ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިން ވަހީދު ފާއިތުވި ޑިސެމްބަރ މަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިޔަށް ދާނެއެވެ.
މި އިންތިޚާބުގައި ވާދަކުރަނީ މިވަގުތު ރާއްޖޭގައި އުފައްދާފައިވާ 3 ޕާޓީއަކުންނެވެ. އެއީ ވެރިކަން ހިންގާ އެމްޑީޕީއިންނާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ދާދިފަހުން އުފެއްދި، ކާނަލް ނާޒިމް އިސްވެ ހުންނަވާ އެމްއެންޕީންނެވެ. އަދި މި ތިން ޕާޓީންވެސް ވަނީ، މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކާ ފޯރިގަދަ ކެމްޕޭނެއްކޮށް އަދި ބޮޑެތި ޚަރަދުތަކެއްވެސް ކޮށްފައިކަން މި ފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
އަދި ވަކީން ޚާއްސަކޮށް އިންތިޚާބުގައި ވާދަކު ކުރަމުންދާ ޕީޕީއެމް އަދި އެމްއެންޕީގެ ކެނޑިޑޭޓާއި ޚިލާފަށް، ސަރުކާރުންވަނީ މި އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ، ބޮޑެތި ޚަރަދުތަކެއް ކުރުމުގެ އިތުރުން ކެމެޕޭނާއި ދިމާކޮށް ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް މި ދާއިރާގައި ފަށާދީފައެވެ. އަދި ގޮނޑި ހޯދުމަށްޓަކާ، ތަރައްގީގެ ބޮޑެތި ވައުދުތަކެއް ދާއިރާގެ ރައްޔިތުންނަށް ވެފައި ވެސްމެއެވެ.
ހަމައެއާއެކު، ސަރުކާރަށް މިއިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކާ، ސަރުކާރު ހިންގާ ކޯލިޝަންގެ ދެޕާޓީ ކަމުގައިވާ ޖޫހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ ލީޑަރުންވަނީ ދާއިރާއަށް ޒިޔާރަތްކޮށް، ކެނޑިޑޭޓަށް ކެމްޕޭން ކޮށްދީ، މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދީފައެވެ.
އެހެންކަމުން، ލިބިފައި ހުރި ވަސީލަތްތަކުންނާއި، ކެމްޕޭންގައި ހަރަކާތްތެރިވި މީހުންނާއި އަދި އަދި އެހެނިހެން ގޮތްގޮތުން ބަލާއިރުވެސް، ގޮޑި ކާމިޔާބު ކުރުމަށްޓަކާ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އިތުރުވެފައި ގިނަ ކަމުގައި ދަންނަވަން ޖެހެއެވެ.
ސަރުކާރުގެ އިންތިޒާރު؟
ރައީސް ސާލިހުގެ ވެރިކަމަށް 3 އަހަރު ފާއިތުވެގެން ދިޔަތަނާ ކަހަލަ ގޮތަކަށް ކުރިމަތިވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަވާން އޮތް އިންތިޚާބެކެވެ.
އެހެންނަމަވެސް، މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ސާފު މެޖޯރިޓީ އޮވެފައި، މިބޮޑު އަޢުލަބިއްޔަތާ އެކީވެސް، މިގޮޑި ނެގުމަށް ސަރުކާރުން ކުރި ހޭދައާއި، އަދި ދެއްކި ފޯރިއާއި، ފެނިގެންދިޔަ ޝައުރުވެރިކަން ވެގެން ދިޔައީ އެތައް ބައެއްގެ ހިތްތަކުގައި އެތަކެއް ސުވާލުތަކެއް އުފެއްދި ކަމަކަށެވެ. ސަބަބަކީ، މިހާރު މަޖިލިހުގެ ކޮމްޕޮޒިޝަން އޮތް ގޮތުން، ހަގީގަތުގައި މަޖިލިގުގެ ތެރެއިން ސަރުކާރުން ކުރަން ބޭނުންވާ ކަމަކަށް ހުރަސް އެޅޭވަރުގެ، ނުވަތަ ގޮންޖެހުމެއް ކުރިމަތި ކުރުވޭވަރުގެ މެޖޯރިޓީއެއް، ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރަމުންދާ މެމްބަރުންގެ މެދުގައި ނެތްކަމެވެ.
