2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ވަކިވަކި ފަރާތްތަކުން ހިންގާފައިވާ ޖިނާޢީ ކުށްތައް ފާހަގަކޮށް އެކުށްތައް ތަޙްޤީގު ކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން އެދިއްޖެއެވެ.
ޕީޕީއެމް ގެ ފަރާތުން އެގޮތަށް އެދުނީ ވަކިވަކި ފަރުދުން ހިންގާފައިވާ އެ މައްސަލަތަކަކީ ޖިނާޢީ މައްސަލަތަކަށް ވާތީވެ އެ މައްސަލަތައް ތަޙްޤީޤު ކުރުމުގެ ބާރު ޤާނޫނުން ލިބިދެނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ކަމަށް ވެފައި އެފަރާތުން އެކަންކަން ތަޙްޤީޤު ކުރުމުގައި ލަސްތަކެއް ހުރުމުން ނުވަތަ އެފަރާތަށް ހުށަހަޅާފައިވާ މައްސަލަތައް ބަލަމުން ދާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީކަމަށް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް ގެ ފަރާތުން ވަނީ ރިޔާސީ އިންތިޚާބާގުޅޭ 25 ކަމެއް ފާހަގަކޮށް އެމައްސަލަތައް ތަޙްޤީޤު ކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތުގައި މީގެ ހަފްތާއެއްގެ ކުރިން އެދިފައިކަމަށް ޕީޕީއެމް އިން ބުންޏެވެ.
ނަމަވެސް މިހާތަނަށްއައިއިރުވެސް އެ މައްސަލަތައް ބެލުމުގައި އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާކަން ނޭނގޭކަމަށް ޕީޕިއެމް އިން ބުންޏެވެ.
ޕީޕިއެމް އިން ބުނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެ 223 ވަނަ މާއްދާގައި، ޕްރޮސެކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތު ތަކާއި ބާރު ތަކުގެ ތެރޭގައި، އެމާއްދާގެ (ޅ) ގައި " ޖިނާޢީ ކުށެއްކަމަށް ތުހުމަތުކުރެވޭ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަޙްޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް އޭނާއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުން " ހިމެނިފައިވާތީ ޕީޕީއެމުން ފުލުހަށް ހުށައަޅައި ތަޙްޤީޤު ކުރިއަށް ނުދާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އަމުރެއް ނެރެދެއްވަން އެދުނީކަމަށެވެ.
One Response
ފުރަމަތަ ބަލަންވާންވާނީ 2013 ގެ އިންތިހާބާ ގުޅިގެން ހިންގާފައިވާ ޖަރީމާތަކެވެ. ޔާމީނުވަނީ އިއުތިރާފުވެފަ ވެރިކަން ލިބުނީ ކޯޓުން ކަމަށް. އަދި 2018ގެ އިންތިހާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ގޮތުގެ ތަހުގީގެއްވެސް ހިންގުމަށް އިންތިހާބުގެ ކަންކަމުގެ ވާހަކަ ދައްކަންވާނީވެސް.