުރުން ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތައް ނޭޓޯގައި ހިމަނާ އެޖަމްއިއްޔާގެ ދައުރު ފުޅާކުރުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކު އިތުރުން، ސީނިއަރ ބުޝްގެ ދައުރުގައި ކުރެވިގެން ދިޔަ ގަލްފު ހަގުރާމައަށް ފާޅުގައި ދެކޮޅު ހެއްދެވުންވެސް ހިމެނެއެވެ.

އަދި އޭގެފަހުން، ސެނެޓުގައި ހޭދަކުރެއްވި ފަހުގެ އަހަރުތަކުގެ ތެރޭގައި ބައިޑްން ވަނީ ސޫދާންގެ ދަރުފޫރުގައި ހިންގި ގަތުލު އާންމު ހުއްޓުވުމަށް އެމެރިކާއިން ފިޔަވަޅު އަޅަންޖެހޭކަމަށް ވަރަށް ބޮޑަށް ވަލާތު ކުރައްވާފައެވެ. އަދި މީގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދައުރުގައި ކުރެވުނު އީރާގް ހަގުރާމައާއި ބައިޑްން ދެކޮޅު ހެއްދެވިއެވެ. އަދި 2007 ވަނަ އަހަރު އިރާގަށް އިތުރަށް އެމެރިކާ ސިފައިން ފޮނުވުމަށް އޭރުގެ ސަރުކާރުން ނިންމި ނިންމުމާވެސް ބައިޑަން ވަނީ ދެކޮޅު ހައްދަވާފައެވެ.

ސެނެޓުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމަށް ބައިޑްން ކުރެއްވި މަސައްކަތްތަކުގެ އިތުރުން ބައިޑްން ފާހަގަވެގެން ދިޔައީ، އެމެރިކާގައި ކުށްކުރުން ހުއްޓުވުމަށް ހަރުކަށި ގާނޫނުތައް އެކުލަވާލަންޖެހޭ ކަމަށް ވަކާލާތުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ބައިޑްން ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގައި

1987 ވަނަ އަހަރު، އޭރުގެ ރައީސް އެމެރިކާގެ ސުޕްރީމް ކޯޓަށް ނަން ހުށަހެޅުއްވި ރޮބަރޓް ބޯކްސްއަށް ސުޕްރީމް ކޯޓުގެ ރުހުން ނުލިބި ދިޔައީ، އޭރު ސެނެޓުގެ ޖުޑިޝިއަރީ ކޮމީޓީގެ ޗެއަމަނެއްގެ ހައިސިއްތުން އިންނަވައިގެން ބައިޑްން ރޮބަރޓް ބޯކްސްއާއި ކުރިމަތި ކުރެއްވި ހަރުކަށި ސުވާލުތަކުގެ ސަބަބުން ކަމުގައި ބުނެވެއެވެ. 1994 ވަނަ އަހަރު، އަހަރު ބައިޑްން ވަނީ ސެނެޓަށް ހުށަހެޅުނު 'ދަ ވަޔަލެންޓް ކްރައިމް ކޮންޓްރޯލް އެންޑް ލޯ އެންފޯސްމަންޓް އެކްޓް' ސްޕޮންސަރ ކުރައްވާފައެވެ. މި ގާނޫނު ވުޖޫދުވެގެން އައި އައުމުގެ ނަތީޖާއެއްގެ ގޮތުން 100،000 ޕޮލިސް އޮފިސަރުންނަށް އިތުރަށް ވަޒީފާ ލިބި އަދި ކުށްކުރާ ފަރާތްތަކާއި ދެކޮޅަށް އިއްވޭ ހުކުމްތަކުގެ މުއްދަތު އެތައް ގުނައަކުން އިތުރުވެގެން ދިޔައެވެ.

ރައީސް ކަމަށް ކުރެއްވި އުއްމީދުތައް

1987 ވަނަ އަހަރާއި ހަމައަށް އައިއިރު ބައިޑްން ހިމެނި ވަޑައިގެންފައި ވަނީ ސެނެޓުގައި ހުންނެވި، ޑިމޮކްރަޓިކް ޕާޓީގެ އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން ބައިޑްންވަނީ އެއަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ.