މިގޮތުން މި މެމްބަރުންގެ އަދަދަށް ބަލާއިރު، ގާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީވެސް އޮތީ ރައީސް ސާލިހަށް ތާއީދު ކޮށްގެން ކަމަށް ވުމާއެކު، ދެން ބާކީ ތިއްބެވި މަދު މެމްބަރުން ކޮޅަށް އެންމެ ބޮޑުވަރަކަށްވެސް ކުރެވެން އޮތް ކަމެއްގެ ގޮތުގައި ފެންނަމުންދަނީ މަޖިލިސް ބޮއިކޮޓް ކޮށްލުމެވެ. އެހެންކަމުން، ހަގީގަތުގައި ވެސް، މަޖިލިހުގެ ފްލޯއިން ބިލެއް ފާސްކުރުން ކަމުގައިވި ނަމަވެސް، ކޮމިޓީތަކުގެ މަސައްކަތް ސަރުކާރު ބޭނުންވާ ގޮތަށް ބައްޓަން ކުރުން ކަމުގައިވި ނަމަވެސް، އޮތް މެޖޯރިޓީއަށް ބަލާއިރު، ސަރުކާރަށް އެއްވެސް ވަރެއްގެ ގޮންޖެހުމެއް މަޖިލިސްތެރެއިން އޮވެގެންވާނެ ކަމުގައި ބެލެވޭކަށް ނެތެވެ.
އެހެންނަމަވެސް، މި ހުރިހާ ސަބަބުތަކާއެކުވެސް، 65ވަނަ ގޮނޑި ނެގުމަށް ސަރުކާރުން މިވަނީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ތަރައްގީގެ މަޝްރޫއުތައް ކޮމަންޑޫ ދާއިރާގައި މި ކެމްޕޭނާ ދިމާކޮށް ފަށާދީ، އަދި އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ތަރައްގީގެ މަޝްރޫއުތައް މިއަހަރު އެކަނިވެސް ފަށާދޭނެކަމަށް ވައުދުވެފައެވެ. މީގެ އިތުރުން، މި ގޮނޑިއަށް ސަރުކާރުގެ ޝައުގުވެރިކަން ހުރި މިންވަރަށް ބަލާއިރު، ތަރައްގީގެ ވައުދުތަކުގެ އިތުރުން ސީދާގޮތުންވެސް ފައިސާގެ ބޮޑު ޚަރަދެއް ސަރުކާރުން ކޮށްފައިވާނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ބޮޑު މެޖޯރިޓީއަކާއެކުވެސް މިގޮނޑި ކާމިޔާބު ކުރުމަށް ސަރުކާރުން ކުރި ބޮޑު ހޭދައާއި، ކުރި ބޮޑެތި މަސައްކަތްތައް ހަގީގަތުގައިވެސް، މަޖިލިހުގައި އޮތް އެމްޑީޕީގެ ބޮޑު މެޖޯރިޓީއަށްވުރެ ފުޅާކޮށް ތަރުޖަމާ ކުރަން ޖެހެއެވެ. އަދި އެ ތަރުޖަމާއަކީ، ރައީސް ސާލިހުއަށް އެމްޑީޕީގެ އެތެރޭގަ އޮތް ތާއީދު ތަމްސީލު ކޮށްދިނުމާއި، 2023ގެ ރިޔާސީ ޓިކެޓް އެޕާޓީ ތެރެއިން ކަށަވަރު ކުރުމަށް މިއިންތިޚާބުގެ ނަތީޖާއިން އެހީތެރިކަން ލިބިގެންދާނެ ދިއުމާއި، ކޯވިޑުގެ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، އާންމުންގެ މެދުގައި ސަރުކާރަށް ތާއީދު އޮތްކަން ސާބިތު ކޮށް ދިނުމާއި، އަދި އޭގެ އިތުރުން، އިދިކޮޅު ޕީޕީއެމްއިން، މިސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި ދެކޮޅަށް ކުރިޔަށް ގެންދާ އިންޑިއާއައުޓް ކެމްޕޭނުގެ ތާއީދު ނެތްކަން ބައިނަލް އަގުވާމީ ފަރާތްތަކަށް ދައްކާދީ، މިގޮތުން ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިފުރުސަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ.
