ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެ އަންނަ އިންޑިއާ ވިޔަފާރިވެރިންނަށް ވިސާއާ ނުލާ 90 ދުވަހާ ހަމައަށް ރާއްޖޭގައި ތިބެވޭ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ.
މިއީ ރާއްޖެއާ އިންޑިއާ ދެމެދު ޑިސެމްބަރު 17، 2018 ގައި ވެފައިވާ ވިސާއާއި ގުޅޭ އެއްބަސްވުމުގެ ދަށުން މިމަހު 1އިން ފެށިގެން ޢަމަލުކުރަން ފެށި އުސޫލެކެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެކި ފަހަރު މަތިން އެތެރެވޭ ތިން މަސް ދުވަހުގެ ނަން-ރެޒިޑެންޓް ބިޒްނަސް ވިސާއެއް ކޮންމެ ހަ މަހަކުން އިންޑިއާ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެކަމަށެވެ.
ތިން މަސް ދުވަސް ހަމަވުމުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރަން ފުރުސަތު ވެސް ލިބެ އެވެ. އެ ހަ މަސް ދުވަހަކީ ފުރަތަމަ ތިން މަސް ދުވަހުގެ އިތުރަށް ގުނާ ދުވަސްތަކެއް ކަމުން ނުވަ މަސް ދުވަހާ ހަމައަށް މި ވިސާ ބޭނުންކޮށްގެން ރާއްޖޭގައި އިންޑިއާ މީހުންނަށް ހިލޭ މަޑުކުރެވޭނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ބިޒްނަސް ވިސާ އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ހުށަހަޅަން ޖެހެ އެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ބިޒްނަސް ވިސާ އާކުރަން މަޖުބޫރުކަމަށެވެ.
މިހާރު ވެސް އެ އުސޫލުގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް އެތެރެވެވޭނެ ކަމަށާއި ވިސާ މުއްދަތު އިތުރުކުރަން ހުށަހެޅޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