1987 ވަނަ އަހަރުގެ ބައިޑްގެ ރިޔާސީ ކެމްޕޭންގެ ތެރެއިން

އެހެންނަމަވެސް، ކަންދިމާކުރި ގޮތުން، އެއަހަރުގެ ޑިމޮކްރަޓިކް ޕާޓީގެ ޕަރައިމަރީން ބައިޑްން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ކެމްޕޭންގައި ދެއްކެވި ވާހަކައެއް، އެހެން މީހަކު ދައްކަވާފައިވާ ވާހަކައެއް ކޮޕީ ކުރައްވައިގެން ދެއްކެވިކަމަށް ކުރެވިގެންދިޔަ ތުހުމަތު ތަކާއި ގުޅިގެންނެވެ.

އެއަހަރުގެ ކެމްޕޭންގެ ތެރޭގައި އާދަޔާއި ޚިލާފަށް ބޮލުގަ ރިހޭކަމުގެ އިހުސާސްތައް ބައިޑްންއަށް ކުރެއްވުނެވެ. އެހެންކަމުން، ޕްރައިމަރީއަށް އަލްވަދާއު ކިޔުއްވާ، ކެމްޕޭން ހުއްޓަވާލެއްވުމާއިއެކު، 1988 ވަނައަހަރު ސިއްޙީ މިމައްސަލައިގެ އަސްލަކީ ކޮބައިތޯ ބައިޑްން ބެއްލެވިއެވެ. އަދި މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖައެއްގެ ގޮތުން، ފުރާނައަށް ނުރައްކަވާފަދަ ސިކުޑީގެ މައްސަލައަކާ ބައިޑްން ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވާކަން ޑޮކްޓަރުންނަ ހޯދުނެވެ. މިގޮތުން ބައިޑްންގެ ސިކުޑީގެ އޮޕަރޭޝަނެއް ކުރެވުނެވެ. މި އޮޕްރޭޝަންގެ ސަބަބުން ކުރިމަތިވި މައްސަލަތަކެއްގެ ނަތީޖާއެއްގެ ގޮތުން ބައިޑްންގެ ފުއްޕާ މޭގަ ލޭ ގަޑުގަތުމުގެ މައްސަލަ ކުރިމަތިވިއެވެ. އަދި، އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ އޮޕްރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތެވެ.

މި ބޮޑު ދެ އޮޕަރޭޝަނަށްފަހު، ހިތްވަރު ކުރައްވާ، 7 މަސްދުވަހުގެ ފަރުވާއަށްފަހު އަނެއްކާވެސް ބައިޑްން އެމެރިކާގެ ސެނެޓަށް ވަޑައިގެންނެވިއެވެ.

އެމެރިކާގެ ނައިބު ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތުން

އެންމެ ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސްކަމަށް ވާދަ ކުރެއްވިތާ 20 އަހަރުފަހުން، 2007 ވަނަ އަހަރު ބައިޑްން އަނެއްކާވެސް އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމަށް ނިންމެވިއެވެ.

އެމެރިކާގެ ސެނެޓުގައި އެތަކެއް އަހަރުތަކެއް ވަންދެން ގައުމަށް ޚިދުމަތް ކުރައްވާ، އެތަކެއް ތަޖުރިބާތަކެއް ޙާސިލް ކުރައްވާފައިވި ނަމަވެސް، 2007 ވަނަ އަހަރު ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި، އޮބާމާއާއި ހިލަރީ ކުލިންޓަންގެ ވާދަވެރިކަމުގެ ތެރޭގައި، އެކަށީގެންވާ ތާއީދެއް އުފެއްދުމުގެ ޖާގަ ބައިޑްންއަށް ލިބިވަޑައި ނުގެންނެވިއެވެ.

ޕްރައިމަރީގައި، ވާދަވެރިކޮށް ދިޔަ، އައޯވާ ކޯކަސަސްގެ ނަތީޖާއިން %1 އަށްވުރެ ދަށް ނަތީޖާއެއް ލިބިވަޑައިގެންނެވުމާއެކު، ބައިޑްން ޕްރައިމަރީއަށް އަލްވަދާއު ކިއެވެ.

އޭގެ އެތައްމަހެއް ފަހުން، އޮބާމާއާއި ހިލަރީ ކުލިންޓަންގެ ވާދަވެރި ޕްރައިމަރީގެ އިންތިޚާބަށްފަހު، ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އޮބާމާއެވެ. އޮބާމާ އޭނާގެ ރަނިންގ މޭޓެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ޖޯ ބައިޑްންއެވެ. އަދި ދެބޭފުޅުން އެކީގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނިކުމެ ވަޑައިގެންނެވިއެވެ.