އިދިކޮޅު ދެޕާޓީއަށްވެސް ނަތީޖާ އެހާމެ މުހިންމު!
ހަމަ އެފަދައިން ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު އަނެއް ނުކުތާއަކީ ސަރުކާރެކޭ އެއްފަދައިން ދެން މި އިންތިޚާބުގައި ވާދަކުރަމުންދާ އަނެއް ދެޕާޓީއަށްވެސް މި އިންތިޚާބުގެ މުހިންމުކަން ކުޑަ ނޫންކަމެވެ.
މިގޮތުން، ބައި އިލެކްޝްންގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންއިން ހުޅުވާލުމާއިއެކު، އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައީ އަލަށް އުފެއްދި އެމްއެންޕީން މި އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރި ކުރުމެވެ. އުފެއްދިތާ އޭރު އެންމެ 3 މަސްނުވާ ޕާޓީއަކުން، މަޖިލިސް ބައި އިލެކްޝަންގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ހުޅުވާލުމެވެ.
މިގޮތުން، އެމްއެންޕީ އަކީ، ފަހަކަށް އައިސް ރާއްޖޭގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ތަފާތު ދައްކާފައިވާ ޕާޓީއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާއިރު، ކޮމްނަޑޫ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށަށް ނިސްބަތްވާ ކެނޑިޑޭޓަކު އެޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުންވެސް ވެގެން ގޮސްފައިވަނީ، މި އިންތިޚާބާ ދޭތެރެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިގެން ދިޔަ އެއްކަމެއްގެ ގޮތުގައެވެ.
އަދި ހަަމަ އެފަދައިން، ވުޖޫދުވެ، އެތައް އަހަރެއްވަންދެން ސިޔާސީ މަސްރަހުގައި އަޑުގަދަ ކަމަށް ފާހަގަ ވަމުންއައި ބައެއް ޕާޓީތަކުންނާއި، ސިޔާސީ ގޮތުން ނަންހިގާފައިވާ ތަޖުރިބާހުރި ލީޑަރުންނާއި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބެވި ސިޔާސީ ޕާޓީތަކުން މި އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ނުވަނިކޮށް، އުމުރުން 6މަސް ނުވާ އެމްއެންޕީއިން، އިންތިޚާބިގައި ވާދަ ކުރުމަށް ނިންމާ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޕާޓީއާއި ވާދަކުރުމަށް އެޕާޓީން ނުކުތުމަކީ، ޕާޓީގެ ތެރޭގައި ސިޔާސީ ވިސްނުމާއި ޝައުގުވެރިކަން ހުރިކަން ރަމްޒު ކޮށްދޭ ކަމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
އެހެންކަމުން، ވެރިކަން ކުރާ އެމްޑީޕީއާއި، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއިން ނެރެފައިވާ ދެ ކެނޑިޑޭޓުންނާއި، ވާދަކޮށް، ނަތީޖާ ނިކުމެގެން އަންނަ ގޮތެއްގެ މައްޗަށް ރާއްޖޭގެ ސިޔާސީ މަސްރަހުން އާދަޔާ ޚިލާފު ބޮޑު ބަދަލެއް ފެނިގެންދިއުމުގެ އިތުރުން މިއީ އެޕާޓިއަށްވެސް ކުރިމަތި ވެގެންދާނެ ވަރުގަދަ އިމްތިހާނެއްގެ ގޮތުގައިވެސް މިފުރުސަތުގައި ސިފަކުރަން ޖެހެއެވެ.
ހަމަ އެފަދައިން އިކޮޅު ޕީޕީއެމްއިން ފާއިތުވެދިޔަ ތަނުގައި ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންގޮސްފައިވާ އިންޑިއާ އައިޓު ކެމްޕޭނާއި، އަދި އޭގެ އިތުރުން އެޕާޓީގެ ރައީސް، ކުރީގެ ރައީސް ޔާމިނަށް އަދިވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޝަރީއަތްތަކާއި، އަދި ކުރިޔަށް އޮތް ތަނުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ ޖަލު ހުކުމް ތަކަކީވެސް، މިއިންތިޚާބު އެޕާޓީއަށް މުހިންމުވެގެންދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.
