މިސްރު ބަލިކޮށް އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސެނެގާލް ހޯދައިފިއެވެ.
ސެނެގާލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާއަކުން މިސްރުގެ މައްޗަށް ކުރިހޯދައިގެންނެވެ.
ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ސެނެގާލް އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެއީ މެޗުގެ 8 ވަނަ މިނެޓުގައިލިބުނު ޕެނަލްޓީއެވެ. ނަމަވެސް ސެނެގާލްގެ މާނޭ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރ ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.
މުޅި މެޗުގައި ކަހަލަ ގޮތަކަށް ދެ ޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ކުޅެ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް 90 މިނެޓު ހަމަވިއިރުއެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ދެން ޖެހުނީ އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ 2 ހާފު ކުޅޭށެއެވެ. އިތުރު ވަގުތުގައިވެސް ލަނޑެއްނުޖެހުމުން ފައިނަލް މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ސެނެގާލްއަށް ޗެމްޕިއަަންކަން ކަށަވަރުކޮަަށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ، މާނޭއެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ،
ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރުއެވެ. އޭނާ ވަނީ މި މުބާރާތުގައި 8 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީސެނެގާލްގެ ސާދިއޯ މާނޭއެވެ.
ކޮމެންޓު ފޮނުވާ