މި ކެމްޕޭންގައި، އެމެރިކާގެ މައްސައްކަތްރިންގެ ތެރޭގައި ބައިޑްންއަށް އޮންނަ ބޮޑު ތާޢީދުގެ ބޭނުންކޮށް، އެމެރިކާގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް އޮބާމާ ރާއްވަވާފައިވާ ސިޔާސަތުތައް ވަރަށް ފުރިހަމަށް އޮހާއޯ އަދި ޕެންސެލްވީނިއާ ފަދަ ރިޕްލިކަން ޕާޓީގެ ތާޢީދު އޮންނަ މުހިންމު ސްޓޭޓްތަކާއި ހަމައަށް ފޯރުކޮށްދެވިގެން ދިޔައެވެ.

2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު، އޮބާމާއާއި ބައިޑްން، އެ ދެބޭފުޅުންނާއި ވާދަކުރި އޭރުގެ އެރިޒޯނާގެ ސެނެޓަރ ޖޯން މެކެއިންއާއި އޭނާގެ ރަނިންގ މޭޓު އަދި އަލަސްކާގެ ގަވަރުނަރު ސާރާ ޕާލިން ބަލި ކުރައްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އަދި 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު، އެމެރިކާގެ 44 ވަނަ ރައީސެއްގެ ހައިސިއްޔަތުން އޮބާމާ ރައީސްކަމުގެ ހުވާ ކުރެއްވިއެވެ. އަދި 47 ވަނަ ނާއިބު ރައީސްގެ ހައިސިއްޔަތުން ބައިޑްން ނާއިބު ރައީސްކަމުގެ ހުވާ ކުރެއްވިއެވެ.

ބައިޑްން އެމެރިކާގެ ނާއިބު ރައީސްކަމުގެ ހުވާ ކުރައްވަނީ

ނާއިބު ރައީސްކަމުގެ ފުރަތަމަ ދައުރުގައި، މައިގަޑު ގޮތެއްގައި ބައިޑްން މަސައްކަތް ކުރައްވާފައިވަނީ ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން، ބޮޑަށް ރައީސް އޮބާމާގެ އެޑްވައިޒަރެއްގެ ހައިސިއްޔަތުންނެވެ. އެހެންނަމަވެސް، އޭރު އީރާގް އަދި އަފްއާނިސްތާނާއި ގުޅުންހުރި އެމެރިކާގެ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ބައިޑްން އަމަލީގޮތުން މުހިންމު ދައުރެއް އަދާކުރެއްވިއެވެ. 2010 ވަނަ އަހަރު، ނާއިބު ރައީސްގެ ހައިސިއްޔަތުން، އަދި އެމެރިކާގެ ސެނެޓާއި ބައިޑްންއާއި އުފެދިފަ އޮތް ޒަމާންވީ ގުޅުމުގެ ބޭނުން ކުރައްވައިގެން، އަލަށް އުފައްދާ ހަތިޔާރުތައް މަދުކުރުމަށްޓަކާ އެމެރިކާއާއި ރަޝިޔާއާއި ދެމެދު ވެވުނު އެއްބަސްވުން ސެނެޓުން ފާސްކުރުމުގައި ބައިޑްން މުހިންމު ރޯލެއް އަދާކޮށްފައި ވެއެވެ.

ދެވަނަ ދައުރަކަށް ނާއިބު ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތުން

ދެވަނަ ދައުރަކަށް ކުރެއްވި ކެމްޕޭނުގައި ބަރަކް އޮބާމާއާއި ޖޯ ބައިޑްންއަށް ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވީ ރިޕބްލިކަން ޕާޓީގެ ފަރާތުން 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި މަސަކުސެޓްސްގެ ކުރީގެ ގަވަރުނަރު މިޓް ރޫނީއާއި އޭނާގެ ރަނިންގ މޭޓް ވިސްކަންސިގްގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްގެ ގޮޑި ތަމްސީލު ކުރައްވަމުން ގެންދެވި ޕައުލް ރަޔާންއާއި އެވެ.

