ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން ސައުދީ އަރަބިއްޔާ އާއި ސީޝެލްސްގެ ޤައުމީ އަންހެން ޓީމާ ދެކޮޅަށް އެކުވެރި ކަމުގެ މެޗުތަކެއް ކުޅުމަށް ނިންމައިފިއެވެ.
މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތައް ކުޅުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ ތެރޭގައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހާއި 18 ވަނަ ދުވަހު ގައުމީ އަންހެން ޓީމު ވާދަކުރާނީ ސީޝެލްސްއާއެވެ. އަދި ފަހު މެޗުގައި މިމަހުގެ 24 ވަނަ ދުވަހު އަންހެން ޓީމު ނުކުންނާނީ ސައުދީ އަރަބިއްޔާގެ އަންހެން ޓީމާއި ދެކޮޅަށެވެ. މި މެޗުގެ ކުރިން 20 ވަނަ ދުވަހު ސައުދީ އާއި ސީޝެލްސް ވާދަކުރާ އެކުވެރިކަމުގެ މެޗެއްވެސް މާލޭގައި ކުޅުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.
ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން މިހާރު އަންނަނީ ބޭރުގެ ކޯޗާއެކު މި މެޗުތަކަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރަމުންނެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މިދިޔަ ޖެނުއަރީ މަހު ސާބިއާގެ ކޯޗެއް ކަމަށްވާ ޑޭވޯ ބާބާ ވަނީ ހަމަޖައްސާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހު ކުޅޭ މެޗުތަކަކީ އައު ކޯޗަށް، ރާއްޖެ ޓީމުގެ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ތާވަލުކުރި މެޗުތަކެކެވެ. އެއީ މިއަހަރު ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ނިންމާފައިވާތީ އެމުބާރާތުގެ ކުރިން ކޯޗަށް، ރަނގަޅު ޓީމެއް ތައްޔާރު ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ތާވަލުކުރި މެޗުތަކެއްވެސް މެއެވެ.
ކޮމެންޓު ފޮނުވާ