ގަބުރުސްތާނަށް ވަދެ އުޅުމުގެ އަދަބުތައް

ގަބުރުސްތާނަށް ވަދެ އުޅުމުގެ އަދަބުތައް

Author
ހުސެއިން
04 ފެބްރުއަރީ 2022 10:39
0

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ސުންނަތް ގޮތަކީ ގަބުރުސްތާނަށް ވަންނަ އިރުގައި ފައިވާން ބާލާފައި ވަނުމެވެ. ނަމަވެސް ބިންމަތީގައި ކަށްޓާއި އެނޫންވެސް އެޛާތުގެ ތަކެތި ހުރެއްޖެނަމަ ފައިވާނާ އެކު ވަނަސްވެސް މައްސަލަ އެއް ނެތެވެ.

އިބްނު ގުދާމާ-ރަޙިމަހުﷲ- އެކަލޭގެފާނުގެ "މުޣްނީ" ގެ 2-224 ގައި ވިދާޅުވެފައިވެއެވެ. "ގަބުރުސްތާނަށް ވަންނަނަމަ ފައިވާން ބާލާހުށިކަމެވެ. އެއީ އެދެވިގެންވާ ކަމެކެވެ. ބަޝީރު ބިން ޚަޞާޞިއްޔާ އޭ ކިޔުނު ބޭކަލަކު ރިވާ ކުރައްވާފައިވެއވެ.) بَيْنَا أَنَا أُمَاشِي رَسُولَ اللَّهِ صلى الله عليه وسلم إذَا رَجُلٌ يَمْشِي فِي الْقُبُورِ , عَلَيْهِ نَعْلَانِ , فَقَالَ : يَا صَاحِبَ السِّبْتِيَّتَيْنِ , أَلْقِ سِبْتِيَّتَيْك . فَنَظَرَ الرَّجُلُ , فَلَمَّا عَرَفَ رَسُولَ اللَّهِ صلى الله عليه وسلم خَلَعَهُمَا , فَرَمَى بِهِمَا)މާނައަކީ: "ތިމަންނާ ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ގަބުރުސްތާނުގައި ހިނގާފައި ދަނިކޮށް މީހަކު ފައިވާނުގައި ހިނގާ އަޑުއިވުނެވެ. އެހިނދު ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ސަބީބަތައިނި ގެ އަހްލުވެރިޔާއެވެ.ސަބީބަތައިނި އަކީ ގެރީގެ ހަންގަނޑު ހިއްކައިގެން ހަދާފައި ހުންނަ ފައިވާނަކަށް ކިޔޭ ނަމެކެވެ)، ކަލޭގެ ސަބީބަތައިނި އެއްލައިލާށެވެ. އެމީހާ ކުއްލިއަކަށް ބަލައިލިއެވެ. އެހިނދު އެގޮތަށް އެންގެވީ ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަން އެނގުމުން އެމީހާ ފައިވާން ބާލާފައި އެއްލައިލިއެވެ".

ގަބުރުސްތާނުގައި ފައިވާނުގައި ހިނގުމަކީ ހުއްދަ ކަމެއްކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ އަނަސް ބިން މާލިކް- ރަޟިޔަﷲ ޢަންހު- ގެ ރިވާޔަތެވެ. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރައްވާފައިވެއެވެ.) إن العبد إذا وضع فى قبره , و تولى عنه أصحابه حتى إنه ليسمع قرع نعالهم).މާނައަކީ: "މައްޔިތާ ކަށްވަޅަށް ލުމަށްފަހުގައި މީސްތަކުން އޭނާ ދޫކޮށް ދާން ހެދުމުން، މީސްތަކުންގެ ފައިވާނުގެ އަޑުތައް މައްޔިތާ އަށް އިވޭނެއެވެ". މި ޙަދީޘް އިން ދަލާލަތު ކޮށްދެނީ ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި މީސްތަކުން ފައިވާނާ އެކުގައި ގަބުރުސްތާނަށް ވަދެއުޅުނު ކަމެވެ.

މި މައްސަލާގައި ޝައިޚް އުޘައިމީން-ރަޙިމަހުﷲ- އާއި ސުވާލުވެވުމުން ވިދާޅުވިއެވެ.

"ގަބުރުސްތާނުގައި ފައިވާނާ އެކު ހިނގުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. އެންމެ މޮޅު ގޮތަކީ ޙާޖަތެއް އޮވެގެން މެނުވީ ފައިވާން ބާލާފައި ގަބުރުސްތާނަށް ވަނުމެވެ. ޙާޖަތަކީ ގަބުރުސްތާނުގައި ކަށި ގިނަވުން، ގާގިނަވުން، ނުވަތަ ހޫނު ގަދަކަމުން ހުސްފައިގާ ހިނގަން އުނދަގޫވުން ފަދަ ކަންތަކެވެ".

والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.