2012ގެ ރިޔާސީ އިންތިޚާބުގައި މިޓް ރޫނީ ބަލިކުރައްވާ އޮބާމާ ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވިއެވެ. އަދި ބައިޑްން އެމެރިކާގެ ނާއިބު ރައީސްކަމަށް ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތެވެ. މިއިންތިޚާބުގައި އިލެކްޓޯރަލް ވޯޓުގެ %60 އޮބާމާ ކާމިޔާބު ކުރެއްވިއެވެ. އަދި 1 މިލިއަން ވޯޓު އިތުރަށް ހޯއްދަވައިގެން، ޕޮޕިއުލާ ވޯޓުންވެސް މިޓް ރޫނީގެ މައްޗަށް ކުރި ހޯއްދެވިއެވެ.

އޮބާމާގެ ދެވަނަ ދައުރުގައި، ސަރުކާރުގައި ބައިޑްން އަދާކުރެއްވި ދައުރުން، ނާއިބު ރައީސެއްގެ ހަގީގީ ނުފޫޒު އެމެރިކާގެ ސަރުކާރުގެ ތެރެއިން ފެނިގެންދިޔައެވެ. އެހަރުގައި، އެމެރިކާގެ ބަޖެޓު ފާސްކުރުމުގައި، ޓެކްސް އިތުރު ކުރުމާއި އަދި ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަކުރުމުގައި، ބަޖެޓް ފާސްކުރުމަށް އޮތް މުއްދަތުގައި ބަޖެޓް ފާސްނުވެ، އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެދާނެ ފަދަ ހާލަތަކުން ސަލާމަތްކުރެވުނީ ބައިޑްން އިސްވެ ހުންނަވާއިގެ އެމެރިކާގެ ސެނެޓާއެކީ ކުރެއްވި މަޝްވަރާތަކުން ހޯއްދެވި ދެފަރާތައްވެސް އެއްބަސްވެވޭ ހައްލުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި މީގެ އިތުރުންވެސް އެދުވަސްވަރު، އާންމުން ވަޒަން ބޭނުންކުރެވޭ ހަތިޔާރު ގެންގުޅުން މަނާކުރުމަށް އެމެރިކާގައި ކުރެވިގެން ބޮޑެތި ބަހުސްތަކުގައި އެންމެ މުހިންމު ދައުރެއް އެމެރިކާގެ ސަރުކާރުގެ ފަރާތުން އަދާކުރައްވާފައި ވަނީވެސް ބައިޑްންއެވެ.

އޮބާމާގެ ދައުރަށްފަހު، އަމިއްލަ ދިރިއުޅުއްވުމަށް ވަޑައިގެންނެވުން

ބައިޑްންގެ ފުރަތަމަ އަބިކަބަލިން ކާރު އެކްސިޑެންޓެއްގައި އަވަހާރަ ވުމާއިގުޅިގެން ދެވަނަ ކައިވެންޏެއް ކުރެއްވީ 1977 ވަނަ އަހަރުއެވެ. އެއީ ބައިޑްގެ މިހާރުގެވެސް އަބިކަބަލުން ޖިލް ބައިޑްންއާއި އެވެ. މި ދެބޭފުޅުންނަށް 1981 ވަނަ އަހަރު ދެބޭފުޅުންގެ ކައިވެންޏަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅު އޭޝްލީ ލިބި ވަޑައިގަތެވެ.

2015 ވަނަ އަހަރުގެ މޭމަހު ބައިޑްންއަށް އަނެއްކާވެސް ތަހައްމަލް ކުރައްވަން ދަތި ފުން ހިތާމަ އަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ. ބައިޑްގެ ދަރިފުޅު ބޯ ސިކުޑީގެ ކެންސަރާއި ހަގުރާމަ ކުރުމަށްފަހު، އުމުރުން 46 އަހަރުގައި ދުނިޔެ ދޫކުރިއެވެ.

ބައިޑްންގެ މިދަރުފުޅާއި ބެހޭގޮތުން ލިޔުއްވާފައި ވެއެވެ. "ބޯ ބައިޑްންއަކީ ވަރަށް އާދައިގެ، އަދި މީހަކަށް ލިބޭނެ އެންމެ ފުރިހަމަ އިންސާނާ"އެވެ.

