ގްރީން ސްޓްރީޓްސް ކޮޅަށް 11 ލަނޑު ޖަހައި އީގަލްސް ސެމީ ފައިނަލަށް

ގްރީން ސްޓްރީޓްސް ކޮޅަށް 11 ލަނޑު ޖަހައި އީގަލްސް ސެމީ ފައިނަލަށް

Author
ޔޫސުފް
05 ފެބްރުއަރީ 2022 07:17
0

މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް 11 ލަނޑު ޖަހައިން ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް ކާމިޔާބުކުރީ 0-11 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ކްލަބް އީގަލްސް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ، 4 މެޗުން ހޯދި 10 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މާޒިޔާއަށް ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ވާނީ މިރޭ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މި މެޗުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް މޮޅުވެއްޖެ ނަމަ ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބެއެވެ.

ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް މިއަދު ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ އީގަލްސްއެވެ. މުޅި މެޗުގައިވެސް އީގަލްސްގެ ގޯލާއި އަމާޒުކޮށް ގްރީންއަށް ފޮނުވާލެވުނީ ވަރަށް މަދު ހަމަލާއެކެވެ.

މި މެޗުގައި އީގަލްސްއިން ޖެހި 11 ލަނޑުގެ ތެރެއިން 4 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި މުހައްމަދު ސަމާހު މޫސާއެވެ. އަދި މުހައްމަދު ރަޔާން އާއި ޒައިން ޒަފަރު މި ދެ ކުޅުންތެރިން ވަނީ މި މެޗުގައި ހެޓްރިކްވެސް ހަދާފައެވެ. އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މުުހައްމަދު ސަހާފްއެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ އިން ސެމީ ފައިނަލަށް ދަތުރުކުރީ ޓީސީ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓްރީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.