އަދި ވަކީން ޚާއްސަކޮށް ފާހަގަ ކޮށްލަންޖެހެނީ، މި އިންތިޚާބުން ތަފާތު ބޮޑު ނަތީޖާއަކުން އެ ޕާޓީ ބަލިވެގެން ހިގައްޖެނަމަ، އެޕާޓީން ކުރިޔަށް ގެންދާ އިންޑިއާއައުޓު ކެމްޕޭނުގެ "ކްރެޑިބިލިޓީ" ބައިނަލް އަގުވާމީ ފަރާތްތަކުގެ ކުރިމަތީގައި ވަރަށްވެސް ބޮޑުތަނުން ގެއްލިގެން ދާނެކަމެވެ. އެހެންކަމުން، މި ކެމްޕޭންގެ ދިރިދެމި އޮތުމާއި، އަދި މިގޮތުން ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތްތައް އެއްވާނެއްގައި ކުރިޔަށް ގެންދިއުމަށް މިއިންތިޚާބުގައި ނަތީޖާއަކީ އެޕާޓީއަށް މަޖުބޫރު ނަތީޖާއެއްގެ ގޮތުގައި މެނުވީ ބެލެވޭކަށް ނެތެވެ.
މުޅި ގައުމު ކުރަމުންދާ އިންތިޒާރު!
ކޮމަންޑު ދާއިރާގެ ފޯރިގަދަ ކެމްޕޭނަކަށްފަހު، މިއަދު އެދާއިރާގެ ރައްޔިތުން ވޯޓު ފޮށިތައް ކައިރިއަށް ވޯޓުލާން ނިކުންނަ އިރު، މިއިންތިޚާބުގެ ނަތީއަށް އިންތިޒާރު ކުރަމުންދަނީ، ހަމައެކަނި އެދާއިރާގެ ރައްޔިތުންނާއި ވާދަކުރި ޕާޓީތަކުން އެކަނި ނޫންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މުޅި ގައުމު މިއޮތީ، ވާދަވެރި ކެމްޕޭނަށްފަހު ކުރިޔަށްދާ ވޯޓުލުމުން ނިކުންނާނެ ނަތީޖާއެއްގެ އިންތިޒާރީގައެވެ. އިންތިޚާބުގެ ފޯރި ކުރިޔަށްދިޔަ ގޮތުން، އިންތިޚާބު ކާމިޔާބު ކުރާނީ ވަކި ޕާޓީއެއްކަމުގައި ހުނިޖަހާ ފާހަގަ ކޮށްލެވޭ ވަރަށްވުރެ ވާދަވެރިކަން ބޮޑުކޮށް އިންތިޚާބުގެ ވާދަވެރިކަން ފެނިގެން ދިއުމަކީވެސް، މިއިންތިޚާބުގެ ނަތީޖާއަށް އެތައް ބަޔަކު އިންތިޒާރު ކުރަން ޖެހިފައިވާ އެއް ސަބަބު ކަމުގައިވެސް ދަންނަވަން ޖެހެއެވެ.
އަދި ހަމަ އެއާއެކު، އިންތިޚާބުން ނުކުމެގެންދާ ނަތީޖާއެއްގެ މައްޗަށް ރައްޖޭގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް އައިސް، އެތައް ބަޔަކު ސިޔާސީ ގޮތުން ޖަހަމުންދާ ހިސާބުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެ، މިގޮތުން އަންނާނޭ ބޮޑެތި ބަދަތަކަކީ މިއިންތިޚާބުގެ ނަތީޖާ އެތައް ގޮތަކުން ގިނަބަޔަކަށް މުހިންމުވެގެންދާ ސަބަބުތަކެވެ.
އެހެންކަމުން، ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވިގެންދަ އެންމެ މުހިންމު އެއް އިންތިޚާބުގެ ނަތީޖާ ވެގެން މިދަނީ ހުރިހާ ގޮތަކުންވެސް އާދަޔާ ޚިލާފަށް މުހިންމު ނަތީޖާއަކަށެވެ. މިނަތީޖާއަށް ކުރަންމުން މިދާ އިންތިޒާރަށް ނިމުން އައުމުގެ ވަގުތު މިވަނީ ޖެހިފައެވެ.