މި ހިތާމަވެރި ހާދިސާއަށްފަހުވެސް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ބައިޑްން ނިންމެވިއެވެ. އެހެންނަމަވެސް ވިސްނުން ބަދަލުކުރައްވާ، 2015 ވަނަ އަހަރު އޮކްޓޯބަރު މަހު، 2016 ވަނަ އަހަރުގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަން ބައިޑްން އިއުލާން ކުރެއްވިއެވެ. މިކަން ބައިޑްން އިއުލާން ކުރެއްވީ ވައިޓް ހައުސްގެ ރޯސް ގާޑްންގައި، އަބިކަބަލުން ޖިލްއާއި އަދި ރައީސް އޮބާމާގެ ހާޒިރުގައި ހުންނަވައިގެންނެވެ.

އެމެރިކާގެ ރައީސްކަމަށް 2016 ވަނަ އަހަރު ވާދަ ނުކުރައްވާނެކަން ބައިޑްން އިއުލާން ކުރައްވަނީ

ސަބަބެއްކަމުގައި ވިދާޅުވީ، ދަރިކަލުން ޖޯ ދުނިޔެ ދޫކުރެއްވުމާއި ގުޅިގެން ލިބިވަޑައިގެންފައިވާ ފުންހިތާމައިގެ ސަބަބުން ނަފްސާނީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް އެވަގުތު އެނިންމެވުން ނިންމަވަން މަޖުބޫރު ވެވަޑައިގެންނެވުމެވެ.

އެހެންނަމަވެސް، ވިދާޅުވީ، ހާލަތު ނިޔާކުރިގޮތުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވި ނަމަވެސް، ކަންކަމާ ބަސް ވިދާޅުނުވެ ނުހުންނަވާނެ ކަމުގައެވެ. އަދި ވިދާޅުވީ ޕާޓީއާއިގެން ކުރިޔަށް ވަޑައިގެންނެވުމަށާއި އަދި ގައުމާއިގެން ކުރިޔަށް ވަޑއިގެންނެވުމަށްޓާކާ ވިދާޅުވަންޖެހޭ ބަސްފުޅު ވިދާޅުވާނެ ކަމަށާއި، އަދި ކުރިޔަށް ވަޑައިގަންނަވާނެ ކަމަށެވެ.

2017 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު، އޮބާމާއާއި ބައިޑްގެ ރިޔާސީ ދައުރު ނިމެމުން ދަނިކޮށް ރައީސް އޮބާމާ ބައިޑްންއަށް 'ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް’ގެ ލަގަބު އެރުވިއެވެ. މިއީ އެމެރިކާގެ ރައްޔިތަކަށް އެގައުމުގެ ސަރުކާރުން އަރުވާ ޚިދުމަތުގެ އެންމް ޝަރަފްވެރި ލަގަބެވެ.

މިލަގަބު ބައިޑްންއަށް އެރުވުނީ ބައިޑްންއަށް ކުރިން އެގުމަކާއި ނުލާ ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އޮބާމާ ވިދާޅުވީ، ބައިޑްއަކީ އެމެރިކާއަށް ލިބޭނެ އެންމެ ވަފާތެރި ނާއިބު ރައީސް ކަމުގައެވެ. އަދި އޮބާމާ ބައިޑްން ސިފަކުރެއްވީ ބައިޑްންއަކީ އެމެރިކާގެ ތާރީޚުގެ ސިންގާގެ ގޮތުގައެވެ.

އެ ރަސްމިއްޔާތުގައި އޮބާމާ ވިދާޅުވީ ބައިޑްންއަށް މިޝަރަފް އެރުވޭ މައިގަޑު ސަބަބަކީ، އެމެރިކާގެ ރައްޔިތުންނަށް ބައިޑްން ދައްކަވާފައިވާ ތެދުވެރިކަމާއި، ގައުމަށްޓަކާ ބައިޑްންގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބާއި، އަދި އެތަކެއް ޖީލުތަކަކުން ހަދާންކުރާނެ، ބައިޑްން ގައުމަށް ކޮށްދެވާފައިވާ އަގުހުރި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އުފަލުން ބައިޑްން ކީރިތި ކުރެއްވި މި ރަސްމިއްޔާތުގައި ރައީސް އޮބާމާއަށާއި، ފަސްޓް ލޭޑީ މިޝެލް އޮބާމާ އަށާއި އަދި އަބިކަބަލުން ޖިލްއަށާއި ދެބޭފުޅުންގެ ދަރިންނަށް ހިތުގެ ފުންމިނުން ބައިޑްން ޝުކުރު އަދާކުރެއްވިއެވެ.

2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުން

2019 ވަނަ އަހަރުގެ އެޕްރިލް މަހުގެ 25 ވަނަ ދުވަހު 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ބައިޑްން އިއުލާން ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން 3 މިނިޓާއި ބައިގެ ވަގުތުކޮޅަކަށް ދެއްވި މި ސްޓޭޓްމަންޓުގައި ބައިޑްން ވިދާޅުވީ، ރައީސް ޓްރަމްޕްގެ ރިޔާސަތުގައި ގައުމަށް އޮތް ނުރައްކާ މާކުރިންވެސް އެގިވަޑައިގެންނެވި ކަމަށެވެ. އަދި ގައުމު އަމާން އައްސޭރިއަކަށް ގެންނަންޖެހޭ ވަގު އައިސް ޖެހިއްޖެ ކަމުގައެވެ.

ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީއަށް ވެދެވަޑައި ގެންނެވުމަށްފަހު، ޕްރޮގްރެސިޕް ކެޑިޑޭޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އައި އެމެރިކާގެ ވާމަންޓް ސްޓޭޓުގެ ސެނެޓަރ ސޭންޑާސް އެންމެ ފަހުން ބަލިކުރައްވާ ބައިޑްން ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓް ކަށަވަރު ކުރެއްވިއެވެ.

އަދި ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ރަނިންގ މޭޓެއްގެ ގޮތުގައި އަންހެން ބޭފުޅަކު އިޚްތިޔާރު ކުރައްވާނެކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާ، 2020 ވަނަ އަހަރުގެ އޮގްސްޓުމަހުގެ 11 ވަނަ ދުވަހު ބައިޑްން އޭނާގެ ރަނިންގ މޭޓެއްގެ ގޮތުގައި ކާމިލާ ހެރިސް ހަމަޖެއްސެވިކަން އިއުލާން ކުރެއްވިއެވެ.

ބައިޑްން އަދި ރަނިންގ މޭޓު ކާމިލާ ހެރިސް

އޮގަސްޓުމަހު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ޖޯ ބައިޑްންއާއި އެޕާޓީން ހަވާލުކުރިއެވެ. އަދި ރަސްމީގޮތުން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑީޑޭޓެއްގެ ހަސިއްޔަރުން ރިޔާސީ ކެމްޕޭން ފެއްޓެވިއެވެ.

2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން

އެމރިކާގެ ރިޔާސީ އިންތިޚާބުގެ ވޯލުން ބޭއްވުނުތާ 4 ދުވަސްފަހުން، ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ބައިޑްން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެމެރިކާގެ 46 ވަނަ އިންތިޚާބީ ރައީސަށް ވެވަޑައިގެންނެވިއެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާން ނުކުރެވި އޮތް އެންމެ ފަހުގެ ސްޓޭޓުކަމުގައިވާ ޕެންސެލްވީނިއާގެ ނަތީޖާއިން ރައީސް ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވާ ބައިޑްން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ވޯޓު ހޯއްދެވި ރިޔާސީ ކްޑިޑޭޓުގެ ރެކޯޑާވެސް އެކީގައެވެ. މި އިންޔޚާބުގައި 74 މިލިއަނަށްވުރެ ގިނަ ވޯޓު ބައިޑްން ހޯއްދަވާފައި ވެއެވެ.

އެމެރިކާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ބައިޑްން ވާދަކުރެއްވީ 1987 ވަނަ އަހަރުއެވެ. އެފަހަރު ނަން އަބުރާ ނެންގެވީއެވެ. އޭގެ ފަހުން 2007 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. އެހެންނަމަވެސް އެފަހަރުވެސް ނާކާމިޔާބު ވެވަޑައިގެންނެވީއެވެ.

އެންމެ ފުރަތަމަ އެމެރިކާގެ ރައީސްކަމަށް ވާދަކުރެއްވިތާ 30 އަހަރުފަހުން، ބައިޑްން މިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަންނަ ޖެނުއަރީމަހު ބައިޑްން އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ކުރައްވާނެއެވެ.

އެދުވަހަކީ ޖޯ ބައިޑްންގެ ދެކެވަޑައިގަންނަވަމުން އައި 33 އަހަރުވީ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެންދާނެ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *